ޖުވާ ކުޅެގެން ހަތަރު އަހަރުގެ ޖަލު ހުކުމް އަންނަ އިސްލާހު ދިރާސާކުރަން ފޮނުވާލައިފި

ޖުވާ ކުޅުމާއި ޖުވާ ކުޅޭ ތަންތަން ހިންގުމަކީ ޖިނާއީ ކުށެއް ކަމަށް ކަނޑައަޅައި، އެއް އަހަރާއި ހަތަރު އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވޭ ގޮތަށް ހަދަން ސަރުކާރުން ހުށަހެޅި އިސްލާހު ބަލައިގެންފިއެވެ. ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެންބަރު އަޙްމަދު އަޒާން މަރްޒޫޤް އިއްޔެ ހުށަހެޅުއްވި މި އިސްލާހުގައި ވަނީ ޖުވާއަކީ ކޮބައިކަމާއި ޖުވާގެ ގޮތުގައި ނުހިމެނޭ ކަންކަންވެސް ހިމަނައިފައެވެ. ދައުރުން ބޭރުން މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި މި އިސްލާހު ބަލައިގަތީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 50 މެންބަރުންގެ އިއްތިފާގުންނެވެ. https://sun.mv/216266 އިސްލާހުގައިވާ ގޮތުން، މުނިފޫހިފިލުވުން ނުވަތަ ކުޅިވަރުގެ ބޭނުމަށް އެކި ފަރާތްތަކުން އިންތިޒާމުކޮށްގެން ބާއްވާ މުބާރާތްތަކުގައި ބައިވެރިވެ، އެފަދަ މުބާރާތްތަކުގެ ބައިވެރިންނަށް ފައިސާ، ނުވަތަ އަގުހުރި އެއްޗެއް އެކުލެވޭ އިނާމެއް ދިނުމާއި، އެއްވެސް އަގެއް ދިނުމަކާ ނުލާ މީހުންގެ މެދުގައި ގުރުއަތު ލައިގެން ހޮވޭ ފަރާތަކަށް ނުވަތަ ފަރާތްތަކަށް ފައިސާ، ނުވަތަ އަގުހުރި އިނާމެއް ދިނުން ޖުވާ ކުޅުމުގެ ތެރޭ ނުހިމެނެއެވެ. ގާނޫނަށް ގެންނަން ހުށަހެޅި އިސްލާހުގައި އޮންލައިންކޮށް ހިންގާ ޖުވާ ކުޅުމުގެ ވިޔަފާރި ވެސް ވަނީ ހިމަނައިފައެވެ. ޖުވާ ކުޅުމުގެ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ. އެންމެ ބޮޑު އަދަބަކީ ހަތަރު އަހަރުގެ ޖަލު ހުކުމެކެވެ. ޖުވާ ކުޅުމާއި ޖުވާ ކުޅޭ ތަނެއް ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް މަސައްކަތްތައް ފަށްޓަވައިފައިވާ ކަމަށާއި، އެގޮތުން ޤާނޫނުލްޢުޤޫބާތު އިސްލާޙުކުރަން ސަރުކާރުން ބިލެއް ހުށަހެޅިކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވީ މިދިޔަ މަހުގެ 10ވަނަ ދުވަހެވެ. ރާއްޖޭގައި ޖުވާކުޅުން، ޚާއްސަކޮށް އޮންލައިންކޮށް ގޭމްތަކުންނާއި އެހެނިހެން ގޮތްގޮތުން ޖުވާ ކުޅުން އިތުރުވެފައިވާތީ ފަަހަކަށް އައިސް ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އޭގެ ސަބަބުން މާލީ ގެއްލުންތައް ލިބެމުން ދިޔަ ނަމަވެސް މިހާތަނަށް ޖުވާ ކުޅުމަށް ގާނޫނުލްއުގޫބާތުގައި އަދަބެއް ކަނޑައަޅައިފައިނުވެއެވެ. ޖުވާ ކުޅުން ހުއްޓުވުމަށް ޓަކައި މިދިޔަ އަހަރުތަކުގެ ތެރޭގައި ރާއްޖޭގައި، ބެޓްކުރަން ބޭނުންކުރާ ސައިޓުތަކެއް ބްލޮކުކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ