ޤިޔާމަތް ދުވަހު ސަލާމަތް ނެތް ޢަމަލު: ޢަބުރަށް އަރައިގަތުން
އެހެން މީހުންގެ ޢަބުރަށް ހުތުރުވާހެން ޢަމަލުކުޅަ މީހާ ޤިޔާމަތްދުވަހުން ވެއްޓެނީ ވަރަށް ނިކަމެތި ހާލަތަކަށެވެ. އެއީ އޭނާ ދުވަހަކު ވެސް އެ ހާލަތަށް ވެއްޓިދާނެއޭ ހީކުރެވުނު ހާލަތެއް ނޫނެވެ. ޤިޔާމަތްދުވަހު މި ބިރުވެރި ހާލަތަށް ވެއްޓޭ މީހުންނަކީ ދުނިޔޭގައި އެހެން މީހުންގެ އަބުރު ކަތިލައި، އެހެން މީހުންނަށް ކުޑައިމީސްކުރި މީހުންނެވެ. އޭނާ ދުނިޔޭގައި މީހުންނަށް ނިކަމެތިކޮށް ހެދީ ޢަދުލުވެރި އިންސާފުވެރި ނިޔާ ކަނޑައެޅޭ ދުވަސް އޭނާޔާ ބައްދަލުކުރާނެކަން ޤަބޫލުނުކޮށް ހުރެ ކިބުރުވެރިކަމާ އެކުއެވެ. އެފަދަ މީހުންނަށް ޤިޔާމަތްދުވަހުން ޖެހެނީ އޭނާ ކުޅަ ހެޔޮ ޢަމަލު އޭނާގެ ފަރާތުން އަނިޔާ ލިބުނު މީހުންނަށް ދޭށެވެ. ތިމާ ދުނިޔޭގައި ކުޅަ ހެޔޮ ޢަމަލުތަކުގެ ހިސާބުކުރާ ދުވަހު، އެ އަޖުރުން އެހެން މީހަކަށް ދޭން އެދޭނީ ކާކުހެއްޔެވެ؟ އެއީ ހެޔޮ ޢަމަލުން ނޫނީ މަންފާނުކުރާ ދުވަހެވެ. އެ ދުވަހު ކޮންމެ މީހަކަށް ވެސް އުޅޭނީ އަމިއްލަ މިލްކިތްޔާތުގައި ހުރި ހެޔޮ ކަންކަން ޢަދަދުގެ ގޮތުން މަދުވެގެންނެވެ. ދުނިޔޭގައި އެހައި ބުރަކޮށް އޭނާ ހިފި ރޯދައާއި ގިނަ ވަގުތު ހޭދަކޮށްގެން ކިޔެވި ޤުރުއާނާއި ލިބޭ މަދު އާމްދަނީއިން ކުރި ޞަދަޤާތުން ހޯދުނު އަޖުރުކޮޅު އެހެން މީހަކަށް ދޭންޖެހުމަކީ އެއްވެސް މީހެއްގެ ހިތަށް ކުޅަދާނަ ވާނޭ ކަމެއް ނޫނެވެ. އިންސާނާ ކިތަންމެ ބޭނުން ނުވިޔަސް، އެހެން މީހުންގެ ޢަބުރަށް ހުތުރުކޮށް ޢަބުރު ކަތިލައި، އަނެކާ ނިކަމެތިކުރި، ފާޖިރު ކޮންމެ މީހެއްގެ ނިމުން ހުންނާނީ މި ދެންނެވި ގޮތަށެވެ. ޤިޔާމާތްދުވަހުން އޭނާއަށް ޖެހޭނީ ސަވާބުން ބަދަލުދޭށެވެ. ބަދަލުދީ އަތްމަތި ހުސްވެ، އިތުރަށް ދޭނެ އެއްޗެއް ނެތިއްޔާ ދެން ޖެހޭނީ ދުނިޔޭގައި އޭނާ އެ މީހެއްގެ ޢަބުރު ކަތިލި މީހާގެ ނުބައި ޢަމަލުތައް ބޮލުއަޅައިގެން ގޮސް ނަރަކައަށް ވަންނާށެވެ. ލޮބުވެތި ކިޔުންތެރިންނޭވެ! މިއީ ކިހާ ނިކަމެތި ހާލެއްތޯއެވެ؟ މި ނިކަމެތި ހާލު ޖެހޭ މީހާއަކީ ޙަޤީޤީ މާނައިގައި މުފްލިސްވެފައި ވާ މީހާއެވެ. މުފްލިސްވުމަކީ އަތްމަތި ހުސްވެ، ބަނގުރޫޓުވުމެވެ. މި ވާހަކަ ބަޔާންކުރައްވައި، ބިރުވެރިކަމުގެ އިންޒާރު ދެއްވައި، ނަސޭހަތުގެ އިރުޝާދު ދެއްވައި ޞަޙާބީ ބޭކަލުންނަށް މުޙާޠަބު ކުރައްވައި ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّم ސުވާލެއް ކުރެއްވިއެވެ. "ބަނގުރޫޓުވެފައިވާ މީހަކީ ކާކުކަން ތިޔަ ބޭކަލުން ދެނެވަޑައިގަންނަވަމުތޯއެވެ؟" އެބޭކަލުން ދެންނެވީ، ބަނގުރޫޓުވެފައިވާ މީހަކީ، އެ މީހެއްގެ އަތުގައި ދިރުހަމެއް، ދީނާރެއް ނެތް މީހާއެވެ." ޞަޙާބީންގެ ޖަވާބު އެއީ މި ދުނިޔޭގެ ނަޒަރިއްޔާތުން ވިސްނަވައިފައި ދެއްވި ޖަވާބެކެވެ. އަޅުގަނޑުމެންގެ މި ޒަމާނުގެ ބަހުރުވައިން ބުނާ ނަމަ އެއީ ބޭންކްރަޕްޓުވުމެވެ. އެހެނަސް އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވި އެ ބަސްފުޅުން މުރާދުކުރެއްވީ އެއަށްވުރެ މާ ދުރު ވިސްނުންފުޅެކެވެ. އެއީ ޤިޔާމަތްދުވަހާ ހަމައަށް ފޯރާ ވިސްނުންފުޅެކެވެ. ހަޤީޤީ މާނައިގައި ބަނގުރޫޓުވެފައިވާ މީހަކީ ކާކުކަން ޞަޙާބީންނަށް ބުނެދެއްވައި ރަސޫލުﷲ صَلَّىٰ اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވިއެވެ. "ތިމަންކަލޭގެފާނުގެ އުންމަތުގެ މީހުންކުރެ، ބަނގުރޫޓުވެފައިވާ މީހަކީ ޤިޔާމަތްދުވަހު ނަމާދާއި، ރޯދައާއި، ޒަކާތާއިގެން އަންނަ މީހެކެވެ. އޭނާ އަންނައިރު އޭނާ ވަނީ އެވެނި މީހާއަށް އެއްޗެތި ގޮވައި، އެވެނި މީހެއްގެ ބޮލުގައި ޒިނޭގެ ތުހުމަތު އަޅުވައި، އެވެނި މީހެއްގެ މުދާ ނުޙައްޤުން ކައި، އެވެނި މީހާގެ ލޭ އޮހޮރުވައި، އެވެނި މީހެއްގެ ގައިގައި ތަޅާ އަނިޔާކޮށްފައެވެ. ދެންފަހެ، އޭނާގެ ހެޔޮ ކަންތަކުން އަނެކާއަށް ދެވޭހުށްޓެވެ. އަދި ދެންހުރި މީހާއަށް ވެސް ދެވޭހުށްޓެވެ. ދެން އޭނާގެ މައްޗަށް (ދަރާފައި) ހުރި މީހުންގެ ޙައްޤުތައް އަދާކޮށް ނުނިމެނީސް، އޭނާގެ ހެޔޮ ކަންތައް ހުސްވެ ގޮސް، އެބައެއްގެ ޙައްޤުތައް އޭނާގެ މައްޗަށް ދަރަނިވެފައިވާ މީހުންގެ ފާފަތައް އޭނާގެ ބޮލުގައި އެޅުވޭނެއެވެ. ދެން އެއަށްފަހު އޭނާ ނަރަކައަށް އެއްލައިލެވޭހުށްޓެވެ." (މި ޙަދީޘް ރިވާކުރެއްވީ އިމާމް މުސްލިމެވެ.) މި ޙަދީޘުގައި ރަސޫލުﷲ صَلَّىٰ اللهُ عَلَيْهِ وَسَلَّم ބުނެދެއްވައިފައިވާ ފަދައިން މީހަކު ޤިޔާމަތްދުވަހުން ﷲއާ ބައްދަލުކުރާ ހިނދު އޭނާގެ މި ޢަމަލުތަކުގެ ސަބަބުން ﷲގެ ދަރުބާރުގައި އޭނާއާ އިދިކޮޅަށް ދައުވާ ކުރެވޭ ހިނދު އޭނާގެ ހާލަތަކީ ކޮބައިކަމާމެދު ވިސްނައިލާށެވެ. އަދި ޢަދުލުވެރި އިލާހުގެ އެ ދަރުބާރުގައި، މި ޝަކުވާގެ ކައްފާރާއަކަށް ދެވެން އޮތް ހަމައެކަނި އެއްޗަކީ ބުރަކަމާ އެކު ތިބާ ކުޅަ ހެޔޮ ޢަމަލުކޮޅުކަން އެނގޭ ހިނދު އެ މީހެއްގެ ހާލާމެދު ވިސްނައިލާށެވެ. އަދި އެ މީހެއްގެ ހެޔޮ ޢަމަލު ހުސްވެ އަނެކާއާމެދު ދުނިޔޭގައި ތިބާ ރުޅިއެރި މީހާގެ ނުބައި ޢަމަލުތަކާ ހަވާލުވާން ޖެހުމުން ކުރެވޭނޭ އިޙުސާސާމެދު ވިސްނައިލާށެވެ. ދުނިޔޭގައި މީހަކާދިމާލަށް އެއްޗެތިގޮވައި ނިކަމެތި ކޮށްލުމަކީ އޭނާގެ ޢަބުރަށް އަރައިގަތުމެވެ. ޚާއްޞަކޮށް މުސްލިމުންނަކީ ޢިއްޒަތް ލިބިގެންވާ މީހުންނެވެ. އެ މީހުންގެ ޢަބުރަކީ ހިމާޔަތްވެގެންވާ އެއްޗެކެވެ. މީހުންގެ ބޮލުގައި ޒިނޭގެ ތުހުމަތު އަޅުވުމަކީ ވެސް އަބުރު ކަތިލުމެވެ. މީހުންގެ މުދާ ނުޙައްޤުން ފޭރުމާއި ޙައްޤަކައިނުލާ ލޭ އޮހޮރުވުމާއި ތަޅާ އަނިޔާކުރުމަކީ ވެސް އެ މީހުންގެ ޢަބުރަށް ކުޑައިމީސްކުރުމެވެ. އެހެންކަމުން ވަރަށް ސަމާލުވެގެން ދަންނަންވީ ކަމަކީ އިންސާނުންގެ ޢަބުރަށް، ޚާއްޞަކޮށް މުސްލިމުންގެ ޢަބުރަށް ހުތުރުވާ އެއްވެސް ގޮތަކަށް ޢަމަލުކުރުމަކީ އެއްވެސް މުސްލިމަކަށް ލާއިޤުވެގެންވާ ކަމެއް ނޫން ކަމެވެ. އެ ކަން ހުއްދަވެގެން ނުވުމުގެ އިތުރަށް، އެ ކަން ކުރި މީހާއަށް ޤިޔާމަތްދުވަހުން އެ ޖެހޭ ނުރައްކާތެރި ހާލަތުގެ ވާހަކަ އަކީ އަދި މާ ދެރަ ކަމެއް ނޫންތޯއެވެ؟ ދުނިޔޭގައި މީހަކު ބަނގުރޫޓުވެ ކޮންމެ ފަދަ ނިކަމެތި ތަރަޖައަކަށް ވެއްޓުނަސް ސަލާމަތް ވާނޭ ދުވަހެއް އަންނާނެއެވެ. ނޫނީ މި ދުނިޔެއިން ނުކުމެގެން ކޮންމެސް ދުވަހަކުން ދާނެއެވެ. މިއާ ޚިލާފަށް ޤިޔާމަތްދުވަހުން ބަނގުރޫޓުވާ މީހާއަށް އެއްވެސް ގޮތަކުން ސަލާމަތެއް ނެތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ