އިންޑިއާގެ އޭއައި ސަމިޓްގެ ޑިކްލަރޭޝަންގައި ގިނަ ޤައުމުތަކަކާއެކު ރާއްޖެ ވެސް ބައިވެރިވެއްޖެ

އިންޑިއާގެ ނިއު ދިއްލީގައި މި މަހުގެ 18 އިން 19 އަށް ކުރިއަށްދިޔަ "އޭއައި އިމްޕެކްޓް ސަމިޓް" ނިންމާލުމަށްފަހު އެކުލަވާލި ޚާއްސަ ޑިކްލަރޭޝަންގައި ދިވެހިރާއްޖެ ހިމެނޭހެން ދުނިޔޭގެ 88 ޤައުމަކުންނާއި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުން ބައިވެރިވެއްޖެއެވެ. މި ސަމިޓަކީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)ގެ ދާއިރާއިން ބައިނަލްއަޤްވާމީ އެއްބާރުލުން އިތުރުކުރުމަށް ބޭއްވި މުހިންމު ބައްދަލުވުމެކެވެ. މި ސަމިޓްގެ ޑިކްލަރޭޝަން ބިނާކޮށްފައިވަނީ އެންމެންގެ ހެވާއި އުފަލަށް މަސައްކަތްކުރުމުގެ ފަލްސަފާ (ވެލްފެއާ ފޯ އޯލް، ހެޕިނަސް އޮފް އޯލް)ގެ މައްޗަށެވެ. މީގެ މައިގަނޑު މަޤްޞަދަކީ އޭއައިގެ ކުރިއެރުންތަކުގެ ފައިދާ މުޅި އިންސާނިއްޔަތަށް ހަމަހަމަކަމާއެކު ހިއްސާކުރުމާއި، މި ޓެކްނޮލޮޖީގެ ސަބަބުން އަންނަ ބަދަލުތަކަށް ދުނިޔެ ތައްޔާރުވުމެވެ. ޑިކްލަރޭޝަންގައި އޭއައިގެ ދާއިރާ ކުރިއެރުވުމަށްޓަކައި ހަތް މައިގަނޑު ތަނބެއް ނުވަތަ "ޗަކްރާ" އެއް ވަނީ ކަނޑައަޅާފައެވެ. މީގެ ތެރޭގައި އޭއައިއަށް ބޭނުންވާ ހުނަރުވެރި އިންސާނީ ވަސީލަތް ބިނާކުރުމާއި، އިޖްތިމާޢީ ގޮތުން މީހުން ބާރުވެރިކުރުވުމާއި، އޭއައި ސިސްޓަމްތަކަކީ ރައްކާތެރި އަދި އިތުބާރު ހިފޭ ވަސީލަތްތަކަކަށް ހެދުން ހިމެނެއެވެ. އަދި ތިމާވެއްޓާ ރައްޓެހި ގޮތަކަށް ހަކަތަ މަދުން ބޭނުންކުރާ ސިސްޓަމްތައް ތަރައްޤީކުރުމާއި، ސައިންޓިފިކް ދިރާސާތަކުގައި އޭއައިގެ ބޭނުން ފުޅާކުރުމުގެ އިތުރުން، އިޤްތިޞާދީ އަދި އިޖްތިމާޢީ ކުރިއެރުމަށް މި ޓެކްނޮލޮޖީ ބޭނުންކުރުން ހިމެނެއެވެ. ރާއްޖެ ވެސް ހިމެނޭހެން ދުނިޔޭގެ 88 ގައުމަކުން މި ސަމިޓްގައި ވަނީ ބައިވެރިވެފައި --- އޭއައިގެ ވަސީލަތްތަކަށް ހުރިހާ ޤައުމަކަށް ފޯރުންތެރިކަން އިތުރުކުރުމަށްޓަކައި "ޗާޓާ ފޯ ދަ ޑިމޮކްރެޓިކް ޑިފިއުޝަން އޮފް އޭއައި" ގެ ނަމުގައި އޮނިގަނޑެއް އެކުލަވާލުމަށް ވަނީ ހުށަހަޅާފައެވެ. މީގެ އިތުރުން އޭއައިގެ ކާމިޔާބު ތަޖުރިބާތަކާއި ރައްކާތެރިކަމުގެ އުސޫލުތައް ހިއްސާކުރުމަށް "ގްލޯބަލް އޭއައި އިމްޕެކްޓް ކޮމަންސް" އާއި "ޓްރަސްޓެޑް އޭއައި ކޮމަންސް" ފަދަ ޕްލެޓްފޯމްތަކެއް އުފެއްދުމަށް ވެސް ޑިކްލަރޭޝަންގައި ގޮވާލާފައިވެއެވެ. ސައިންޓިފިކް އިދާރާތަކުގެ މެދުގައި އޭއައިގެ ގުޅުން ބަދަހިކުރުމަށް ބައިނަލްއަޤްވާމީ ނެޓްވޯކެއް އުފެއްދުމާއި، އޭއައިގެ ވަސީލަތްތައް ޑިމޮކްރެޓައިޒްކޮށް ހުރިހާ ޤައުމަކަށް ފަސޭހައިން ލިބޭނެ ގޮތް ހެދުމަށް ވެސް މި ޑިކްލަރޭޝަންގައި ބާރުއަޅާފައިވެއެވެ. މިއީ އޭއައިގެ ފައިދާ ވަކި ބަޔަކަށްވުރެ ބޮޑަށް މުޅި އިންސާނިއްޔަތަށް ލިބިދިނުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. މި ސަމިޓުގައި ދިވެހިރާއްޖެއިން ބައިވެރިވުމަކީ، ކުރިއަރަމުން އަންނަ އާ ޓެކްނޮލޮޖީތަކުގެ ދާއިރާއިން ބައިނަލްއަޤްވާމީ މުޖުތަމަޢާއެކު ގާތުން މަސައްކަތް ކުރުމަށް ރާއްޖެއިން ދޭ އަހަންމިއްޔަތު ހާމަވާ ކަމެކެވެ. ރާއްޖެ ހިމެނޭހެން ހުރިހާ ޤައުމުތަކުން މި ޑިކްލަރޭޝަންގައި ބައިވެރިވުމުން، އޭއައިގެ ސަބަބުން އިންސާނިއްޔަތަށް ފައިދާހުރި އުޖާލާ މުސްތަޤްބަލެއް ބިނާކުރުމަށް ބައިނަލްއަޤްވާމީ އެއްބާރުލުން އިތުރުވެގެންދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ