މިދިޔަ މަސް ތެރޭ ރާއްޖޭގެ މައި އެއާޕޯޓު، ވެލާނާ އިންޓަނޭޝަލް އެއާޕޯޓް (ވީއައިއޭ)އިން ޖާސޫސު ކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި އިންޑިއާ ދެމީހުން ކޯޓުން ދޫކޮށްލީ އެމީހުންގެ މައްޗަށް އެކަށީގެންވާ ވަރަށް ހެކި ނެތުމުން ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
އެނގުން މުހިންމު - ފުލުހުން މިއަދު 'ދައުރު'އަށް ބުނީ، އެމީހުން ކޯޓުން ދޫކޮށްފައި ވަނީ މި މަހުގެ އަށް ވަނަ ދުވަހު ކަމަށެވެ.
މައްސަލައިގެ ފެށުން - ރާއްޖޭގައި ޖާސޫސް ކުރަން އުޅުނު ކަމަށް ބެލެވޭ އިންޑިއާއަށް ނިސްބަތްވާ ދެ މީހަކު އެއާޕޯޓުން ހައްޔަރު ކުރީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އެވެ. އެގޮތުން:
އެ މީހުން ޖާސޫސް ކުރަން އުޅޭ ކަމަށް ބެލެވުނީ އޭވިއޭޝަން ސެކިއުރިޓީން އެ މީހުން ބަލައި ފާސްކުރުމުގެ ތެރޭގައި ފާހަގަކުރެވުނު ކަންތައްތަކާ ހެދި އޭގެ ފަހުން ކޯޓަށް ގެންގޮސް އެ މީހުންގެ ބަންދަށް 10 ދުވަސް ޖަހާފައިވޭ
ތުހުމަތު ކުރެވޭ މީހުންގެ އަތުން، ޖާސޫސް ކުރަން ބޭނުން ކުރެވިދާނެ ފަދަ ސްޕައި ކެމެރާ ފެނިފައިވޭ
އެ ދެ މީހުންނާ އެކު ހަރަކާތްތެރިވި ކަމަށް ބެލެވޭ އިތުރު ބަޔަކު ރާއްޖޭން ފުރައިގެން ގޮސްފައި ވާކަން ކަށަވަރުވޭ
އެމީހުންގެ ބަންދުގެ މައުލޫމާތު ދިން ފަހުން ފުލުހުން މިކަމުގެ މާ ބޮޑު ތަފްސީލެއް ހާމަކޮށްފައި ނުވޭ
ވީ ކިހިނެއް؟ - ތަކުރާރުކޮށް މިދިޔަ ތިން ދުވަސް ތެރޭ 'ދައުރު'އިން ފުލުހުންނާ ސުވާލު ކުރުމުން، ފުލުހުންގެ ތަރުޖަމާނަކު ވަނީ މިކަމުގެ ފަހުގެ މައުލޫމާތު ހާމަކޮށްފަ އެވެ.
އިތުރަށް ކިޔާލަން: އިންޑިއާގެ 'ޖާސޫސުން'ގެ ޓީމެއް؛ އެއް ބަޔަކު އަތު ނުވެ ފުރައިފި
ބުނީ ކީކޭ؟ - "މައްސަލައިގެ ތަހުގީގު ކުރި ކުރުމުން އެ މީހުންގެ މައްޗަށް ޖިނާއީ ތުހުމަތެއް އުފުލޭ ވަރުގެ ހެކި ގަރީނާ ހޯދިފައި ނުވާތީ މި ދެ މީހުން ވަނީ މި މަހު އަށް ވަނަ ދުވަހު ދޫ ކުރެވިފައި،" ތަރުޖަމާނު ވިދާޅުވި އެވެ.
"އަދި މި މަހު ނުވަ ވަނަ ދުވަހު ދެ މީހުން ވަނީ ރާއްޖެއިން ފޮނުވާލެވިފައި."
މިކަމާ ގުޅޭ ގޮތުން އިތުރަށް ސުވާލު ކުރުމުން ތަރުޖަމާނު ވިދާޅުވީ، އެމީހުން ދޫކޮށްފައި ވަނީ ކުރިން ކޯޓުން ދިން 10 ދުވަހުގެ މުއްދަތު ހަމަވެގެން ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިޔުމުން، ކޯޓުން ކަމަށެވެ.
އެމީހުން ރާއްޖެއިން ފޮނުވާލީ އަނބުރާ ނާދެވޭ ގޮތަށް ކަމެއް ނުވަތަ ނޫން ކަމެއް އަދި ސާފެެއް ނޫނެވެ.
ގުޅުން ހުރި - މި މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް އިދިކޮޅު ޕީއެންސީގެ ފަރާތުން އެ ޕާޓީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު އިއްޔެ މަޖިލީހުގެ ޖަލްސާއަށް ކުއްލި މައްސަލައެއްވެސް ހުށަހެޅި އެވެ. ނަމަވެސް ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ ސުޕަމެޖޯރިޓީ އޮތް މަޖިލީހުން ވަނީ އެ މައްސަލަ ބަލައިނުގަނެ ބޭރުކޮށްލާފަ އެވެ.
'އިންޑިއާގެ ޖާސޫސުން' ކޯޓުން ދޫކޮށްލީ ހެކި ނެތިގެން: ފުލުހުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ