ގާދޫ ރައްޔިތުން ފޮނަދުއަށް ބަދަލުކޮށް ނިންމުން ފާހަގަކޮށްފި
ރައީސް ޔާމީންގެ ސަރުކާރުން ގެންގުޅުއްވާ އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން ލ. ގާދޫ ރައްޔިތުން އެއަތޮޅު ފޮނަދުއަށް ބަދަލުކޮށް، އެ މަޝްރޫއުގެ ނިންމުން ފާހަގަކޮށްފި އެވެ. ފޮނަދުއަށް ގާދޫ ރައްޔިތުން ބަދަލުކޮށް ނިންމާފައި ވަނީ މިރޭ އެރަށުގައި ކުރިއަށްދާ ރަސްމިއްޔާތެއްގަ އެވެ. އެ ރަސްމިއްޔާތުގައި ރައީސް ޔާމީނާއި ދައުލަތުގެ ވަޒީރުންނާއި އެކި ވުޒާރާތަކުގެ ވެރިން ބައިވެރިވެވަޑައިގެންނެވި އެވެ. ގާދޫ އަކީ 427 މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ. ގާދޫ މީހުން ފޮނަދުއަށް ބަދަލުކުރުމަށް ފޮނަދޫގައި ވަނީ 85 ފްލެޓް އަޅާފަ އެވެ. 3000 އަކަފޫޓުގެ ކޮންމެ އެޕާޓްމެންޓެއްގައި ތިން ކޮޓަރީގެ އިތުރުން ސިޓިންރޫމެއް ހުރެ އެވެ. ސަރުކާރު ހިންގާ ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމު އަބްދުﷲ ވިދާޅުވީ، ބޮޑު ރަށަކަށް ބަލާއިރު ފޮނަދޫ އަކީ ރާއްޖޭގެ އެހެން ރަށްރަށާ އަޅަައިބަލާއިރު ކުށް މަދު ރަށެއް ކަމަށެވެ. އެހެންކަމުން ފޮނަދުއަށް ތަރައްގީ މުހިންމު ކަމަށާއި ރައީސް ޔާމީން ފޮނަދުއަށް ހާއްސަ އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރައްވަމުން އަންނަ ކަމަށް ވިދާޅުވި އެވެެ. ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ފޮނަދުއަށް މީހުން ބަދަލުކުރުމުގައި އެ ރައްޔިތުންގެ ހައްގުތައް ގެއްލިގެން ނުދާނެހެން ހަމަހަމަގޮތެއްގައި އެކަން ކުރެވިގެން ދިޔައީ ފޮނަދޫ އަދި ގާދޫ ރައްޔިތުންގެ އެކުވެރިކަން ވަރަށް ރަނގަޅަށް ހާމަވިކަމެއް ކަމަށެވެ. އޭގެ އިތުރުން ގާދޫ ރައްޔިތުން ސަރުކާރުގައި އެދުނު ކަންކަން ކޮށްދިނުމަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށް މިނިސްޓަރު މުޢިއްޒު ވިދާޅުވި އެވެ. މިރޭ ފޮނަދޫގައި ބޭއްވި ރަސްމިއްޔާތުގައި ފޮނަދޫ އަދި ގާދޫގެ ގިނަ އަދަދެއްގެ ރައްޔިތުން ވެސް ބައިވެރިވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ