ޓްރާންސްފޯމަރު ބަހައްޓަން ކައުންސިލުން ބިމެއް ނުދިން، ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

މާލޭގެ ތިން ސަރަހައްދެއްގައި ބަހައްޓާފައިވާ ތިން ސަބްސްޓޭޝަނެއްގައި އިތުރު ޓްރާންސްފޯމަރުތަކެއް ބެހެއްޓުމަށް ބޭނުންވާ ބިން ހަމަޖައްސައިދިނުމަށް މާލެ ސިޓީ ކައުންސިލުގައި އެކި ފަހަރު މަތިން އެދުނު ނަމަވެސް، އެކަން ހަމަޖައްސައިދޭން ކައުންސިލުން ދެކޮޅު ހަދަމުންދާ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.
ސްޓެލްކޯއިން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، އެ ތިން ސަބްސްޓޭޝަނަކީ ގާކޮށި، ސިނަމާލޭ 2 ގޯތި ތެރޭގައި ހަދާފައިވާ ސަބްސްޓޭޝަނާއި މަޖީދިއްޔާ ސްކޫލު ކުރިމައްޗަށްވާ ގޮތަށް ހުރި ޕާކިންޒޯނާއި ދިމާލުގައި ހަދާފައިވާ ސަބްސްޓޭޝަންގެ އިތުރުން ވިޔަފާރިވެރިންގެ މިސްކިތާއި އިންވެގެން އޮތް ޕާކިން ޒޯނުގައި ހަދާފައިވާ ސަބްސްޓޭޝަން ކަމަށެވެ.
ސްޓެލްކޯއިން ބުނީ، ސިނަމާލޭ 2 ގޯތި ތެރޭގައި ބަހައްޓާފައިވާ 630 ކޭވީއޭގެ ޓްރާންސްފޯމަރަކީ މިހާރުވެސް، އޯވާލޯޑްވުމުގެ ސަބަބުން ކައިރީގައި ހުރި އެހެން ޓްރާންސްފޯމަރުތަކަށް އޭގެ ބައެއް ލޯޑް ޓްރާންސްފާ ކުރަންޖެހިފައިވާ ޓްރާންސްފޯމަރެއް ކަމަށާއި މިހާރު އެ ލޯޑް ޓްރާންފާ ކުރި ޓްރާންސްފޯމަރުތައްވެސް އޯވާލޯޑްވުމާ ގާތަށް ގޮސްފައިވާ ކަމަށެވެ.
އެހެންކަމުން އެ ސަބްސްޓޭޝަނުގައި އިތުރު ޓްރާންސްފޯމަރެއް ބެހެއްޓުމަށްޓަކައި، އެ ސަބްސްޓޭޝަނަށް ބޭނުންވާ ބިން ހޯދުމަށް 2 މެއި 2021 ގައި ސިޓީ ކައުންސިލުގައި ރަސްމީކޮށް އެދިފައިވާނެ ކަމަށާއި ނަމަވެސް އެ ސިޓީއަށް ޖަވާބެއް ނުލިބުމާ ގުޅިގެން އިތުރު ސިޓީތަކެއްވެސް ފޮނުވި، އެ ސިޓީތަކަށްވެސް ޖަވާބު ލިބިފައި ނުވާ ކަމަށް ސްޓެލްކޯއިން ބުންޏެވެ.
އެ ކުންފުނިން އިތުރަށް ބުނީ، ވިޔަފާރިވެރިންގެ މިސްކިތާއި އިންވެގެން ހުރި ޕާކިން ޒޯން ހުރި ބިމުގައި ބަހައްޓާފައިވާ 630 ކޭވީއޭގެ ޓްރާންސްފޯމަރަކީ 81 ޕަސެންޓް ޔުޓިލައިޒް ކުރެވިފައިވާ ޓްރާންސްފޯމަރަކަށްވުމާ އެކު، އިތުރު ޓްރާންސްފޯމަރެއް ބެހެއްޓުމަށްޓަކައި، އެ ސަބްސްޓޭޝަން ބޮޑުކުރުމަށް ބޭނުންވާ ބިން އެތަނުން ހަމަޖެއްސައި ދިނުން އެދި 13 ސެޕްޓެމްބަރު 2021ގައި ފޮނުވި ސިޓީއަށްވެސް ސިޓީ ކައުންސިލުން ޖަވާބެއް ދީފައިނުވާ ކަމަށެވެ.
އަދި މަޖީދިއްޔާ ސްކޫލް ކުރިމަތީ ޕާކިން ޒޯން ކައިރީގައި ބަހައްޓާފައިވާ 630 ކޭވީއޭގެ ޓްރާންސްފޯމަރުގެ 73 ޕަސެންޓް ޔުޓިލައިޒް ކުރެވިފައިވާއިރު، އެ ސަބްސްޓޭޝަނުގައި އިތުރު ޓްރާންސްފޯމަރެއް ބެހެއްޓުމަށްޓަކައި، އެ ސަބްސްޓޭޝަނާއި އިން ވެގެން އޮތް ހުސް ބިންކޮޅެއް ހަމަޖައްސައިދިނުމަށް 23 މެއި 2021 ގައި ކައުންސިލަށް ރަސްމީކޮށް ހުށަހަޅައި، އެ ސިޓީގެ ޖަވާބު ހޯދުމަށް އޭގެ ފަހުން ފޮނުވާފައިވާ ސިޓީތަކަށްވެސް މިއަދާ ހަމައަށް އެއްވެސް ޖަވާބެއް ދީފައިނުވާ ކަމަށްވެސް ސްޓެލްކޯއިން ބުންޏެވެ.
ސްޓެލްކޯއިން ބުނީ، މި ސަބްސްޓޭޝަންތަކުގެ ހާލަތު ބަޔާންކޮށް، ސިޓީ ކައުންސިލަށް ފޮނުވާފައިވާ ސިޓީތަކުގައި، އެ ޓްރާންސްފޯމަރުތައް އަވަސް ގޮތެއްގައި ނުބެހެއްޓިއްޖެ ނަމަ، އެ ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ކުރިއަށް އޮތް ދުވަސްތަކުގައި ކަރަންޓު ކެނޑުންފަދަ ދަތިތަކާ ކުރިމަތިލާން ޖެހުމަކީ އެކަށީގެންވާ ކަމެއް ކަމާއި އެ ޓްރާންސްފޯމަރުތައް ބެހެއްޓުމަށްޓަކައި ބޭނުންވާ ބިންތަކުގެ ކުރެހުންތައްވެސް ހިއްސާކޮށްފައިވާނެ ކަމަށެވެ.
އަދި ކުރިއަށް އޮތް ދުވަސްތަކަކީ ހޫނު މޫސުމާއި ރޯދަމަހުގެ ދުވަސްވަރުކަމުން، މި ޓްރާންސްފޯމަރުތައް އޯވާލޯޑުވެ، ކަރަންޓު ކެނޑުންފަދަ ކަންކަން ދިމާވެދާނެތީ، މި ބިންތައް ހަމަޖެހި މި ޓްރާންސްފޯމަރުތައް ވީއެންމެ އަވަހަކަށް ބެހެއްޓުމަށް ބޭނުންވާ ކަމަށް ސްޓެލްކޯއިން ބުންޏެވެ. އަދި ބުނީ، އެކަމަށްޓަކައި ބޭނުންވާ ޓްރާންސްފޯމަރުތަކާއި އެހެނިހެން އާލާތްތައްވެސް މިހާރު ކުންފުނީގައި އެބަހުރި ކަމަށެވެ.
“މި ކުންފުނިން 2021 ވަނަ އަހަރުން ފެށިގެން އެދެމުންދާ ގޮތަށް ބިން ހަމަޖައްސައިނުދީފި ނަމަ މާލޭގެ ބޮޑު ތިން ސަރަހައްދަކުން ކަރަންޓު ކެނޑުމުގެ ފުރުސަތު އޮތްކަން އަދި އެކަމުގެ ސަބަބުން އުނދަގޫތަކެއް ރައްޔިތުން ތަހައްމަލުކުރަން ޖެހިދާނެ ކަން ބަޔާންކޮށް މި ކުންފުނިން މިކަންކަމާ ގުޅިގެން ތަކުރާރުކޮށް ފޮނުވާފައިވާ ސިޓީތަކަށް އެއްވެސް ޖަވާބެއް ލިބިފައިނުވޭ،” ސްޓެލްކޯއިން ބުންޏެވެ.
އެ ކުންފުނިން ބުނީ އެ ސިޓީތަކަށް ޖަވާބު ދީފައިނުވާއިރު، ސިޓީ ކައުންސިލްގެ އިސްނެންގުވުމުގެ މަތިން މާލޭގެ 9 ނަންބަރު ކޮށި (ހ. ދޫވެހި ހުންނަ) ސަރަހައްދުގައި އިމާރާތްކުރަމުންދާ ފަރާތްތަކުން އެ ފަރާތްތަކަށް ކަރަންޓު ކަނެކްޝަން ހެދުމަށް ބޭނުންވާ ޓްރާންސްފޯމަރެއް ބަހައްޓައިދިނުމަށް އެދެމުންދާ ކަމަށް ބުނެ އާޓިފިޝަލް ބީޗުގައިވާ ވޮލީކޯޓާއި އިންވެގެން އޮތް ސަރަހައްދުން ބިމެއް ކަނޑައަޅައި 24 އޮކްޓޯބަރު 2022 ގައި ސިޓީ ފޮނުވާފައިވާ ކަމަށެވެ.
ސްޓެލްކޯއިން ބުނީ، އެ ކުންފުނީގެ ސަބްސްޓޭޝަންތަކަށް ބިން އިތުރުކުރުމަށް އެދި ހުށަހަޅާފައިވާ ބިންތައް ހަމަޖައްސައިދިން ނަމަވެސް، އެކަމުގެ ސަބަބުން އެއްވެސް ބަޔަކަށް ނުވަތަ ބައެއްގެ ބިމަކަށްވެސް ގެއްލުމެއްވެސް އަދި އަސަރެއްވެސް ނުކުރާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ