އިއްތިހާދު ހަދައިގެން މިތިބީ ރައީސް މައުމޫނާއި އިމްރާނާ؛ ބިރުވެރީ ކޮން ކަމެއްތޯ؟: ރައީސް ނަޝީދު

ކުރީގެ ރައީސް ޔާމީނާއި އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ އެޕާޓީގެ ރައީސް، ރައީސް ނަޝީދު، ކޯލިޝަން ހައްދަވާނެތީ އެކަމާއި ބިރު ހީވާ ކަމަށް އެމަނިކުފާނާއި ވާދަކުރައްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް ތާއީދު ކުރައްވާ މެންބަރުން ވިދާޅުވަމުންދާތީ، ރައީސް ނަޝީދުގެ ބަހުގެ ހަމަލާތަކެއް އެ ބޭފުޅުންނަށް ރައްދު ކުރައްވައިފިއެވެ.
އާޓީފިޝަލް ބީޗު ސަރަހައްދުގައި ހުކުރު ދުވަހުގެ ރޭ ބޭއްވި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ގެ ޕްރައިމަރީ ކެންޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވަނީ، އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ގެ ވިޝަން އަކީވެސް ރައީސް ނަޝީދާއި ސިޔާސީ ލީޑަރުންތައް ޖަލަށް ލުން ކަމަށް ވިދާޅުވެފައެވެ. އަދި ރައީސް ނަޝީދު، ރައީސް ޔާމީނާއި ކޯލިޝަން ހައްދަވާނެތީ ބިރު ގަންނަ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. 
"އެމަނިކުފާނު އެބަ ދައްކަވާ ކޯލިޝަނެއްގެ ވާހަކަވެސް. އެހެން ކަމާއިއެކު، މިއަދު، އަޅުގަނޑަށް ހަމަ ގައިމުވެސް އެންމެ ބިރު ހީވަނީ، އެމަނިކުފާނު ވެރިކަމަށް ވަޑައިގަތުމަށްޓަކައި، ރައީސް ޔާމީނާއި އެކީގައި ކޯލިޝަން އެއް ހައްދަވާފާނެތީ." މާރިޔާ ވިދާޅުވިއެވެ.
Advertisement
މާރިޔާގެ މިވާހަކަ ތަކަށް ރައްދު ދެއްވަމުން، އިއްޔެ ގއ. މާމެންދޫއަށް ވަޑައިގެން ވާހަކަ ދައްކަވަމުން ނަޝީދު ވަނީ، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި އެމަނިކުފާނު 18 މަސްދުވަހު ޓިނު ގޮޅިއެއްގައި ބަންދުކުރި ހާދިސާ ހަނދާން އާކުރައްވަމުން އެމަނިކުފާނު އެ ގޮޅީގައި ބަންދުކުރީ ޔާމީން ނޫން ކަމަށް ވިދާޅުވެފައެެވެ. 
"އަޅުގަނޑުމެން އިއްތިހާދު ހަދައިގެން މިތިބީ ރައީސް މައުމޫނާ. ދެން އިއްތިހާދުގެ އަނެއް މެމްބަރަކީ ޝެއިހް އިމްރާން. ދެން އަޅުގަނޑު މިވާހަކަ ދިގުކޮށް ދައްކާނެ ކަމެއް ނެތް މިތާކު. ބިރުވެރީ ކޮން ކަމެއްތޯ؟ އަޅުގަނޑު ނިލަންދޫއަށް ދިޔައިރު ކުއްޖަކު ހުރި ޓީޝާޓެއް ލައިގެން 18 މަސްދުވަހު އަޅުގަނޑު ބާއްވާފައި އޮތް ޓިނު ގޮޅީގެ ފޮޓޯއެއް ޖަހައިގެން. އެއީ ރައީސް ޔާމީން އަޅުގަނޑު ލާފާ އޮތް ޓިނު ގޮޅިއެއް ނޫން. ބިރުވެރީ، އެމްޑީޕީގެ ސިޔާސަތެއް ނުހިންގާކަން. އެނޫން އެއްވެސް ކަމެއް ބިރުވެއްރިއެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.
މިއާއެކު ނަޝީދު ވިދާޅުވީ ރައްޔިތުންނަށް ނިކަމެތިވެ، އެމްޑީޕީގެ ސިޔާސަތުތައް ތަންފީޒު ނުކުރެވެމުން ދިޔުމަކީ ޔާމީނަށްވުރެ މާ ބިރުވެރި ކަމެއް ކަމަށް ވިދާޅުވެފައިވެ އެވެ. އަދި އިއްތިހާދުގެ ލީޑަރުންނާއި އިއްތިހާދުގައި ހިމެނޭ ޕާޓީތައް ރުއްސަން ރައީސް ޞާލިހު ކުރައްވަމުން ގެންދަވާ މަސައްކަތަކީވެސް ބިރުވެރި ކަމެއް ކަމަށް ވިދާޅުވެފައެވެ.
"...ބިރުވެރީ އަޅުގަނޑުމެން ރާއްޖޭގެ ރައްޔިތުންނަށް މިއެދޭ ބަދަލު ނުގެނެސްދޭތީ. ބިރުވެރީ ނިކަމެތިކަން އަޅުގަނޑުމެންގެ ރައްޔިތުންނަށް ފޯރަމުންދާ ކަމުން. އަޅުގަނޑު ބިރުގަންނަނީ މަހުގެ އަގު 25 ރުފިޔާއަށް ނުއުފުލޭތީ. އަޅުގަނޑު ބިރު ގަންނަނީ ތެލުގެ އަގު 19 ރުފިޔާގައި ހުންނާތީ. އަޅުގަނޑު ބިރުގަންނަނީ ރާއްޖޭގައި ބާނާހާ މަހެއް އޭގެ 75 ޕަސެންޓް ރޮލާ ތައިލެންޑަށް ފޮނުވާ ކަމުން،" ނަޝީދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ