ކަރަންޓުގެ ހިދުމަތުން ނަގާ އަގު ހަމަހަމަކުރަން ހަމަސް ދީފި

މާލެއާއި ރަށްރަށުގައި ސްޓެލްކޯ އާއި ފެނަކައިން ފޯރުކޮށްދޭ ކަރަންޓުގެ ހިދުމަތަށް ނަގާ އަގު، ހަމަހަމަ ކުރަން ހަމަސް ދުވަހުގެ މުއްދަތެއް ދިނުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ފެނަކަ ކޯޕަރޭޝަނުން ރަށްރަށަށް ދޭ ކަރަންޓުގެ ހިދުމަތުގެ އަގާއި ސްޓެލްކޯ އިން މާލެއަށް ދޭ ކަރަންޓުގެ ހިދުމަތުގެ އަގު ހަމަހަމަކުރަން ގޮވާލައި މަޖިލީހަށް ގަރާރެއް ހުށަހެޅުއްވީ އެމްޑީޕީގެ ތޮއްޑޫ ދާއިރާގެ މެންބަރު ހުސައިން ޝިޔާން އެވެ.
މިގޮތުން ރަށްރަށާއި މާލެ ސަރަހައްދުގައި ވިޔަފާރިތަކަށް ބިލް ކުރަމުން އަންނަ ރޭޓާއި ބޭންޑްކުރުންތަކުގައި ގެންގުޅޭ ތަފާތުކުރުންތައް ނައްތާލައި ބޭންޑާއި ރޭޓް ހަމަހަމަ ކުރުމަށް ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ގަރާރު ފާސްކުރަން ފެންނަ ކަމަށް 56 މެންބަރުން ވޯޓު ދެއްވި އެވެ.
ގަރާރުގައި ވަނީ ކަރަންޓްގެ ހިދުމަތަށް އަގު ނަގާ ގޮތުގެ ބައެއް ތަފްސީލްތައް ވެސް ހިމަނާފަ އެވެ. އެގޮތުން ގަރާރުގައިވާ ގޮތުން 200 ޔުނިޓާއި 300 ޔުނިޓާ ދެމެދުގެ މިންވަރަކަށް ކަރަންޓް ބޭނުންކުރާ ނަމަ މާލޭގައި ނަގަނީ ޔުނިޓަކަށް 3.65 ލާރި އެވެ. އެކަމަކު ފެނަކަ ކޯޕަރޭޝަނުން ރަށްރަށުގައި ދޭ ކަރަންޓްގެ ހިދުމަތަށް އެ ޔުނިޓްތަކަށް ނަގަނީ ހަ ރުފިޔާ ކަމަށް ފާހަގަކޮށްފައިވެ އެވެ. ފެނަކައިން 100 ޔުނިޓާއި 200 ޔުނިޓާ ދެމެދުގެ ބޭންޑަށް 3.75 ރުފިޔާ ނަގާ އިރު މާލޭގައި އެ ރޭޓް ހުރީ 3.35 ރުފިޔާ އެވެ.
މިގޮތުން ހަމަސް ދުވަހުގެ މުއްދަތެއް ދިނުމަށް ކަނޑައަޅައި ތިން ހުށަހެޅުމެއް ވެސް މިއަދު ފާސްކުރި އެވެ. އެއީ ޓެރިފަށް ކުރާ އަސަރު ދެނެގަތުމަށް ޓެރިފް ރިވިއުއެއް ހެދުމާއި ވަސީލަތްތައް ބޭނުންކޮށްގެން ޓެރިފް ރޭޓްތައް ދައްކުރުމަށް މަސައްކަތް ކުރުމުގެ އިތުރުން ފެނާއި ނަރުދަމާގެ ހިދުމަތްތައް ހަމަހަމަކޮށް އަންނަ އަހަރު ޖޫންގެ ނިޔަލަށް ބިލްކުރަން ފެށުން ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ