ލޯކަލް ކައުންސިލް ޕާފޯމަންސް ރޭންކު އާންމުކޮށްފި، މައުލޫމާތު ހުށަހަޅާފައި ނުވާ 8 ރަށެއް ހިމެނޭ

ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން މިދިޔަ އަހަރުގެ ލޯކަލް ކައުންސިލް ޕާފޯމަންސް ގެ ރޭންކުތަކާއި އަތޮޅު ކައުންސިލްތަކުގެ ރޭންކުތައް އާންމުކޮށްފައިވާއިރު މައުލޫމާތުތަކާއި ކިތާބީ ހެކިތައް ހުށަހަޅާފައިނުވާތީ މާކްސް ނުދެވޭ 8 ރަށެއްގެ މައުލޫމާތު އާންމުކޮށްފިއެވެ.
އެލްޖީއޭ އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު ނިމިގެން ދިޔަ 2022 ވަނަ އަހަރު މައުލޫމާތުތަކާއި ކިތާބީ ހެކިތައް ހުށަހަޅާފައިނުވާ ރަށްތަކަކީ ރ. ދުވާފަރު ކައުންސިލް، ބ. ފުޅަދޫ ކައުންސިލް، އދ. ހަންޏާމީދޫ ކައުންސިލް، އދ. މަންދޫ ކައުންސިލް، ވ. ތިނަދޫ ކައުންސިލް، ވ. ރަކީދޫ ކައުންސިލް، ތ. ގާދިއްފުށީ ކައުންސިލް ގެ އިތުރުން ތ. ތިމަރަފުށީ ކައުންސިލް އެވެ.
ލޯކަލް ކައުންސިލް ޕާފޯމަންސް ގެ ރޭންކިންގެ ރަށު ކައުންސިލްތަކުން އެންމެ ކުރީގައި އއ. ބޮޑު ފޮޅުދޫ ކައުންސިލް އޮތް އިރު، ރޭންކިންގެ ދެވަނަގައި އޮތީ ބ. ފެހެންދޫ ކައުންސިލްއެވެ. އަދި މި ރޭންކިންގެ ތިން ވަނާގައި އޮތީ އއ. ފެރިދޫ ކައުންސިލްއެވެ. އެލްޖީއޭއިން އާންމުކޮށްފައިވާ ޕާފޯމަންސް ރޭންކު ލިސްޓުގެ އެންމެ ކުރީގައި އުޅޭ އަތޮޅު ކައުންސިލަކީ، ފ. އަތޮޅު ކައުންސިލެވެ. ރޭންކިންގެ ދެވަނަ ގައި ބ. އަތޮޅު ކައުންސިލް އޮތްއިރު ތިންވަނަ ލިބިފައިވަނީ ލ. އަތޮޅު ކައުންސިލަށެވެ.
މީގެ އިތުރުން ފާއިތުވި އަހަރުތަކުގެ ނަތީޖާ އާއި އަޅާބަލާއިރު ބޮޑު ކުރިއެރުމެއް ހޯދާފައިވާތީ ކަންނާ ހަނދާނީ ފިލާ ދީފައިވަނީ އަތޮޅު ކައުންސިލްތަކުން މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލަށެވެ. އަދި ރަށު ކައުންސިލް ތަކުން އެއްވަނަ ހޯދާފައިވަނީ މިލަދުންމަޑުލު އުތުރު ބުރީ ނިލަންދޫ ކައުންސިލަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ