ކައުންސިލް އިންތިޚާބުގައި އެއްވެސް ބަޔަކާ އިއްތިހާދު ނުވާން ޕީޕީއެމުން ނިންމައިފި

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެއްވެސް ސިޔާސީ ޕާޓީއަކާއެކު ކޯލިޝަނެއް ނުހަދާ ކުރިއަށްދިއުމަށް ޕްރޮގްރެސިވް ކޯލިޝަނުން ނިންމައިފި އެވެ.
އިދިކޮޅު ކޯލިޝަނުން މިގޮތަށް ނިންމީ ރޭ ދަރުބާރުގޭގައި އެ ޕާޓީން ބޭއްވި ކައުންސިލް ބައްދަލްވުމުގައެވެ.
މިގޮތަށް ނިންމީ ކޯލިޝަން ހެދުމުގެ ފުރުސަތު މުޅިން ބަންދުނުކޮށް، ޝަރުތުތަކަކާ އެކު އެކުގައި މަސައްކަތް ކުރުމުގެ މަގު ފަހިވާ ގޮތަށެވެ. ޝަރުތަކީ މަނީ ލޯންޑްރިންގެ ކުށުގައި ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރަން ގޮވާލައި ފާޅުގައި މަސައްކަތް ކުރާ ޕާޓީ އަކަށް ވުމެވެ. ދެ ވަނަ ކަމެއްގެ ގޮތުގައި ޔާމީންގެ ފިކުރަށް ތާއީދު ކުރުމާއި އެމަނިކުފާނުގެ ވެރިކަމުގައި ގެންނެވި ތަރައްގީ އާއި ދީނީ ސިޔާސަތަށް ތާއީދުކުރާ ޕާޓީއަކަށް ވުމެވެ.
މީގެ އިތުރުން ސަރުކާރު ހިންގުމުގައި ބައިވެރިވާ ޕާޓީއަކަށް ނުވުމާއި، ލާދީނީ ސިޔާސަތުތަކަށް ތާއީދު ކުރާ ބަޔަކަށް ވެގެން ނުވާނެ ކަމަށްވެސް ބުނެފައިވެއެވެ.
ޕާޓީގެ މެމްބަރުން ބަހުސް ކުރަން ހުޅުވާލި 20 މިނެޓުގެ ފުރުސަތުގައި، ގިނަ މެމްބަރުން ވިދާޅުވީ އެއްވެސް ޕާޓީއަކާ އިއްތިހާދު ނުވެ އިންތިޚާބު ކާމިޔާބު ކުރުމުގެ ގާބިލްކަން އެ ޕާޓީގައި އެބަހުރި ކަމަށެވެ. ޔާމީނަށް ނުހައްގުން އަނިޔާ ދެމުންދާ ސަރުކާރަކަށް ވާގިވެރިވާ އެއްވެސް ބަޔަކާ އެ ޕާޓީން ގުޅެން ނުޖެހޭ ކަަމަށް މެމްބަރުން ވިދާޅުވި އެވެ.
މި ހުށައެޅުމަށް ބަހުސް ކުރައްވަމުން ޕީޕީއެމްގެ ނާއިބް ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވަނީ ކައުންސިލް އިންތިހާބުގައި އެއްވެސް ޕާޓީއަކާއެކު އެ ކޯލިޝަނުން އިއްތިހާދު ނުވުމަށް ހުށައަޅުއްވާފައެވެ. ޕީޕީއެމްގެ ނާއިބް ރައީސް ގައްސާން މައުމޫން ތާއީދު ކުރެއްވި އެ އިސްލާހާއެކު ހުށައެޅުން ފާސްކޮށްފައިވަނީ 47 މެންބަރުންގެ ވޯޓާއެކުގައެވެ.
ކައުންސިލް އިންތިހާބުގައި ހުރިހާ ގޮނޑިތަކަށް ވާދަކުރަން އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ވަނީ ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ