ގަމުގައި ހަދަން ނިންމި ކެންސަރު ހޮސްޕިޓަލް މާލެއަށް ބަލުކުރުމުން މެމްބަރު ވިސާމް އެކަން ކުށްވެރިކުރައްވައިފި

ރައީސް ސޯލިހުގެ ސަރުކާރުން ލ.ގަމުގައި އިމާރާތްކުރަން ނިންމި ކެންސަރު ހޮސްޕިޓަލް މާލެއަށް ބަދަލުކުރަން ނިންމުމުން ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް އެކަން ކުށްވެރިކުރައްވައިފިއެވެ.
ރައީސް މުއިއްޒުގެ ސަރުކާރުން ކެންސަރު ހޮސްޕިޓަލް މާލެއަށް ބަދަލުކުރަން ނިންމި ނިންމުކީ މި ސަރުކާރުން އަތޮޅުތެރޭ އާއި ރަށްތަކުގެ ތަރައްގީއަށް އިސްކަން ނުދިނުމުގެ ނިޝާނެއްކަމަށް ވިސާމް ވިދާޅުވިއެވެ. ވިސާމް އިތުރަށް ވިދާޅުވީ ގައުމުގައި އެ ހޮސްޕިޓަލް ބިނާ ކުރުމަށް ކުރަންޖެހޭ މަސައްކަތްތައްވެސް މިހާރު ނިމިފައިވާކަަމަށެވެ.
ހޮސްޕިޓަލް މާލެއަށް ބަދަލުކުރަން ނިމްމާފައިވާއިރު އިންޑިއާގެ ޓާޓާ މެމޯރިއަލް ސެންޓަރުގެ މަންދޫބުން ގަމަށް ވަޑައިގެން ހޮސްޕިޓަލް ގާއިމް ކުރުމަށް ހުރަހެއް އޮތްތޯ ބެލުމަށް ފީސިބިލިޓީ ރިޕޯޓާއި ޑީޕީއާރު ރިޕޯޓު ހަދައި އިންޑިއާގެ ފޮރިން މިނިސްޓްރީން ފާސްކޮށްފައިވާކަމަށް ވިސާމް ވިދާޅުވިއެވެ.
ކެންސަރު ހޮސްޕިޓަލް މާލެ ސަރަހައްދަށް ބަދަލުކުރަން ނިންމީ ޓާޝަރީ ފަރުވާ ލިބެންނެތް ސަރަހައްދެއްގައި އެ ހޮސްޕިޓަލް އިމާރާތްކުރަން ޖެހުމުންކަމަށް މި ސަރުކާރުން ބުނި ނަމަވެސް ވިސާމް އެކަން ދޮގުކުރައްވާ ވަނީ ރައީސް ސޯލިހުގެ ވެރިކަމުގައި 130 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް ގަމުގައި އެޅުމަށް އެމްޓީސީސީއާއި ހަވާލުކޮށްފައިވާކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން ގަމުގައި ޓާޝަރީ ހޮސްޕިޓަލް އެޅުމަށް ހަވާލުކޮށްފައި އޮއްވައި އެ ހިދުމަތް ނުލިބޭ ކަމަށް ބުނެ ކެންސަރު ހޮސްޕިޓަލް ބަދަލު ކުރުމުން ސަރުކާރުން ދައްކާ ވާހަކަ ދެކޮޅު ނުޖެހޭ ކަން ހާމަވާކަމަށާއި މިކަމުގެ ސަބަބުން ގަމުގައި އެޅުމަށް ހަވާލުކޮށްފައިވާ ޓާޝަރީ ހޮސްޕިޓަލް ވެސް އެހެން ރަށަކަށް ބަދަލުކޮށްފާނެ ކަމުގެ ބިރު އެބައޮތް ކަމަށް ވިސާމް ފާހަގަކުރެއްވިއެވެ.
ސަރުކާރުގެ މި ނިންމުމަކީ ރައްޔިތުންގެ ހިޔާލެއް އަދި މަޝްވަރާއެއް ހޯދަން ބޭނުން ނުވާ ކަމުގެ އަލިގަދަ ހެއްކެއް ކަމަށް ފާހަގަކޮށް ވިސާމް ވަނީ މާލޭގައި އެ ހޮސްޕިޓަލް އެޅުމަށް ނިންމި ނިންމުން ބަދަލުކުރުމަށް ގޮވާލައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ