މެމްބަރު ސިރާޖު، ޕީޕީއެމަށް ސޮއިކުރައްވައިފި

ލ. ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު އިދިކޮޅު މައި ޕާޓީ، ޕީޕީއެމަށް ސޮއިކުރައްވައިފި އެވެ.
ސިރާޖު، ޕީޕީއެމްއާ ގުޅިވަޑައިގެންނެވީ ލ. ގަމުގައި މިރޭ ބެއްވި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކެމްޕޭން ޖަލްސާގައެވެ. ޕީޕީއެމްއާ ގުޅިވަޑައިގެންނެވިކަމުގެ ފޯމު ސިރާޖު ހަވާލުކުރެއްވީ ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ލީޑަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އަދި މުއިއްޒުއާ އެވެ.
އެމްޑީޕީގެ ޓިކެޓުގައި ފޮނަދޫ ދާއިރާގެ ގޮނޑިއަށް އިންތިޚާބުވެ ވަަޑައިގެންނެވި ސިރާޖު އެ ޕާޓީން ވަކިވެވަޑައިގަތީ 21 އޮގަސްޓް 2023ގަ އެވެ. ހަމަ އެ ދުވަހު އޭނާ ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރައްވާކަން އިއުލާން ކުރައްވައިފަ އެވެ.
މުއިއްޒަށް ތާއީދު ކުރަން ނިންމެވިކަން އިއުލާންކޮށް ސިރާޖު އެ ދުވަހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ލ. އަތޮޅުން އެމްޑީޕީ ކެންޑިޑޭޓް ކުރި ހޯދި ކަމުގައިވިޔަސް މި ފަހަރުގެ ރިޔާސީ އިންތިހާބުގައި އެކަން ބަދަލުކުރައްވާނެ ކަމަށެވެ.
އެމްޑީޕީގެ ތެރޭގައި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެ ފެކްޝަން އުފެދިގެން އައިއިރު ސިރާޖު ހުންނެވީ ސަރުކާރާ ދެކޮޅަށް ނަޝީދު ފަހަތުގަ އެވެ. ނަމަވެސް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ތެރޭގައި އޭނާ އެރީ ރައީސް ސޯލިހުގެ ފަހަތަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ