މެމްބަރު ސިރާޖު ޕީޕީއެމަށް ސޮއިކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު އިދިކޮޅު ޕީޕީއެމް/ޕީއެންސީ އަށް މިރޭ ސޮއިކުރައްވައިފިއެވެ.
މޫސާ ސިރާޖު ޕީޕީއެމާ ގުޅިވަޑައިގަތީ ލ. ގަމުގައި ބޭއްވި ޕީޕީއެމް/ޕީއެންސީގެ ބޮޑު ޖަލްސާގައެވެ. އޭނާގެ މެންބާޝިޕް ފޯމާ ހަވާލުވެވަޑައިގެންނެވީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒާއި ދެ ޕާޓީ ވަގުތީ ގޮތުން ހިންގެވުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)އެވެ.
މިދިޔަ އޮގަސްޓު މަހު އެމްޑީޕީން ވަކިވެވަޑައިގަތުމަށްފަހު، ސިރާޖު ގެންދަވަނީ އިދިކޮޅު ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަށް ތާއިދުކުރައްވައި ކެމްޕެއިނުގައި ހަރަކާތްތެރިވަމުންނެވެ. އެގޮތުން މި މަހުގެ 9 ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވެސް އޭނާ ތާއީދު ކުރެއްވީ މުއިއްޒަށެވެ.
ދެހާސް ނަވާރަ ވަނަ އަހަރުގެ މަޖިލިސް އިންތިހާބުގައި ފޮނަދޫ ދާއިރާގެ މަޖިލިސް ގޮނޑި އެމްޑީޕީ ޓިކެޓުގައި ނުކުންނަވައި ސިރާޖު ކާމިޔާބު ކުރައްވާފައިވަނީ އަދުރޭ އާ ވާދަކޮށެވެ.
މެންބަރު ސިރާޖުގެ އިތުރުން ލާމު އަތޮޅު ކައުންސިލްގެ ރައީސް އިސްމާއީލް އަލީ ވެސް މިރޭ ވަނީ ޕީޕީއެމަށް ސޮއި ކުރައްވާފައެވެ. އޭނާ އާ އެކުގައި އެމްޑީޕީ އާއި ޑިމޮކްރެޓްސްގެ ވަރަށް ގިނަ ބަޔަކާއި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ބަޔަކު ވެސް ޕީޕީއެމަށް ސޮއިކުރިއެވެ. އެމްޑީޕީގެ މެމްބަރުންގެ ތެރެއިން 15 އަހަރާއި 16 އަހަރު އެ ޕާޓީގައި މަސައްކަތް ކުރި މެމްބަރުން ވެސް މިރޭ ވަނީ ޕީޕީއެމަށް ސޮއިކޮށްފައެވެ.
މޫސާ ސިރާޖު މަޖިލީހަށް އިންތިހާބު ވީ އެމްޑީޕީގެ ޓިކެޓްގައި ނަމަވެސް އެމްޑީޕީ ދެބައިވުމުން އޭނާ އެންމެ ފުރަތަަމަ ހުންނެވީ ރައީސް ނަޝީދާ އެކު އެވެ. ނަމަވެސް ރިޔާސީ ޕްރައިމަރީއަށް ވަގުތު ކުޑަތަން ވެފައި ވަނިކޮށް ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ދޫކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފަޅިއަށް ވަޑައިގަތެވެ. އެކަމަކު، ޕްރައިމަރީ އަށް ފަހުގައި އޭނާ ފެނުނީ ވަރަށް ބޮޑަށް "ސައިލެންޓް" ބޭފުޅެއްގެ ގޮތުގައެވެ.
މިދިޔަ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ލ. ގަމުންނާއި ލ. ފޮނަދޫން މުއިއްޒަށް ވަނީ ވަރަށް ބޮޑު މެޖޯރިޓީއެއް ލިބިފައެވެ. ރިޔާސީ އިންތިހާބުގެ އެހެން ދާއިރާތަކާ އަޅާ ބަލާއިރު، މި ދެ ދާއިރާއަކީ މުއިއްޒަށް އެންމެ ރަނގަޅު ނަތީޖާއެއް ހޯއްދެވުނު ދެ ދާއިރާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ