ސެންޓާ އެންޓަޕްރައިޒަސް އިން އުޅެނީ ފައިސާ ދައްކާފައި ހުރި ބިލުތަކެއްގެ އަގު ހޯދަން: އޮޑިޓް

ވަގު ލިޔެކިޔުންތަކެއް ހުށަހަޅައިގެން ބަދަލު ހޯދުމުގެ ދައުވާތަކެއް ކޯޓަށް ހުށަހަޅައިގެން އުޅޭ ކަމަށް ތުހުމަތުކުރެވޭ ސެންޓާ އެންޓަޕްރައިޒަސް އިން ފައިސާ ހޯދަން އުޅޭ ބިލުތަކަށް ކުރިން ފައިސާ ދައްކާ ނިމިފައިވާ ކަމަށް އޮޑިޓާ ޖެނެރަލް އޮފީހުން ނެރުނު އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ. 
އޮޑިޓް ރިޕޯޓުގައި ބުނީ ސެންޓާ ޕްރައިޒަސް އިން 2006 އިން 2009 އާ ދެމެދު ދައުލަތުގެ އިދާރާތަކަށް ފޯރުކޮށްދީފައިވާ ކަމަށް ބުނާ ބޯފެން ރައްކާކުރާ ކަޅުހަންތަކާއި، މެޑިކަލް އިކުއިޕްމަންޓް އަގަށް ލިބެންޖެހޭ ފައިސާ ލިބިފައިނުވާ ކަމަށް ބުނެ ފައިސާ ހޯދަން ހުށަހެޅި ލިޔެކިޔުންތަކުގެ ތެރޭގައި، ސައްހަ ނޫން ލިޔެކުންތަކެއް ކަމަށް ބެލެވޭ ގިނަ ލިޔެކިޔުންތައް ހުށަހަޅާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. 
Yes Maldives Pvt Ltd
Enterprise Development Industrial Pvt Ltd
MU STORE
MU STORE
އުފައްދާފައިވާ ސައްހަ ނޫން ލިޔުންތައް ހުށަހަޅައިގެން ދައުލަތުގެ އިދާރާތަކަށް ފޯރުކޮށްނުދޭ މުދަލާއި ތަކެތީގެ އަގު ހޯދުމަށާއި ދައުލަތުން ފައިސާ ދައްކާފައިވާ މުދަލާއި ތަކެތީގެ އަގު އަލުން ހޯދުމަށް މަސައްކަތް ކުރާ ކަމަށް ބެލެވޭތީ، އެ ކުންފުނިން ހުށަހެޅި ލިޔުންތަކުގެ ފޮރެންސިކް އެނަލިސިސް ހަދައި އެކަމުގައި ޝާމިލުވާ އެންމެންގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަން އޮޑިޓް އޮފީހުން ވަނީ އަންގާފަ އެވެ. 
ސެންޓާ އެންޓަރޕްރައިސަސް ކުންފުނިން ދައުލަތުގެ އެކި އިދާރާތަކަށް ފޯރުކޮށްދީފައިވާ ކަމަށް ބުނާ ހިދުމަތްތަކަށް ދައްކަން ޖެހޭ ފައިސާ ހޯދަން ކޯޓަށް ހުށަހެޅި މައްސަލަތަކުގައި ސައްހަ ނޫން ލިޔެކިޔުންތަކެއް ހުށަހެޅި ކަމަށް ތުހުމަތުކުރެވޭ މައްސަލަ ބަލަން ބަންޑާރަނައިބުގެ އޮފީހުން ފުލުހުންނަށް ހުށަހަޅާފައިވެ އެވެ.  
ސެންޓަ އެންޓަޕްރައިސާސް އުފެއްދީ އެޕްރީލް 13، 2006، ގަ އެވެ. އެ ކުންފުނިން ދައުލަތާ ދެކޮޅަށް ދައުވާ އުފުލީ 2006 އިން 2021 އަށް ފޯރުކޮށްދިން ތަކެއްޗަށް ލިބެންޖެހޭ ފައިސާ ނުލިބޭ ކަމަށް ބުނެ އެވެ. ތަފާތު ހަ މައްސަލައެއް 2020 ވަނަ އަހަރުން ފެށިގެން ދައުލަތާ ދެކޮޅަށް އެ ކުންފުނިން ހުށަހަޅާފައިވެ އެވެ.
އެ މައްސަލަ ފުލުހުންނަށް ހުށަހަޅަން ނިންމީ ޑިޕާޓްމަންޓް އޮފް މެޑިކަލް ސާވިސަސްއިން ސެންޓާ އެންޓަޕްރައިޒަސްއަށް ދައްކަން ޖެހޭ ފައިސާގެ މައްސަލަތަކާ ގުޅިގެން އޮޑިޓާ ޖެނެރަލް އޮފީހުން ނެރުނު ހާއްސަ އޮޑިޓް ރިޕޯޓަށް ރިއާޔަތްކޮށް އެ އޮފީހުގެ ލަފާގެ މަތިން.
ދައުލަތުން މި މައްސަލަތަކުގައި ކޯޓުގައި ވަކާލާތުކުރަމުން ވެސް އެ ކުންފުނިން ހުށަހެޅި ލިޔުންތަކާ މެދު ސުވާލު އުފައްދާފައިވެ އެވެ. އަދި އޭރު ވެސް ދައުލަތުން އެދުނީ މިއީ ދަައްކަން ނުޖެހޭ ފައިސާ ކަމަށް ކަނޑައަޅައިދިނުމަށް ކަމަށް އޭޖީ އޮފީހުން ބުނެފައިވެ އެވެ.
ޖުމުލަ 175،155،034ރ. ގެ މުދާ ދައުލަތަށް ފޯރުކޮށްދިނުމުން ފައިސާ ނުލިބޭ ކަމަށް ބުނެ ސެންޓަ އެންޓަޕްރައިޒަސްއިން ހަ މައްސަލައެއް ކޯޓަށް ވައްދާފައިވެ އެވެ. އެ މައްސަލަތަކުގައި ޖޫރިމަނާ ފައިސާ ހިމަނައިގެން 410،391،976ރ. ދައުލަތުން ނަގައިދިނުމަށް އެ ކުންފުނިން ދައުވާތަކުގައި އެދިފައިވެ އެވެ.
ނަމަވެސް، އެ ކުންފުނީގެ 2008، 2009 އަދި 2010 ވަނަ މާލީ އަހަރުގެ އޮޑިޓު ކުރެވިފައިވާ މާލީ ބަޔާންތަކުގައި އެ ކުންފުނީގެ ވިޔަފާރިއަށް ލިބެން ޖެހޭ ފައިސާގެ ތެރެއިން ނުލިބި ހުރި ފައިސާގެ ގޮތުގައި ހޯދަން ދައުވާކުރި ފައިސާއާ ގާތްކުރާ މިންވަރުގެ އަދަދެއް ވެސް ހިމަނާފައި ނުވެ އެވެ. ނުލިބި ހުރި ފައިސާ ކަމަށް ރެކޯޑުތަކުން ދައްކަނީ 11،756،510ރ. އެވެ. އެއީ ހޯދަން ދައުވާކުރި ފައިސާގެ ގާތްގަނޑަކަށް 2.8 ޕަސެންޓެވެ.
އޮޑިޓު ރިޕޯޓުގައި މައިގަނޑު މައްސަލައެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ހެލްތު މިނިސްޓްރީގެ ދަށުން ހިންގަމުންދިޔަ ޑިޕާޓްމަންޓް އޮފް މެޑިކަލް ސާވިސަސް (ޑީއެމްއެސް) އަށް ފޯރުކޮށްދިން ސިއްހީ އާލާތްތަކާއި ކޮންސިއުމަބަލްސްގެ އަގަށް ލިބެން ޖެހޭ ފައިސާ ނުލިބޭ ކަމަށް ބުނާ މައްސަލަ އެވެ.
ސެންޓަ އެންޓަޕްރައިޒަސްއިން އެދުނީ ބަދަލުގެ ގޮތުގައި 79،404،534ރ. ނަގައިދިނުމަށެވެ. މި ދައުވާ އުފުލީ ފެބްރުއަރީ ހަތެއް، 2022 ގަ އެވެ. މާޗު 28، 2023 ގައި ސިވިލް ކޯޓުން ހުކުމް ކުރީ އޭގެ ތެރެއިން 31،017،499ރ. ދައުލަތުން އެ ކުންފުންޏަށް ދިނުމަށެވެ. އެ މައްސަލަ ދައުލަތުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން ފެބްރުއަރީ 11، 2025 ގައި ނިންމީ ވެސް ސެންޓަ އެންޓަޕްރައިޒަސް އާ އެއްކޮޅަށެވެ.
މި މުއާމަލާތްތަކާ ގުޅޭ މައްސަލަތަކުގައި ސިވިލް ކޯޓުންނާއި ހައި ކޯޓުން އިއްވި ހުކުމްތައް އިސްތިއުނާފުކޮށްފައިވާ ކަމަށް ބަންޑާރަނައިބުގެ އޮފީހުން ކުރިން ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ