ހޮރްމޫޒް ކަނޑުއޮޅި ބަންދު ކަމަށް އީރާނުން ބުންޏަސް އުޅަނދުތައް އެބަ ދަތުރުކުރޭ: އެމެރިކާ

މެދުއިރުމަތީގެ ހަނގުރާމާގައި އެންމެ ފަހުން ބަދަލުކުރި ހަމަލާތަކަށް ފަހު ހޮރްމޫޒް ކަނޑުއޮޅި މިހާރު އަލުން ބަންދުކޮށްފައިވާ ކަމަށް އީރާނުން ބުނި ނަމަވެސް އެ ސަރަހައްދުން އަދިވެސް ކަނޑު ބޯޓުފަހަރު ދަތުރުކުރަމުންދާ ކަމަށް އެމެރިކާގެ އަސްކަރިއްޔާއިން އާދިއްތަ ދުވަހު ބުނެފި އެވެ.
"ހޮރްމުޒް ކަނޑުއޮޅި އީރާނުގެ ކޮންޓްރޯލްގެ ދަށަކަށް ނުގެނެވޭ. އުޅަނދުފަހަރު ދަނީ ދަތުރުކުރަމުން،" މެދުއިރުމަތީގައި ހަރަކާތްތެރިވާ އެމެރިކާގެ ފައުޖުތައް ބަލަހައްޓާ ސެންޓްކޮމް އިން އެކްސް ގައި ބުނެފައިވެ އެވެ.
އޭގެ ފަހުން ކުރި އެހެން ޕޯސްޓެއްގައި ސެންޓްކޮމް އިން ބުނީ ދުނިޔޭގެ ތެލުގެ ވިޔަފާރީގައި އެންމެ މުހިންމު އެއް ކަނޑުއޮޅި ބަންދުކުރާނެ ކަމަށް ބުނެ އީރާނުގެ އިންގިލާބީ ލަޝްކަރުން  ބަޔާން ނެރުނަސް އެ ކަނޑުއޮޅިއަކީ "ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދެއްގެ ގޮތުގައި އޮތް ތަނެއް" ކަމަށެވެ. އެހެންވެ އެތަން "އެގޮތުގައި އެތަން ދެމެހެއްޓުމަށްޓަކައި އެމެރިކާގެ ފައުޖުތައް އޮތީ ތައްޔާރަށް" ކަމަށް ވަނީ ބުނެފަ އެވެ.
އީރާނުން މި ކަނޑުއޮޅި އަލުން ބަންދުކުރިކަން އިއުލާން ކުރަމުން، އެމެރިކާއާ ގުޅުން އޮންނަ ގަލްފުގެ އަވަށްޓެރި ގައުމުތަކަށް ވެސް ވަނީ ހަމަލާދީފަ އެވެ. ހަނގުރާމަ ދާއިމީކޮށް ހުއްޓާލުމުގެ އެއްބަސްވުމަކަށް ދިއުމަށް މެދުވެރިން ކުރާ މަސައްކަތަށް މިކަމުން ވަނީ ހުރަސްތައް ކުރިމަތިވެފަ އެވެ.
 "ވަކި ގޮތަކަށް އަންގަންދެން" ހޮރްމުޒް ކަނޑުއޮޅި ބަންދުކުރާނެ ކަމަށް އީރާނުގެ އިންގިލާބީ ލަޝްކަރުން ބުނީ ހުއްދަ ނޫން މަގަކުން ދަތުރުކުރި ކަމަށް ބުނާ އުޅަނދަކަށް އިންޒާރު ދިނުމަށް އީރާނުން ބަޑީގެ ހަމަލާތަކެއް ދިނުމުން އެމެރިކާއިން ރައްދުގައި އީރާނަށް ހަމަލާ ދިނުމުންނެވެ. 
 އީރާނުން ބުނާ ގޮތުގައި އެ ކަނޑުއޮޅިން ދަތުރުކުރާ މަގުތައް ކޮންޓްރޯލްކުރުމުގެ ހައްގު އެގައުމަށް ލިބިގެންވެ އެވެ. އަދި އެ މަގު ބޭނުންކުރާ އުޅަނދުތަކުން ފީ ނެގުމަށް ރާވަމުންދާކަން ވެސް އެ ގައުމުން ވަނީ އިއުލާންކޮށްފަ އެވެ.
އީރާނުގެ އޮފިޝަލުން ތަކުރާރުކޮށް ވިދާޅުވަމުންދަނީ، ހަނގުރާމައިގެ ކުރިން
އޮތް ގޮތަށް އެއްވެސް ހުރަހެއްނެތި މިނިވަންކަމާ އެކު
ދަތުރުފަތުރުކުރުމުގެ ނިޒާމަށް ދެން އެނބުރި ނުދާނެ ކަމަށެވެ.
ނަމަވެސް އެމެރިކާއިން އެ ގޮތް ގަބޫލެއް ނުކުރެ އެވެ. އެމެރިކާ އިން
ބުނަނީ ވިޔަފާރި އުޅަނދުތަކަށް އެ ކަނޑުއޮޅިން އެއްވެސް ހުރަހެއްނެތި
މިނިވަންކަމާ އެކު ދަތުރުކުރެވެންޖެހޭނެ ކަމަށެވެ.
ބައިނަލްއަގުވާމީ އާންމު ގާނޫނުތައް ބުނާ ގޮތުން، ބައިނަލްއަގުވާމީ
ދަތުރުފަތުރަށް ބޭނުންކުރާ ކަނޑުއޮޅިތަކުން ފީ ނުވަތަ ޓޯލް ނެގުމުގެ ހައްގު
އާންމުގޮތެއްގައި އެއްވެސް ގައުމަކަށް ލިބިގެންނެއް ނުވެ އެވެ. --
އޭއެފްޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ