އީރާނުން ކަނޑުއޮޅި ބަންދުކުރުމާއެކު އެމެރިކާއިން އާ ހަމަލާތަކެއް ފަށައިފި

ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރަމުންދިޔަ ބޯޓަކަށް އީރާނުން ހަމަލާ ދިނުމުން އެމެރިކާއިން އީރާނަށް ހަމަލާތަކެއް ދީފިއެވެ. އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕަސް (އައިއާރުޖީސީ) އިން ބުނާ ގޮތުގައި އެ ބޯޓަށް ހަމަލާ ދިނީ އިތުރު ނޯޓިސްއެއް ލިބެންދެން ކަނޑުއޮޅި ބަންދުކޮށް، ސިސްޓަމްތައް ނިއްވާލައިފައި ވަނިކޮށް އެ މަގުން ދަތުރުކުރަން މަސައްކަތްކުރުމުންނެވެ. އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް)އިން ބުނި ގޮތުގައި މި ހަފުތާގައި ތިން ވަނަ ބުރުގެ ހަމަލާތައް ދިނީ އައިއާރުޖީސީގެ ސިފައިން ސައިޕްރަސްގެ ދިދަ ޖަހާފައިވާ އުޅަނދަކަށް ފާޅުކަން ބޮޑު ގޮތެއްގައި ހަމަލާދިނުމުންނެވެ. ސެންޓްކޮމްއިން ބުނީ އީރާނުގެ ހަމަލާގެ ސަބަބުން އެމްވީ ޖީއެފްއެސް ގެލެކްސީގެ އިންޖީނު ރޫމަށް ބޮޑެތި ގެއްލުންތަކެއް ލިބި ދަތުރު ކުރިއަށް ނުގެންދެވުނު ކަމަށެވެ. އަދި ބޯޓުގެ ކްރޫއެއް ގެއްލިގެން ހޯދަމުން އަންނަ ކަމަށްވެސް ސެންޓްކޮމް އިން ބުންޏެވެ. އިނގިރޭސިވިލާތުގެ މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް (ޔޫކޭއެމްޓީއޯ) އިން ބުނީ ފަޅުވެރިން ބޯޓު ދޫކޮށްލަން މަޖުބޫރުވެ ލައިފްބޯޓެއްގައި ތިބިކަން އަސްކަރީ އިދާރާތަކުން އަންގާފައިވާ ކަމަށެވެ. އިރާނުގެ ދައުލަތުގެ ނޫސް އެޖެންސީން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި އެ ބޯޓަށް ހަމަލާދިނީ އިންޒާރު ދިނުމުންވެސް ނުހުއްޓުމުން ކަމަށެވެ. އެމެރިކާއާއި އީރާނުން ހަމަލާދީ އަވަހާރަކޮށްލި އީރާނުގެ ކުރީގެ އެންމެ އިސް ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ ޖަނާޒާގައި އާންމުން ބައިވެރި ވަނީ. ފޮޓޯ/ރޮއިޓާސް ކަނޑުއޮޅި ބަންދުކުރުމުގެ ސަބަބުން އެމެރިކާއިން ދޭ ކޮންމެ ހަމަލާއަކަށް ހަރުކަށިކަމާއެކު ރައްދުދީ، ސަރަހައްދުގައިވާ އާ މަރުކަޒުތަކަށް ހަމަލާ އަމާޒުކުރާނެ ކަމުގެ އިންޒާރު ވެސް އީރާނުން ދީފައިވެއެވެ. އީރާނުން ފުރަތަމަ ހަަމަލާ ދިނީ މި ހަފުތާގެ ކުރީކޮޅު ވަނީ އޮމާންގެ ކަނޑުގެ ސަރަހައްދުން އެމެރިކާއިން ލަފާދީފައިވާ މަގެއް ހުރަސްކުރަން އުޅުމުގެ ތެރޭގައި ތިން ޓޭންކަރަކަށެވެ. އީރާނުން ތަކުރާރުކޮށް ބުނެފައިވަނީ ހަމައެކަނި "ރައްކާތެރި" މަގަކީ އެ ގައުމުގެ ކަނޑުގެ ސަރަހައްދުން ވަކި މަގެއް ކަމަށެވެ. މި ހާދިސާއަށްފަހު އެމެރިކާއިން ސިލްސިލާ ހަމަލާތަކެއް ދިނުމުގައި 17 މީހުން މަރުވެ 115 މީހުން ޒަޚަމްވެފައިވާ ކަމަށް އީރާނުގެ އޮފިޝަލުން ބުނެއެވެ. އީރާނުން ރައްދު ދިނީ ގަލްފުގައި އެމެރިކާގެ އެކުވެރި ގައުމުތަކަށް ހަމަލާތަކެއް ދީގެންނެވެ. މި ހަމަލާތަކުގެ ސަބަބުން ނުތަނަވަސްކަނ އުފެދި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނުގެ ހަމަލާތަކުގެ މާނައަކީ ހަނގުރާމަ ހުއްޓާލުމަށް ވީ އެއްބަސްވުން ނިމުމަކަށް އައުންކަން އިއުލާން ކުރައްވާފައެވެ. އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޣްޗީ ވަނީ އެމެރިކާ އިން އެއްބަސްވުމާ ހިލާފުވެފައިވާ ކަމަށް ތުހުމަތުކޮށްފައެވެ. ނަމަވެސް މަޝްވަރާތައް އަދިވެސް ކުރިއަށްދާނެ ކަމަށް ޓްރަމްޕްް ފަހުން ވަނީ ވިދާޅުވެފައެވެ. ހުރްމުޒް ކަނޑުއޮޅި ބަންދުކޮށްފައި ވަނީ އީރާނުގެ ސުޕްރީމް ލީޑަރު އާޔަތުالله މޮޖްތާބާ ޚާމަނާއީ ލީޑަޝިޕް ހަވާލުވެވަޑައިގަތުމަށްފަހު ދެއްވި ފުރަތަމަ ބަޔާނުގައި ބަދަލު ހިފުމަށް ގޮވާލެއްވުމާ ގުޅިގެންނެވެ. "އަޅުގަނޑުމެން ވައުދުވަނީ ގާތިލުންގެ ކިބައިން ޝަހީދުވެފައިވާ ލީޑަރާއި، ހަނގުރާމައިގައި ޝަހީދުވި ހުރިހާ ޝަހީދުންގެ ލޭގެ ބަދަލު ހިފުމަށް." މުޖުތަބާގެ ބަޔާނުގައި ބުނެފައިވެއެވެ. ފެބްރުއަރީ 28 ވަނަ ދުވަހު އިސްރާއީލާއި އެމެރިކާ ގުޅިގެން އީރާނަށް ދިން ހަމަލާތަކުގައި އީރާނުގެ ކުރީގެ ލީޑަރު އާޔަތުއްﷲ އަލީ ޚާމަނާއީ ވަނީ އަވަހާރަކޮށްލާފައެވެ. އާ ސުޕްރީމް ލީޑަރަކީ ޚާމަނާއީގެ ދަރިކަލެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ