ނަޝީދަށް އިންތިހާބުގައި ވާދަކުރެވޭނެ ކަމަށް އދ. އިން ކަނޑައަޅާނެ: ޑރ. ޝަހީދު

މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވާދަ ކުރެވޭނެ ކަމަށް އދ. އިން ކަނޑައަޅާނެ ކަމަށް އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ހާއްސަ ރެޕެޓުއާ ޑރ. އަހުމަދު ޝަހީދު ވިދާޅުވެއްޖެ އެވެ. އެމްޑީޕީ ސަރުކާރުގެ ފޮރިން މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ޝަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ނަޝީދަށް 2018 ވަަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެވޭނެ ކަމަށް އދ. ކަނޑައަޅާނެ ކަމާމެދު އެއްވެސް ޝައްކެއް ނެތް ކަމަށެވެ. އަދި އދ.ގެ ހިއުމަން ރައިޓްސް ކޮމިޝަނުން އެގޮތަށް ނިންމުމުން ދެން ރައީސް އަބްދުﷲ ޔާމީންއަށް ޖެހިވަޑައިގަންނަވާނީ އިންތިހާބެއް ނުބާއްވާނެ ކަމަށް ކަނޑައަޅަން ކަމަށް ޑރ. ޝަހީދު ވިދާޅުވި އެވެ. ރައީސް ނަޝީދު މިހާރު ހުންނެވީ 13 އަހަރުގެ ޖަލު ހުކުމެއްގަ އެވެ. ގާނޫނު އަސާސީ ބުނާ ގޮތުން ޖަލު ހުކުމެއްގައި ހުންނަ މީހަކަށް އިންތިހާބުގައި ވާދައެއް ނުކުރެވޭނެ އެވެ. ނަމަވެސް އެމްޑީޕީން ބުނަމުން ގެންދަނީ އެ ޕާޓީގައި ރައީސް ޔާމީން ބަލި ކުރެވޭނެ ގާބިލުކަން ހުރި މީހަކީ ހަމަ އެކަނި ރައީސް ނަޝީދު ކަމަށެވެ. މިހާރު ރައީސް ނަޝީދު ހުންނެވީ އަމިއްލައަށް އަރުވާލެވިގެން އިނގިރޭސި ވިލާތުގަ އެވެ. އަދި ކޮންމެ މަހަކު އެއްފަހަރު ކަހަލަ ގޮތަކަށް ނަޝީދު ލަންކާއަށް ވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރައްވަ އެވެ. ރިޔާސީ އިންތިހާބަށް މިހާރު 10 މަހަށް ވެފައިވާއިރު އިންތިހާބުގައި ވާދަކުރާނެކަން މިހާތަނަށް ޔަގީންވެފައިވާ ހަމައެކަނި ކެންޑިޑޭޓަކީ ޕީޕީއެމްގެ ފަރާތުން ރައީސް ޔާމީން އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ