ސްކޫލް ބަދަލު ކުރާ ދަރިވަރުންގެ ފޮތްތައް ލިބޭނީ ކުރިން އުޅުނު ސްކޫލުން

ކުރިން އުޅުނު ސްކޫލް ބަދަކު ކުރާ ދަރިވަރުންގެ ސްކޫލް ފޮތްތައް ލިބޭނީ މިދިޔަ އަހަރުގެ ކިޔެވުން ނިންމާލި އިރު އެ ދަރިވަރަކު ހުރި ސްކޫލުން ކަމަށާއި އާ ސްކޫލަށް ބަދަލުވާ އިރު ކުރިން ހުރި ސްކޫލުން ފޮތްތައް ނަގައިގެން އާ ސްކޫލަށް ދިޔުމަށް އެޑިއުކޭޝަން މިނިސްޓްރީން އިލްތިމާސް ކޮށްފިއެވެ.
ދިރާސީ އާ އަހަރުގެ ކިޔެވުން ފެށެން ކުޑަތަން ވެފައިވާ އިރު ރަށްރަށުގެ ސްކޫލްތަކުގައި ކިޔަވަމުން ދިޔަ ގިނަ ދަރިވަރުންތަކެއް ވަނީ މާލެ ސަރަހައްދުގެ ސްކޫލްތަކަށް ބަދަލުވެފައެވެ. އެ ގޮތުން ރަށު ސްކޫލްގައި އުޅެފައި މާލޭގެ ސްކޫލަށް ބަދަލުވި ދަރިވަރުންނަށް ފޮތްތައް ނުލިބޭ ކަމުގެ ޝަކުވާތައް ބައެއް ފަރާތްތަކުން އަންނަނީ ކުރަމުންނެވެ.
މިއަދު އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ވިދާޅުވީ، ދިރާސީ އާ އަަހަރުގެ ކިޔެވުން ފެށެން ގާތްވެފައިވާ އިރު، ސްކޫލް ކުދިންގެ ފޮތްތައް މިހާރު ނުލިބި ހުރި ސްކޫލްތަކަށް އާދިއްތަ ދުވަހުގެ ކުރިން ފޮތްތައް ލިބޭނެ ކަމަށެވެ. އަދި އާ އަހަރު ކިޔެވުން ފެށެން ވާ އިރަށް އަތޮޅުތަކުގެ ސްކޫލަތްކުގައި ކިޔަވަމުން އަންނަ ގިނަ ދަރިވަރުންތަކެއް މާލެ ސަރަހައްދުގެ ސްކޫލްތަކަށް ބަދަލުކޮށްފައިވާ އިރު އެ ދަރިވަރުންގެ ފޮތްތައް ލިބޭނީ ކުރިން އެ ދަރިވަރެއް ހުރި ސްކޫލުން ކަމަށާއި، ސްކޫލަށް ދާން ފަށާއިރު އެ ދަރިވަރެއްގެ ފޮތްތައް ނަގައިގެން އާ ސްކޫލަށް ދިއުމަށް ބެލެނިވެރިން ސަމާލުވުމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިފަހަރު ފޮތްތައް ޗާޕްކޮށްފައި ވަނީ ތިން ސްޓެޖަކަސް ބަހާލައިގެން ކަމަށާއި އެގޮތުން މިދިޔަ އޭޕްރިލް މަހުން ފެށިގެން ފޮތްތައް ޗާޕްކުރަން ފަށާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ. އެ ގޮތުން ބައެއް ފޮތްތަކަކީ މުޅިން އަލަށް ޗާޕްކުރާ ފޮތްތައް ކަމަށެވެ. ބައެއް ފޮތްތަކަކީ އިންޑިއާގެ ކެމްބްރިޖްއިން ޕްރިންޓް ކުރާ ފޮތްތައް ކަމަށާއި އަނެއްބައި ފޮތްތައް ޗާޕްކުރަނީ މާލެއިން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މީގެ ތެރެއިން ބައެއް ފޮތްތައް ލިޔެ ނިމެން ދެން މަޑުކުރަން ޖެހުމުން އެ ފޮތްތައް ޗާޕްކުރުން ލަސްވި ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.
މިހާރު ހުރިހާ ފޮތެއް ވެސް ވަނީ ޗާޕްކޮށް ނިމިފައި ކަމަށާއި، މިހާރު އަތޮޅުތަކުގެ ރަށްރަށަށް ވެސް ފޮތްތައް ފޮނުވާފައިވާ ކަމަށް އެޑިއުކޭޝަނުން ބުނެއެވެ. އެގޮތުން ކުރިއަށް އޮތް ދެ ދުވަހެއް ތެރޭ ހުރިހާ ސްކޫލަތަކަކަށް ވެސް ފޮތްތައް ލިބޭނެ ކަމަށް އެޑިއުކޭޝަން އިން ބުނެއެވެ. އެހެންކމަުން ސްކޫލް ހުޅުވެން ވާއިރަށް ފޮތްތައް ލިބޭނެ ކަމުގެ ޔަގީންކަން އެ މިނިސްޓްރީން ދެއެވެ.
ފޮތްތަކާ ގުޅޭ ގޮތުން އިތުރަށް ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ، ގްރޭޑް 9 އަދި 10 ގެ ދަރިވަރުންނަށް ފޮތްތައް ނުލިބޭ ވާހަކަ ބައެއް ފަރާތްތަކުން ދައްކާ ކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެ ގްރޭޑްތަކުގެ ކުދިންނަށް ފޮތްތައް ނުދޭ ކަމަށާއި އެ ކުދިންނަށް ދެނީ ޑިޖިޓަލް ފޮތްތައް ކަމަށް ވެސް ޑރ. އާއިޝަތު އަލީ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ