ކުރެންދު ދާއިރާގެ މަޖިލިސް ގޮނޑި ހުސްވެއްޖެ، ޕީޕީއެމްގެ ކެންޑިޑޭޓަކު ނެރޭނަން: ރައީސް ޔާމީން

ކުރެންދޫ ދާއިރާގެ ގޮނޑިއަށް ޕީޕީއެމްގެ ކެންޑިޑޭޓަކު ކުރިމަތިލައި އެދާއިރާ ނަގާނެކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ. ކުރަންދޫ ކައުންސިލްގެ ގޮނޑި ޕީޕީއެމް ކާމިޔާބުވުމުގެ އުފުލުގައި ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މިހާރު ކުރެންދޫ ދާއިރާގެ ގޮނޑި ހުސްވެފައިވާކަމަށެވެ. ނިމިދިޔަ ކުރެންދޫ ކައުންސިލްގެ ބައި އިލެކްޝަނުން އެރަށުގެ ރައްޔިތުން އެކަތިގަނޑަކަށް ވެފައިވާކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ކުރެންދޫ ދާއިރާގެ ބައިއިލެކްޝަނުގައި ވެސް އެ ބަދަހިކަން ދައްކައި އެ އިންތިޚާބު ވެސް ޕީޕީއެމްއިން ކާމިޔާބުކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. "މިދާއިރާގެ ގޮނޑި އޮތީ ހުސްވެފަ. މިދާއިރާގެ ގޮނޑިއަށް ޕީޕީއެމްގެ މެމްބަރަކު، ޕީޕީއެމްގެ ކެންޑިޑޭޓަކު ރައްޔިތުންގެ މަޖިލީހުގައި ހޮވިގެން ޕީޕީއެމްގަ ކުރެންދޫ ދާއިރާގައި ރައްޔިތުން މަޖިލީހުގެ މެންބަރަކީ ޕީޕީއެމްގެ މެންބަރަކަށް ވުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް،" ރައީސް ޔާމީން ވިދާޅުވިއެވެ. ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ވެސް ޕީޕީއެމް އަތުން ބިވެގެން ދިޔައީ ސަރުކާރުގެ މަކަރުވެރި ރޭވުންތަކުގެ ސަބަބުންކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. ސަރުކާރުން އެ އިންތިޚާބަށް ނުފޫޒު ނުފޯރުވިނަމަ ބޮޑުތަނުން އެ އިންތިޚާބު އެ ޕާޓީން ކަމިޔާބުކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ޔާމީން ވިދާޅުވީ 2023 އަކީ ޕީޕީއެމްގެ އަހަރެއްކަމަށެވެ. ރާއްޖޭގެ ރައްޔިތުން އެގޮތަށް އުންމީދުކޮށްގެން ތިބިކަން ރާއްޖޭގެ ރަށްތަކަށް ޒިޔާރަތްކުރީމަ އެނގޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގެ ރައީސަކު ރަށަކަށް އެރުމުން ރައްޔިތުން ބޭނުންވާ ކަންކަމުގެ ވާހަކަ ދައްކާބީދައިން އެމަނިކުފާނާއި ޕީޕީއެމްގެ ޓީމް ދިޔުމުން އެފަދަ ކަންބޮޑުވުންތައް ހިއްސާކުރާ ކަމަށެވެ. ޕީޕީއެމް އިންތިޚާބުތަކާ ކުރިމަތިލަނީ ދެ ބޭނުމަކަށް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. ފުރަތަމަ ބޭނުމަކީ އިންތިޚާބު ކާމިޔާބުކުރުން ކަމަށް ވާއިރު ދެވަނަ ބޭނުމަކީ އެމްޑީޕީއަށް އިންތިޚާބު ކާމިޔާބުކުރިޔަ ނުދިނުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. "އަޅުގަނޑުމެން މިކަހަލަ އިންތިހާބުތަކާ މި ކުރިމަތިލަނީ ދެ ބޭނުމެއްގަ. ޝައްކެއް ވެސް ނެތް ގޮނޑި ބޭނުން. އެއަށްވުރެ ބޮޑަށް ގޮނޑި ނުދިނުން." ރައީސް ޔާމީން ވިދާޅުވިއެވެ. އެމްޑީޕީން އިންތިޚާބު ކާމިޔާބުކުރާ ކޮންމެ ފަހަރަކު އެ ޕާޓިގެ ޚުދުމުޚުތާރު ވެރިކަން ކުރަންފަށާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެކަމުގެ ހުރިހާ އުނދަގުލަކާ ތުރާލެއް ތަހަންމަލްކުރަން ޖެހެނީ ނިކަމެތި ރައްޔިތުންކަމަށް އެމަނިކުފާނު ވިދާޅުވެއެވެ. ރައީސް ޔާމީން ކުރެންދޫ ދާއިރާގެ ބައި އިލެކްޝަންގެ ވާހަކަދައްކާފައިމިވަނީ ކުރެންދޫ ދާއިރާގެ މިހާރުގެ މެންބަރު ޢަބްދުލްޣަނީ ޢަބްދުލްޙަކީމް ދައްކަވަން ޖެހޭ ބައި މިލިއަނެއްހާ ރުފިޔާގެ ޙުކުމް ހައި ކޯޓުން ވެސް ދަމަހައްޓައިފައިވާ ދަނޑިވަޅެއްގެއެވެ. އެލިއާ އިންވެސްޓުމަންޓުން ޢަބްދުލްޣަނީގެ ލޮގް ވުޑް މޯލްޑިވްސް އިން ދައްކަން ޖެހޭ 455،368 ރުފިޔާ ނުދައްކާ އޮތުމުން އެ ފައިސާ ހޯދުމަށް ސިވިލްކޯޓަށް ހުށަހެޅުމުން 2019 ވަނަ އަހަރު ސިވިލް ކޯޓުން އެ ފައިސާގެ އިތުރުން ގާނޫނީ ވަކީލުންނަށް ދައްކަން ޖެހުނު 68,305 ރުފިޔާއާއެކު ޖުމްލަ 523,673 ރުފިޔާ ދިނުމަށް ވަނީ ހުކުމްކޮށްފައެވެ. ސިވިލް ކޯޓުން 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 17 ވަނަ ދުވަހު ކުރި އެ ޙުކުމް ޢަބްދުލްޣަނީގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ކުރިއެވެ. ނަމަވެސް ހައިކޯޓުން ހުކުމްކުރީ ސިވިލްކޯޓުގެ އަމުރު ދެމެހެއްޓުމަށެވެ. ސާބިތު ދަރަންޏެއް އޮވެ, ޙުކުމާ އެއްގޮތަށް ދަރަނި ނުދައްކާ ނަމަ މެންބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ގާނޫނު އަސާސީގެ 73 ވަނަ މާއްދާގައި ވަނީ ބުނެފައެވެ. އެކަމަށް ގޮތެއް ނިންމާނީ ސުޕްރީމް ކޯޓުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ