ކުރިއަށް އޮތް ތިން ދުވަހު ވެސް މޫސުން ގޯސްވާނެ

ކުރިއަށް އޮތް ތިން ދުވަހު ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވާނެ ކަމަށް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އޮފީހުން މިއަދު ބުނެފި އެވެ.
މެޓް އޮފީހުން ބުނީ ރާއްޖެއާ ހުޅަނގު އުތުރުން އަރަބި ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑު ކުރިއަށް އޮތް 24 ގަޑިއިރުތެރޭގައި ބާރުގަދަ ކޮޅިގަނޑަކަށް ބަދަލުވެ އަދި އޭގެފަހުން ތޫފާނަކަށް ވެސް ބަދަލުވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. ނަމަވެސް ލަފާކުރެވޭ ގޮތުގައި މި ކޮޅިގަނޑު ޖެހެމުންދާނީ އުތުރުހުޅަނގު އުތުރަށް ރާއްޖެއާ ދުރަށް ކަމަށާއި މި ކޮޅިގަނޑާއި ގުޅިގެން ރާއްޖޭގެ އަތޮޅުތަކުގެ މަތީގައި ގިނަ އަދަދަކަށް ބޯ ވިއްސާރަ ވިލާ އުފެދެމުންދާ ކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.
އެގޮތުން ކުރިއަށް ތިން ދުވަހު ވެސް ރާއްޖޭގެ ސަރަހައްދުގައި ހާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގައި ވައިގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ. އާންމު ގޮތެއްގައި ގަޑިއަކު 17 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ބެލެވޭއިރު ވިލާގަނޑުގައި ގަޑިއަކު 50 މޭލާ 60 މޭލާ ދެމެދުގެ ބާރުމިނަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ.
މެޓް އޮފީހުން ވަނީ ފަރާތްތަކުން އަދި ވަކިން ހާއްސަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ