ވެންޓިލޭޓަރުތަކުގެ ފައިސާ އަނބުރާ ހޯދާނެ: މަބްރޫކް

ކޮވިޑް-19 އާ ގުޅިގެން ވެންޓިލޭޓަރުތަކެއް ގަންނަން 30 މިލިއަން ރުފިޔާ ދައްކައި އެކަމަކު އެ އެއްޗެހި ނުލިބުނު މައްސަލައިގައި ދައުލަތަށް ގެއްލުނު ފައިސާ އަނބުރާ ހޯދާނެ ކަމަށާއި އެކަމުގައި ބައިވެރިވި ބަޔަކާ ދޭތެރޭ ފިޔަވަޅު އަޅަން ވެސް ބޭނުންވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަބްރޫކް ވިދާޅުވީ ވެންޓިލޭޓަރު މައްސަލައަކީ ކުޑަ ކަމެއް ނޫން ކަމަށެވެ. އަދި އާބިޓްރޭޝަނަށް ހުށަހަޅައި، ގެއްލުނު ފައިސާ ހޯދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިކަމުގައި އެއްވެސް މީހަކު ޝާމިލްވެފައިވާ ނަމަ، އެއީ ދިވެއްސެއް ވިޔަސް ނޫން ވިޔަސް ފިޔަވަޅު އެޅުމަށް އަޅުގަނޑު ބޭނުން،" މަބްރޫކް ވިދާޅުވި އެވެ.
ދުބާއީގެ އެގްޒެކިއުޓާސް ކުންފުންޏާ ހަވާލުކޮށްގެން 75 ވެންޓިލޭޓަރު ގަންނަން ސަރުކާރުން ފައިސާ ދެއްކި އެވެ. ނަމަވެސް މިހާތަނަށް ލިބުނީ އެންމެ 10 ވެންޓިލޭޓަރެވެ. އެ މުއާމަލާތުގައި އެޑްވާންސްކޮށް ގިނަ އަދަދެއްގެ ފައިސާ ދައްކާފައިވާއިރު އެކަމުގައި ކޮރަޕްޝަނުގެ އަމަލުތައް ހިންގާފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ތަހުގީގަށް ފެނުނެވެ.
އެ ތަހުގީގަށް ފަހު ދައުވާ ކުރަން ފޮނުވުމުން އެކަށީގެންވާ ހެއްކެއް ނެތް ކަމަށް ބުނެ ދެ ފަހަރެއްގެ މަތިން ވެސް ޕީޖީން ނިންމީ ދައުވާ ނުކުރުމަށެވެ. ނަމަވެސް އެ މައްސަލަ ހޫނުވެ، "ވައްކަން ކުރާ ސަރުކާރެއް" ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ގިނަ މެންބަރުން ތުހުމަތު ކުރައްވަމުން ގެންދަވަނިކޮށް ޕީޖީ އަނެއްކާވެސް ނިންމީ އެ މައްސަލަ ރިވިއު ކުރުމަށެވެ.
ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މަބްރޫކް ވިދާޅުވީ ވެންޓިލޭޓަރު މައްސަލާގައި މަޖިލިސް މެންބަރުން ފާޅުކުރި ހިޔާލަކީ ކޮންމެހެން ފާޅު ކުރަން ޖެހޭ ވެސް ހިޔާލުތަކެއް ކަމަށެވެ.
ވެންޓިލޭޓަރު މައްސަލާގައި ސަރުކާރުން ފުރަތަމަ މަސައްކަތް ކުރީ ދައުލަތުން ފައިސާ ދައްކާފައިވާ ވެންޓިލޭޓަރުތައް ހޯދުމަށެވެ. ނަމަވެސް އެ ކުންފުންޏަށް އެކި މުއްދަތުތައް ދީގެން ވެސް އެކަމެއް ކާމިޔާބު ނުވި އެވެ.
އޭޖީ އޮފީހުގެ އޮފިޝަލަކު މިއަދު ވިދާޅުވީ ވެންޓިލޭޓަރު ގަންނަން އެގްޒެކިއުޓާސް ޖެނަރަލްއާ އެކު ހެދި އެއްބަސްވުން ބާތިލު ކުރަން ސަރުކާރުން ނިންމުމުން ދިވެހި ސަރުކާރަށް ފައިސާ އަނބުރާ ދައްކަން އެ ކުންފުންޏަށް އެންގި ކަމަށާއި އެއްބަސްވުމާ އެއްގޮތަށް ފައިސާ ނުދައްކައިފި ނަމަ އާބިޓްރޭޝަނަށް މައްސަލަ ހުށަހަޅަން ނިންމާފައިވާ ކަމަށެވެ.
"މި މައްސަލަ އަށް ޔޫއޭއީ ސަރުކާރުން ނުވަންނާނެ،" އޭޖީގެ މީޑިއާ އޮފީޝަލް ވިދާޅުވި އެވެ.
ވެންޓިލޭޓަރުތަކާ ގުޅޭގޮތުން ހެލްތު މިނިސްޓަރު އަހުމަދު ނަސީމް މި މަހުގެ 6 ވަނަ ދުވަހު ވިދާޅުވެފައި ވަނީ އެ އެއްޗެހި ލިބޭނެ ސީދާ ތާރީހެއް އަދިވެސް ނޭނގޭ ކަމަށެވެ. ދުބާއީގެ ކުންފުނީގެ އަމަލުތައް ހުރި ގޮތުން އެ އެއްޗެހި ލިބޭނެހެން ހީނުވާ ކަމަށާއި އެކަމުގައި އެހެން ގޮތަކަށް ފިޔަވަޅު އަޅަން ޖެހިފައިވާ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ނަސީމް ވިދާޅުވި އެވެ
އެގްޒެކިއުޓާސްއަކީ ވެންޓިލޭޓަރުތައް އެންމެ ބޮޑު އަގުގައި ގަތުމަށް ހަވާލުކުރި ކުންފުންޏެވެ. އެ ކުންފުނިން ވެންޓިލޭޓަރުތައް ފޮނުވަން 34 މިލިއަން ރުފިޔާ ހުށަހެޅުމުން މާލިއްޔަތު ގަވާއިދާ ހިލާފަށް 30 މިލިއަން ރުފިޔާ އެއްފަހަރާ ވަނީ ދީފަ އެވެ. މި ފައިސާ ދޫކުރީ އެއްބަސްވުމުގައި ސޮއި ވެސް ނުކޮށެވެ
މި އެއްބަސްވުމުން ވަކި ފަރާތަކަށް ނާޖާއިޒު މަންފާއެއް ހޯދައިދިން ކަމަށް އެކަށީގެންވާ މިންވަރަށް ހެއްކާއި ގަރީނާ ހުރި ކަމަށް ފެންނާތީ ދައުވާ ކޮށްދިނުމަށް އެދި އޭސީސީން ޕީޖީ އޮފީހަށް ފޮނުވީ ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި އެ މިނިސްޓްރީގެ ބިޑް ކޮމިޓީ ހިމެނޭ ގޮތުން 12 މީހެއްގެ މައްޗަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ