ސުޕްރީމް ކޯޓުން ޖިހާދު ފުރުން މަނާކޮށް، މިރޭ އަޑުއެހުންތައް ފަށަނީ

މިހާރު ކްރިމިނަލް ކޯޓުގައި އިސްތިއުނާފުކޮށްފައިވާ ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު ބޭސްފަރުވާއަށް ދުބާއީއަށް ފުރުމުގެ ހުއްދަދިނުމުގެ މައްސަލަ ނިމެންދެން، ޖިހާދު ފުރުން މަނާކޮށް އޭނާގެ ޕާސްޕޯޓު ހިފެހެއްޓުމަށް ސުޕްރީމް ކޯޓުން އަމުރުކޮށްފި އެވެ. ޖިހާދުގެ މައްޗަށް ދައުލަތުން ވަނީ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެހެން ގޮތަކަށް އަމަލު ކުރުމުގެ ދައުވާ ކޮށްފަ އެވެ. އެ މައްސަލަ ކޯޓުގައި އޮއްވައި ޖިހާދު ވަނީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރަން އެދިވަޑައިގެންފަ އެވެ. ޖިހާދު ރާއްޖެއިން ބޭރަށް ފުރަން ކޯޓުގެ ހުއްދައަށް އެދިފައި ވުމުން، ޕީޖީއިން ވަނީ އޭނާ ފިލައިގެން ހިނގައިދާނެ ކަމަށް ބުނެ ފުރުމުގެ ފުރުސަތު ނުދިނުމަށް އެދިފަ އެވެ. އެކަމާ މެދު ގޮތެއް ނިންމަން ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި އެ ކޯޓުގެ ގާޒީ މުހައްމަދު ސަމީރު ނިންމެވީ ޖިހާދަށް ފުރަން ހުއްދަ ނުދިނުމަށެވެ. އެއީ އޭނާ އަނބުރާ ނައުމުގެ އިހްތިމާލު އޮތުމުން ކަމަށް ބުނެ އެވެ. އޭނާގެ ޕާސްޕޯޓު ހިފަހައްޓަން އަމުރު ކުރީ 20 ޖެނުއަރީ 2021ގެ ނިޔަލަށެވެ. އެ ނިންމުން ޖިހާދުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން ނިންމީ ކްރިމިނަލް ކޯޓުގެ އަމުރަކީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ހިލާފަށް ނެރެފައިވާ އަމުރެއް ކަމަށެވެ. މައްސަލަ ބެއްލެވި ތިން ފަނޑިޔާރުން ކަމަށްވާ ހުސެއިން ޝަހީދާއި، އަބްދުއްރައޫފް އިބްރާހިމާއި، ހާތިފް ހިލްމީވެސް އެކަމަށް އެއްބަސްވި ނަމަވެސް، އެ ބޭފުޅުންގެ މެދުގައި ހިލާފުތަކެއް ހުއްޓެވެ. ހައިކޯޓުން ކްރިމިނަލް ކޯޓުގެ އަމުރު ބާތިލުކުރުމުން ދައުލަތުން ވަނީ އެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. ސުޕްރީމް ކޯޓުގައި މިރޭ 19:00 ގައި މައްސަލައިގެ އަޑުއެހުމެއް ބާއްވަން ވަނީ ތާވަލްކޮށްފަ އެވެ. ނަމަވެސް ސުޕްރީމް ކޯޓުން މައްސަލައިގައި ގޮތް ކަނޑައަޅަންދެން، ޖިހާދުގެ ޕާސްޕޯޓު ހިފެހެއްޓުމުގެ ވަގުތީ އަމުރަކަށް ޕީޖީގެ ވަނީ އެދިފަ އެވެ. ޕީޖީން އެދުނު ގޮތަށް ސުޕްރީމް ކޯޓުން އިއްޔެ ވަނީ އެ އަމުރު ނެރެދީފަ އެވެ. ސުޕްރީމް ކޯޓުން ކުރި އަމުރުގައި ބުނެފައި ވަނީ ޖިހާދު ރާއްޖެއިން ފުރައިގެން ގޮސްފި ނަމަ އަނބުރާ ރާއްޖެ ނައުމުގެ އިހްތިމާލް އޮތްކަމަށް ކްރިމިނަލް ކޯޓުގެ އަމުރުގައިވާ ކަމަށާއި އަދި އިސްތިއުނާފު ކޮށްފައިވާ މައްސަލައިގައި ގޮތެއް ކަނޑައެޅުމުގެ ކުރިން ފުރުން މަނާކުރުމުގެ އަމުރެއް ނުނެރެފި ނަމަ، އެ އަމުރު ނެރެފައިވަނީ ރަނގަޅަށް ކަމަށް ކަނޑައަޅާ ހާލަތުގައި، އޭގެ ބާރުވެރިކަން ނުހިނގާ ފަދަ ހާލަތެއް ކުރިމަތިވުމުގެ އިހްތިމާލް އޮތް ކަމަށެވެ. އެހެންކަުން ސުޕްރީމް ކޯޓުގައި އޮތް އިސްތިއުނާފު މައްސަލަ ނިމެންދެން، ނުވަތަ ސުޕްރީމް ކޯޓުން ވަކިގޮތަކަށް އަންގަންދެން ޖިހާދުގެ ޕާސްޕޯޓު ވަގުތީގޮތުން ހިފަހައްޓަން ސުޕްރީމް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ