ވަގުތީ ގޮތުން ކްރިމިނަލް ކޯޓު ހިންގުން ގާޒީ އާދަމް އާރިފާއި ހަވާލުކޮށްފިއެވެ.
މިގޮތަށް ނިންމާފައި މިވަނީ، އެ ކޯޓުގެ އިސް ގާޒީ އަބްދުލް ބާރީ ޔޫސުފް ޖުވެނައިލް ކޯޓަށް ބަދަލުކުރުމަށް ނިންމުމާ ގުޅިގެން ސުޕްރީމް ކޯޓުންނެވެ.
ގާޒީ އާރިފަކީ މީގެ ކުރިން ޕީޖީ އޮފީހުގެ ސީނިއާ ޕްރޮސިކިއުޓަރެއްގެ ގޮތުގައިވެސް މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން ގާޒީ އާރިފް ވަނީ ކްރިމިނަލް ކޯޓުގެ ގާޒީއެއްގެ ގޮތުގައި ހުންނަވައިގެން ބޮޑެތި މައްސަލަތައް ނިންމަވާފައެވެ.
އޭގެތެރޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްސަލައާއި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ނާޒިމްގެ މައްސަލަ ހިމެނެއެވެ.
ކްރިމިނަލް ކޯޓުގެ އިސް ގާޒީގެ މަޤާމުގައި ކުރިން ހުންނެވި ގާޒީ ބާރީ، އެމަޤާމަށް ރަސްމީކޮށް އައްޔަން ކުރީ މިދިޔަ އަހަރުގެ އޮގަސްޓް މަހުއެވެ. އޭގެ ކުރިން އޭނާ ދުވަސްކޮޅެއް ވަންދެން ވަގުތީގޮތުން ވެސް އެކޯޓުގެ އިސްގާޒީގެ މަގާމު އަދާކުރެއްވެވިއެވެ.
ބާރީ ޖުވެނައިލް ކޯޓަށް ބަދަލުކުރުމާއި ބެހޭ ގޮތުން ޖޭއެސްސީ އިން އަދި ވަކިއެއް ވިދާޅެއް ނުވެއެވެ.
ވަގުތީ ގޮތުން ކްރިމިނަލް ކޯޓު ހިންގުން ގާޒީ އާދަމް އާރިފާއި ހަވާލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ