ގާސިމް ފިއްލަވައިގެން ނޫޅުއްވާނެ: ޖޭޕީ

ސިންގަޕޫރުގައި ހިތްޕުޅުގެ އާލާސް ކަންފުޅަކަށް ފަރުވާ ހޯއްދަވަމުން ގެންދަވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ރާއްޖެވަޑައި ނުގެން ފިއްލަވައިގެން ނޫޅުއްވާނެކަމަށް ޖުމްހޫރީ ޕާޓީގެ ސެކެޓްރީ ޖެނަރަލް އަހުމަދު ސަމީރު ވިދާޅުވެއްޖެ އެވެ.
ގާސިމްއަކީ ވިއްލަވައިގެން އުޅުއްވާ ބޭފުޅެއް ކަމަށް ބަލާ ގާސިމް ރާއްޖެ ގެނައުމަށް ފުލުހުންގެ ކިބައިން އެދުމަށް ކަރެކްޝަނަލް ސާރވިސްއިން މަސައްކަތް ކުރަމުން ދާކަމުގެ މައުލޫމާތު ލިބިފައި ވަނިކޮށް މިއަދު ހަވީރު ނޫސްވެރިންނަށް މައުލޫމަތު ދެއްވަމުން ސަމީރު ވިދާޅުވީ ގާސިމް އަކީ ފިއްލަވައިގެން އުޅުއްވާ ބޭފުޅެއްކަމަށް ބުނެ ވާހަކަ ދެއްކުމުގެ ފުރުސަތެއް ނެތްކަމަށާއި ގާސިމްކީ ފިއްލަވައިގެން އުޅުއްވާނެ ބޭފުޅެއް ނޫން ކަމުގައެވެ.
ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވާ ގާސިމް ސިންގަޕޫރަށް ވަޑައިގެންނެވީ ހިތްޕުޅުގެ އާލާސް ކަންފުޅަކަށެވެ. ގާސިމްގެ ބޭސްފަރުވާއަށް ސަރުކާރުން ފުރަތަމަ ދިހަ ދުވަސް ދިނުމަށްފަހު ބޭސްފަރުވާގެ ކަންކަމަށް އިތުރު މުއްދަތު ދިނުމަށް އެދުމުން ސަރުކާރުންވަނީ ފަހުން ދިހަ ދުވަސް އަދި އޭގެ ފަހުން ފަސް ދުވަސް އިތުރު ކޮށްދީފައެވެ.
ނަމަވެސް ބަލިހާލަތު ހުރި ގޮތުން ފްލައިޓަށް އެރުވުމަށް ސިންގަޕޯރ އެއާލައިންސްއިން ދެކޮޅު ހެދުމާއި ގުޅިގެން ކަރެކްޝަނުގެ އެންގުމަށް ރާއްޖެ ވަޑައިގެންނެވުމަށް ގާސިމް މަސައްކަތް ކުރެއްވި ދެ ފަހަރުވެސްވަނީ ވަޑައިގެންނެވީ ގޮތް ނުވެފައެވެ.
ސަމީރު މިއަދު ވިދާޅުވީ، ޤާސިމްގެ ބޭސްފަރުވާގެ ކަންކަމުގައާއި ކޯޓުގެ ޙުކުމަށްވެސް ސަރުކާރުން އަމަލުކުރަމުންދަނީ ރަނގަޅަށް ނޫން ކަމަށާއި ގާސިމް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ސަރުކާރުން އަނިޔާވެރިކަން އިސްކޮށް ގާސިމް ރާއްޖެ ވަޑައިގަތުމަށް އަންގަމުން ގެންދަނީ ގާސިމްގެ ވަކީލުން ދެމުންދާ މައުލޫމާތަށްވެސް ރިޢާޔަތް ކުރުމެއް ނެތި ކަމުގައެވެ.
ސަމީރު ވިދާޅުވީ ފުލުހުން މެދުވެރިކޮށް ގާސިމް ގެންނަޖެހޭ ކަމަށް ބުނާއިރު އެކަން ކުރުމަށްވުރެ ފިއްލައގެން އުޅޭ ބޮޑެތި ކުއްވެރިން ހޯދުމުގެ މަސައްކަތް ކުރެއްވުން ސަރުކާރަށް މާ އައުލާކަން ބޮޑު ކަމުގައެވެ.
ސިންގަޕޯރްގައި ގާސިމް ފަރުވާ ހޯއްދަވަމުން ގެންދަވާއިރު ފަރުވާއަށް މަދުވެގެން ތިން މަސް ދުވަސް ބޭނުންވާނެ ކަމަށް ޑޮކްޓަރުން ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ