ގާސިމް ބޭސްފަރުވާގެ މައްސަލައިގެ އަޑު އެހުމެއް މިއަދު

ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްގެ ބޭސްފަރުވާގެ މުއްދަތު ސަރުކާރުން އިތުރުކޮށް ނުދިން މައްސަލާގައި ގާސިމްގެ ވަކީލުން ކޯޓަށް ހުށައަޅި މައްސަލައިގެ އަޑުއެހުމެއް މިއަދަށް ތާވަލުކޮށްފި އެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އާއި ދެކޮޅަށް ގާސިމްގެ ވަކީލުން ސިވިލްކޯޓަށް މައްސަލަ ވެއްދި އިރު މިއަދުގެ އަޑުއެހުން ތާވަލުކޮށްފައިވަނީ މިއަދު 10:15 ގައެވެ.
ހިތުގެ އޮޕަރޭޝަނެއް ސިންގަޕޫރުގައި ކުރައްވާފައިވާ ގާސިމްގެ ވަކީލުން މީގެ ކުރިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގާސިމްގެ ބޭސްފަރުވާއަށް ހުރަސް އަޅައި، ފުރާނައަށް ނުރައްކާވާ ގޮތަށް ކަރެކްޝަންސުން އަމަލު ކުރަމުން އަންނަކަމުގައެވެ.
އަދި ގާސިމްގެ ބޭސްފަރުވާގެ މުއްދަތު އިތުރު ކޮށްދިނުމުގައި ކަރެކްޝަނުން ތަބާވާން ޖެހޭ ގާނޫނީ އޮނިގަނޑުގައި އަމަލު ކުރަން ލާޒިމް ކުރާ އުސޫލުތަކާ ހިލާފަށް އަމަލު ކުރަމުންދާކަމަށްވެސް ގާސިމްގެ ވަކީލުންގެ ބަޔާނުގައި ބުނެފައިވެއެވެ.
ސިންގަޕޫރުގެ މައުންޓް އެލިޒަބަތު ނޮވެނާ ހޮސްޕިޓަލުގައި ގާސިމްގެ ހިތްޕުޅުގެ އޮޕަރޭޝަނެއް ކޮށްފައިވަނީ މިމަހުގެ 20 ވަނަ ދުވަހުއެވެ.
ޤާސިމްގެ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގެންނެވުމަށް މިމަހު ހަ ވަނަ ދުވަހު ދީފައިވާ 10 ދުވަހުގެ މުއްދަތަށް އިތުރު 10 ދުވަސް ދީފައިވަނީ މިމަހުގެ 13 ވަނަ ދުވަހުއެވެ.
ރިޝްވަތުގެ މައްސަލައެއްގައި ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވާ ގާސިމް އިބްރާހީމް ބޭސްފަރުވާއަށް ސިންގަޕޫރަށް ފުރާވަޑައިގަންނަވާފައިވަނީ މިމަހުގެ ހަ ވަނަ ދުވަހުގެ ރެއެވެ.
ޤާސިމްގެ ފަރުވާއަށް މަދުވެގެން ތިން މަހެއްހާ ދުވަސް ބޭނުންވާއިރު ގާސިމް މިވަގުތު ވައިގެ މަގުން ދަތުރު ކުރުން ރައްކާތެރި ނޫންކަމަށްވެސް ޑޮކްޓަރުންވަނީ ލަފާ ދެއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ