ޔައުގޫބު މަޖިލީހަށް ހާޒިރު ނުވެވޭގޮތަށް އަމުރެއް ނެރެދެވޭކަށް ނެތް: ސުޕްރީމް ކޯޓު

ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ ގެ މެމްބަރުކަން ގެއްލިފައިވާ ކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި ކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން މަޖިލީހަށް ހާޒިރުވުން މަނާ ކުރުމުގެ ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ސުޕްރީމް ކޯޓުން ބުނެފި އެވެ.
ސުޕްރީމް ކޯޓުން އޮންލައިންކޮށް ކުރިއަށްދާ އަޑުއެހުމުގައި މި މައްސަލަ ހުށަހެޅުއްވި ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމްއާއި އާދަމް ޝަރީފް އެދިވަޑައިގެންނެންނެވީ މައްސަލައިގައި ވަކި ގޮތެއް ނިމެންދެން މަޖިލީހަށް ހާޒިރު ނުވެވޭގޮތަށް ވަގުތީ އަމުރެއް ނެރެދިނުމަށެވެ. އެހެންނަމަވެސް މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން އިއުލާން ކުރެއްވީ އެފަދަ އުމަރެއް ނެރެދެވެން ނެތް ކަމަށާއި އެއީ ޔައުގޫބްގެ މެންބަރު ކަމުގެ ހައްގު ހަނިކުރެވޭތީ ކަމަށެވެ.
ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވަނީ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ. ރިޔާސަތުގައި އިންނެވީ ފަނޑިޔާރު ހުސްނުއްސުއޫދެވެ. ދެން ތިއްބެވީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު އާއި، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމްއާއި، ފަނޑިޔާރު އަލީ ރަޝީދާއި، ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ.
އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ ޔައުގޫބު މަޖިލީހުގެ މެންބަރުކަމުން ވަކިވެފައިވާ ކަމަށް ކަނޑައަޅައިދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ، އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ އިންތިޤާލީ ކައުންސިލުގެ މެންބަރުކަމާ އޭނާ ހަވާލުވެވަޑައިގަތުމާ ގުޅިގެންނެވެ. މަގާމުގެ ފަތްކޮޅާ ވެސް ހަވާލުވެވަޑައިގެންނެވި ފަހުން މެންބަރުކަމުގެ ސައްހަ ކަމާ މެދު ގާނޫނީ ބައެއް ބޭފުޅުން ސުވާލު އުފައްދަވަން ފެށްޓެވުން ޔައުގޫބު ވަނީ ކައުންސިލުން އިސްތިއުފާ ދެއްވައިފަ އެވެ.
މިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައިވެސް މިފަދަ މައްސަލަތަކެއް ކުރިމަތިވެ މެމްބަރުންތަކެއްގެ ގޮނޑިވެސް ވަނީ ގެއްލިފަ އެވެ. އޭގެ ކުރިން 17 ވަނަ މަޖިލީހުގައިވެސް މި މައްސަލަ ކުރިމަތި ވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ