ކޮވިޑް19އާ ގުޅިގެން ރައީސް އާއި ނައިބު ރައީސް އާއި މިނިވަން މުއައްސަސާތަކުގެ ވެރިންގެ މުސާރަ ކުޑަކުރި މައްސަލަ ނުބެލޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ.
ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން ރައީސް އާއި ނައިބު ރައީސް އާއި މިނިސްޓަރުން އަދި މިނިވަން މުއައްސަސާތަކުގެ ވެރިންގެ މުސާރަ ހަ މަހަށް ރައްޔިތުންގެ މަޖިލީހުން ކުޑަކުރިއެވެ. ރައީސް އާއި ނައިބު ރައީސްގެ މުސާރަ ގާނޫނެއްގައި ކަނޑައަޅާފައިވާއިރު ހަ މަހަށް މުސާރަ ކުޑަކުރީ އެ ގާނޫނަށް އިސްލާހު ނުގެނެހެވެ.
މީގެއިތުރުން މިނިވަން މުއައްސަސާތަކުގެ ވެރިންގެ މުސާރަ ވެސް ދައުރުގެ ތެރޭގައި ބަދަލު ނުކުރެވޭނެ ކަމަށް ގާނޫނުގައި ބުނެފައިވެއެވެ. އެހެންވެ، މިއީ ބާތިލް ނިންމުމެއް ކަމަށް ކަނޑައަޅައިދިނުމަށް ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވިއެވެ.
މިއަދު މި މައްސަލާގައި ސުޕްރީމް ކޯޓުގެ ހުކުމް އިއްވަމުން އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވިދާޅުވީ ކޯޓުތަކާ ބެހޭ ގާނޫނު އޮތް ގޮތުން ސުޕްރީމް ކޯޓަށް އަސްލީ އިހްތިސާސް ލިބިގެން ވަނީ ގައުމުގެ އާންމު މަސްލަހަތާ ގުޅިފައިވާ ނުވަތަ ދުސްތޫރީ ހުސްކަމަކަށް ހިނގައިދާނެ ފަދަ މައްސަލަތަކުގައި އެކަނި ކަމަށެވެ.
ސުޕްރީމް ކޯޓަށް މުސާރައާ ގުޅިގެން ހުށަހެޅި މައްސަލައަކީ އެފަދަ މައްސަލައެއްކަން ހަލީމް އަށް ސާބިތުކޮށްދެވިފައިނުވާ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ. އުއްތަމަ ފަނޑިޔާރު ވިދާޅުވި ގޮތުގައި، ހަލީމް ހުށަހެޅުއްވި މައްސަލައަކީ ވަކިވަކި ފަރުދުންތަކާ ގުޅުންހުރި މައްސަލައެކެވެ. އެހެންވެ، ސުޕްރީމް ކޯޓުން ކަނޑައެޅީ އެއީ ސުޕްރީމް ކޯޓުގެ އިހުތިސޯސް ނެތް މައްސަލައެއްގެ ގޮތުގައެވެ.
ރައީސް އާއި ނައިބު ރައީސްގެ މުސާރަ ކުޑަކުރި މައްސަލަ ނުބެލޭނެ: ސުޕްރީމް ކޯޓު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ