އިގްތިސޯދު ރަނގަޅުކުރުމަށް ބަޖެޓު ޑެފިސިޓް ކުޑަކުރަން ޖެހޭ ކަމަށާއި އެކަން ކުރެވޭނީ އާމްދަނީ އިތުރުކޮށްގެން ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ގައުމީ ޔުނިވާސިޓީ އާއި އެމްބީސީ ގުޅިގެން މިރޭ ބޭއްވި ބަހުސްގައި އިގްތިސޯތު ތަރައްގީ ކުރުމަށް އަޅާ ފިޔަވަޅުތަކަކީ ކޮބައިތޯ ދެންނެވުމުން ގާސިމް ވިދާޅުވީ އާމްދަނީ އިތުރުނުކޮށް ބަޖެޓު ޑެފިސިޓް ކުޑަކުރަން ޖެހިއްޖެ ނަމަ ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ދިނުމަށް ކުރަން ޖެހޭ ކަންތައްތަކުގެ ތެރެއިން ބައެއް ކަންތައްތައް ނުކުރެވި ހިނގައިދާނެ ކަމަށެވެ.
"އާމްދަނީ އިތުރުކޮށްގެން ނޫން ގޮތަކަށް އެކަން ކުރަން ވިސްނައިފިއްޔާ އަޅުގަނޑުމެންގެ މިހާރު ތިބި ޚަރަދުތަކުގެ ތެރެއިން ކަންތައްތަކެއް ނުކުރެވިދާނެ. އެއީ ރަށްރަށުގައި ފާޚާނާ ހޮޅި އެޅުން ކަމަށް ވިޔަސް. އަދި އޭނުން ވެސް ނަރުދަމާ ފެނުމުގެ ނިޒާމް ކަމަށް ވިޔަސް. ސިއްޙީ ނިޒާމް ކަމަށް ވިޔަސް ތައުލީމީ ނިޒާމް ކަމަށް ވިޔަސް ވަރަށް ބޮޑެތި އުނދަގޫ ދިމާވާނެ ކަމަށް އަޅުގަނޑުމެން ދެކެނީ،" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވަނީ ޖުމްހޫރީ ޕާޓީގެ ސަރުކާރެއްގައި އިގްތިސޯދު ހަރުދަނާ ކުރުމަށް ކުރެއްވުމަށް ނިންމަވާފައިވާ ކަންތައް ވިދާޅުވެފަ އެވެ. އެގޮތުން ޓޫރިޒަމް ތަރައްގީ ކުރުމާއި މަސްވެރިކަމުން ލިބޭ އާމްދަނީ އިތުރު ކުރުމުގެ އިތުރުން ޓްރާންސްޝިޕްމަންޓް ބަނދަރެއް ހެދާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.
ޓޫރިޒަމަށް ދޫކޮށްފައިވާ ރަށްތައް ހެދުމުގައި ސަރުކާރުން އެހީތެރިވާނެ ކަމަށާއި އެއްވެސް ދާއިރާއަކުން މުސާރަ ކުޑަނުކޮށް އުޅެވޭނެ ގޮތް ހެދުމަށްޓަކައި ފުރިހަމަ ޓެކްސްގެ ނިޒާމެއް ގާއިމް ކުރައްވާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
ސްކޫލްތަކުގެ މުގައްރަރު ދިވެހި މުޖުތަމައުއަށް ފައިދާވާގޮތަށް ހެދުމަށް ގެންނާނީ ކޮންބަދަލެއްތޯ ދެންނެވުމުން ގާސިމް ވިދާޅުވީ ތައުލީމީ ނިޒާމްގައި ވަރަށް ބޮޑެތި މައްސަލަތަކެއް އެބަހުރި ކަމަށެވެ. އެގޮތުން ރާއްޖެ އަށް ގެންނަ ބިދޭސީ ޓީޗަރުންގެ ފެންވަރު ދަށްކަން ފާހަގަ ކުރެވޭ ކަމަށް ގާސިމް ވިދާޅުވި އެވެ.
ސްކޫލް ނިންމާ ދަރިވަރުންގެ ތެރެއިން އެންމެ މަތީ ނަތީޖާ ހާސިލްކުރާ ދަރިވަރުން ތައުލީމީ ދާއިރާ އަށް ޝައުގުވެރިކުރުވުމަށް ކުރައްވާނެ މަސައްކަތްތަކަކީ ކޮބައިތޯ ދެންނެވުމުން ގާސިމް ވިދާޅުވީ މިހާރު ޓީޗަރުންނަށް ދެވޭ މުސާރަ ވަރަށް ކުޑަ ކަމަށާއި ޖީސީއީ އޯލެވެލް ނިންމާ ކޮންމެ ކުއްޖަކީ މަތީތައުލީމްގެ ފުރުސަތުތައް ލިބިގެންދާ ކުއްޖެއް ކަމަށް ހަމަޖައްސަވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.
އިގްތިސޯދު ރަނގަޅުކުރުމަށް ބަޖެޓު ޑެފިސިޓް ކުޑަކުރަން ޖެހޭ: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ