ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީނަށް ކެމްޕޭން ކުރެއްވުމުގެ ގޮތުން އެ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އުތުރުގެ ހަތަރު އަތޮޅަކަށް ކުރައްވާ ދަތުރުފުޅެއް މިއަދު ހެނދުނު ފައްޓަވައިފި އެވެ.
ސީ ޕްލޭންގައި ރައީސް މައުމޫން މިއަދު ފެއްޓެވި ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގެންނެވީ ރ. ކިނޮޅަހަށެވެ.
ޕީޕީއެމްގެ ތަރުޖަމާނު އަހުމަދު މަހުލޫފް މިއަދު ވިދާޅުވީ ރައީސް މައުމޫން މިއަދު ފެއްޓެވި ކެމްޕޭން ދަތުރުފުޅުގައި ކިނޮޅަހުގެ އިތުރުން އެ އަތޮޅު ދުވާފަރަށާއި އަލިފުށި އަދި ށ. ފުނަދޫ އަށާއި ހދ. ކުޅުދުއްފުށި، އަދި ހއ. ދިއްދު އަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މި ދަތުރުފުޅުގައި ރައީސް މައުމޫނާ އެކު ރިޔާސީ ކެންޑިޑޭޓް ޔާމީން އާއި ރަނިންމޭޓް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވެސް ބައިވެރިވެވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިދަތުރުފުޅުގައި ރައީސް މައުމޫން އެ ރަށްތަކަށް ވަޑައިގެން ޕީޕީއެމްއަށް ސަޕޯޓްކުރައްވާ ފަރާތްތަކާ ބައްދަލުކުރައްވާނެ. އަދި މިއީ ވަރަށް ކާމިޔާބު ދަތުރުފުޅަކަށް ވާނެ ކަމަށް އުއްމީދުކުރެވޭ،" މަހުލޫފް ވިދާޅުވި އެވެ.
ރައީސް މައުމޫން ވަނީ ޔާމީނަށް ކެމްޕޭން ކުރެއްވުމުގެ ގޮތުން މީގެ ކުރިން އައްޑު އަށާއި ފުވައްމުލަކަށް ވެސް ދަތުރުފުޅެއް ކުރައްވައިފަ އެވެ.
ޕީޕީއެމްގެ ކެމްޕޭން ދަތުރުފުޅެއްގައި މައުމޫން އުތުރަށް ފުރާވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ