ދިވެހިރާއްޖެ މިހާރު މި އޮތީ ބަނގުރޫޓުވެ، ވަރަށް ނުރައްކާތެރި ހިސާބެއްގައި ކަމަށް، ކާމިޔާބު ވިޔަފާރިވެރިޔާ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރޭ ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ޕާޓީން ހއ. އިހަވަންދޫގައި ބޭއްވި ޖަލްސާގައި، މާމިގިލީ ދާއިރާގެ މެންބަރު ގާސިމް ވިދާޅުވީ އާމްދަނީ ހޯދުމަށް، މިދިޔަ ދުވަސްތަކުގައި މަސައްކަތްކޮށްފައި ވަނީ ވެސް ރަނގަޅަށް ނޫން ކަމަށާއި މިހާރު ގައުމު ދަނީ ދުވަހެއް ދުވަހަކަށް ދަރަނިވެރިވަމުން ކަމަށެވެ.
"އަޅުގަނޑުމެން ވޭތުދިޔަ ދުވަސްތަކުގައި އާމްދަނީ އިތުރުކުރުމަށް މަސައްކަތް ކުރުމުގެ ބަދަލުގައި މަސައްކަތް ކުރަމުން ދިޔައީ މުޅިން ރޯ ނުބައި މަގަކުން. އަޅުގަނޑުމެން ދިޔައީ ކާބަފައިން ހޯދައިދިން އަޅުގަނޑުމެންގެ ވިޔަފާރިތައް ވިއްކާލަމުން. ބައިނަލްއަގުވާމީ އުސޫލުން މަންފާ ނުލިބޭ ގޮތަށް. ދިވެހިންނަށް މެޖޯރިޓީ އޮތް ކުންފުންޏެއްގެ ހިއްސާ ވިއްކާލައި މިއަދު ދިރާގަކީ އެ ހިއްސާ ގަތް ކޭބަލް އެންޑް ވަޔަލެސްގެ ސަބްސިޑަރީއަކަށް ވެގެން ދިޔައީ. މިހާރު ބަސް ނުކިޔޭ މައިނޯރިޓީ ޝެއާ ހޯލްޑަރަކަށް ވެގެން މި ދިޔައީ. ދިރާގުގެ ހިއްސާ ވިއްކާލިއިރު ކޮން ނޫހެއްގަތޯއޭ ޖެހީ؟ ކޮން އިއުލާނެއްތޯ ކުރީ؟ އެކަން ކަނޑައެޅިގެން މާލިއްޔަތު ގާނޫނާ ހިލާފަށް،" ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖެ މިވަނީ ވަރަށް ނުރައްކާ ހާލަތެއްގައި ކަމަށާއި، ރާއްޖެ މިވަނީ ބަނގުރޫޓުވެފައި ކަމަށެވެ.
"މިއަދު ގައުމުގެ ހާލަތު ވަނީ ވަރަށް ނުރައްކާތެރި ދަނޑިވަޅެއްގައި. ގައުމު ވަނީ ބޭންކްރަޕްޓް ވެފަ. ނުވަތަ އެހެން ގޮތަކަށް ދަންނަވާ ނަމަ ބަނގުރޫޓުވެފަައި. ނަތީޖާއެއްގެ ގޮތުން އަޅުގަނޑުމެން ދުވަހެއް ދުވަހަކަށް މިދަނީ ދަރަނިވެރިވަމުން. ދިވެހި ރުފިޔާގެ އަގު ވެއްޓެމުން،" ގާސިމް ވިދާޅުވި އެވެ.
ައޭނާ ވިދާޅުވީ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ބޭރު ބައެއްގެ އަތްމައްޗަށް ދޫކޮށްލުމުން ސަރުކާރުން ބޮޑެތި ގެއްލުންތަކެއްވެ، އެއާޕޯޓް ދިން ކުންފުންޏަށް ސަރުކާރުން ހަތް މިލިއަން ޑޮލަރު ދޭން ޖެހުނު ކަމަށާއި ނަމަވެސް ސަރުކާރަށް އެއާޕޯޓް ނެގުމުން މިހާތަނަށް 100 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ފެބްރުއަރީ 7، 2012 ގެ ފަހުން ރާއްޖެ ބޮއިކޮޓްކޮށް "އަޅުގަނޑުމެން އިނދަޖައްސާލަން ދެތިން މީހަކު" މަސައްކަތް ކުރަމުންދާ ކަމަށެވެ.
"މި އަހަރުގެ ޖެނުއަރީ މަސްހާ ނިކަމެތި މަހެއް ޓޫރިޒަމްގައެއް ނުދެކެން. އާއްމު ގޮތެއްގައި ނިއު އިޔާ ނައިޓަށް ރިސޯޓްތަކާއި ސަފާރީ ބޯޓުތައް ފުރޭ. ނަމަވެސް މިފަހަރު ދަށް. މިކަމާ ފިކުރުކޮށްލަން ޖެހޭ. މިއީ ސަމާސާ ވާހަކައެއް ނޫން. އެއްގޮތަކަށް ވެސް. ދަންނަވާލަން ބޭނުންވަނީ ވިސްނަވާލާށޭ. ދިހަ ރުފިޔާ އަށް ޑޮލަރު ހަދައިދޭނަމޭ ބުނި މީހާ ހެދި ގޮތް މިއީ،" ގާސިމް ވިދާޅުވި އެވެ.
އެމްޑީޕީގެ ގެސްޓް ހައުސް ސިޔާސަތަށް އިޝާރާތް ކުރައްވަމުން ގާސިމް ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓް ކުރަން ގޮވާލުމަށް ފަހު، ރަށްރަށުގައި ގެސްޓް ހައުސް އަޅާ ވާހަކަ ދެއްކުމުން ދެ ވާހަކަ ދިމާނުވާ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ކޮންމެ ކަމެއް ކުރުމުގައި ވެސް އަމާޒެއް އޮންނަން ޖެހޭ ކަމަށާއި އެހެން ނޫން ނަމަ އެނބުރި އެނބުރި އޮންނާނީ ކަމަށެވެ.
"ޓާގެޓެއް ނެތި ކިހިނެއްތޯ ކަމެއް ކުރާނީ. އޭރުން އެނބުރި އެނބުރި ހުންނާނީ. މިހެން ބުނީމަ ތިބޭފުޅުން ވިދާޅުވާނެ ބުރުމާއޭ އަޅުގަނޑު މީ. ބައެއް ބޭފުޅުން ޖެއްސުމަށް ނޫނީ އަޅުގަނޑު ދެރަކޮށްލަން ކިޔާނަމެއް މީ. އެހެންނަމަވެސް އަޅުގަނޑު ބައްޕަ އަށް ކިޔަނީ ބުރުމާ އިބްރާހިމް. އަޅުގަނޑަށް ބުރުމާ ކިޔާ. އެކަމާ އަޅުގަނޑު ދެރައެއް ނުވޭ،" ސަމާސާ ރާގެއްގައި ގާސިމް ވިދާޅުވި އެވެ.
ގައުމު މި އޮތީ ބަނގުރޫޓު ވެފައި: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ