ނަޝީދުގެ ފަރާތުން އެދިވަޑައިގެންނެވި ޗުއްޓީ ނުދޭން ހުޅުމާލޭ ކޯޓުން ނިންމައިފި

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ހުޅުމާލޭ ކޯޓުގައި ޝަރީއަތް ހިންގަމުން ދަނިކޮށް ރަށުން ބޭރަށް ވަޑައިގަންނަވަން ބޭނުންފުޅު ވާތީ އެ މަނިކުފާނު އެދިވަޑައިގެންނެވި ޗުއްޓީ ނުދޭން ހުޅުމާލޭ ކޯޓުން މިއަދު ނިންމައިފި އެވެ.
ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރި މައްސަލައިގައި ނަޝީދުގެ ފަރާތުން ކޯޓުގައި އެދިފައި ވަނީ މިއަދު ހަވީރުން ފެށިގެން މިމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ޗުއްޓީއެއް ދިނުމަށެވެ.
ޖުޑީޝަރީގެ އޮފިޝަލަކު މިއަދު ވިދާޅުވީ ނަޝީދުގެ ފަރާތުން އެދިވަޑައިގެންނެވި ޗުއްޓީ ނުދޭން، ނަޝީދުގެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން މިހާރު ނިންމާފައިވާ ކަމަށެވެ.
ނަޝީދު އެގޮތަށް އެދިވަޑައިގަތްއިރު މިމަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ވެސް ކޯޓުން ނަޝީދަށް ޗުއްޓީ ދީފައިވެ އެވެ. އަދި އެ މުއްދަތު އިއްޔެގެ ނިޔަލަށް އިތުރުކޮށްދޭން އެދިވަޑައިގަތުމުން އެ މުއްދަތަށް ވެސް ކޯޓުން ވަނީ ދީފަ އެވެ.
ނަޝީދުގެ މައްޗަށް ހިންގާ ޝަރީއަތުގެ އަޑުއެހުން މިއަދު ހަވީރު ބޭއްވުމަށް ވަނީ ތާވަލްކޮށްފަ އެވެ. ޖުޑިޝަރީން ބުނީ ތާވަލްކުރި ގޮތަށް ޝަރީއަތް ބާއްވާނެ ކަމަށެވެ.
ނަޝީދުގެ ޝަރީއަތުގައި ނަޝީދުގެ ފަރާތުން ނެގި އިޖްރާއީ ނުކުތާތަކާމެދު ހުޅުމާލޭ ކޯޓުން ނިންމި ގޮތް ނަޝީދުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ކުރި އެވެ. ނަމަވެސް ހުޅުމާލޭ ކޯޓުގެ އެ ނިންމުންތަކަށް ހައި ކޯޓުން ވަނީ ތާއީދުކޮށްފަ އެވެ. ހައި ކޯޓުގެ އެ ހުކުމް އިސްތިއުނާފް ކުރަން ނަޝީދުގެ ފަރާތުން ވަނީ މިހާރު ސުޕްރީމް ކޯޓަށް ހުށަހަޅައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ