ޝިފާންގެ މަރުގެ މައްސަލައިގެ އަޑުއެހުންތައް ކޯޓުން ނިންމާލައިފި

މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ފުރަތަމަ ދުވަހު ވެސްޓް ޕާކް ކައިރީގައި ތޫނު އެއްޗެހިން ހަމަލާދީ މ. ފެއަރީކޯނާ އަލީ ޝިފާން (ތޮޅިޕެލޭ) މަރާލި މައްސަލައިގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުން މިއަދު ނިންމާލައިފި އެވެ.
ޝިފާން މަރާލި މައްސަލައިގައި ދައުލަތުން ދައުވާކުރަނީ ޅ. ކުރެންދޫ މާފަހި މުހައްމަދު އާސިފާއި މާލޭ ދަފްތަރު 2193 މުހައްމަދު ޝައިފަން އާއި މ. ނަލަހިޔާ މަންޒިލް އަލީ ނަބީހާއި ބ. ތުޅާދޫ ކާނިމާގޭ ރައްޒާން އަބްދުއްރަހުމާނާއި މ. ދިންމަނަ އަބްދުﷲ ތިލްމީޒުގެ އިތުރުން މ. ސިލްވަނެޓް މުހައްމަދު މިޝާން އަބްދުލް ހާދީގެ މައްޗަށެވެ.
އެ މައްސަލައިގައި ކްރިމިނަލް ކޯޓުގައި މިއަދު އޮތީ ހުލާސާ ބަޔާން ހުށަހެޅުމެވެ. ބަޔާން ހުށަހަޅަމުން ދައުލަތުގެ ވަކީލާ ވިދާލުވީ އެ މައްސަލައިގެ ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަސް ނުލިބުނީ އެ މީހުންނަށް މަރުގެ އިންޒާރު ދިނުމުން ކަމަށެވެ. ނަމަވެސް އެ މީހުން ފުލުހުންގެ ތަހުގީގަށް ދީފައިވާ ބަޔާންތަކުގައި ދައުވާލިބޭ މީހުން ޝިފާނަށް ހަމަލާދިން މަންޒަރު ފެނުނު ކަމަށް ބުނެފައިވާތީ މައްސަލަ ނިންމުމުގައި އެ ހެކިންގެ ތަހުގީގު ބަޔާންތަކަށް ރިއާޔަތްކޮށްދިނުމަށް ވަކީލާ އެދިވަޑައިގަތެވެ. އަދި ދައުވާލިބޭ ޝައިފަންގެ ހަށިގަނޑުން ފެނުނު ޑީއެންއޭއާ މަރުވި ޝިފާންގެ ޑީއެންއޭ ދިމާވާތީ މައްސަލަ ނިންމުމުގައި އެ ޑީއެންއޭއަކީ ހަރުދަނާ ގަރީނާއެއް ކަމަށް ބަލައިދިނުމަށް ވެސް ދައުލަތުން އެދުނެވެ.
ބަޔާން ހުށަހަޅަމުން ދައުވާލިބޭ މީހުންގެ ދިފާއީ ވަކީލުން ބުނެފައިވަނީ ދައުވާލިބޭ މީހުން ދައުވާއަށް އިންކާރުކުރީ އެއީ އެ މީހުން ނުކުރާ ކަމަކަށްވާތީ ކަމަށެވެ. އަދި މަރުގެ މައްސަލަތަކަކީ "އެއްވެސް ޝައްކެއް ނެތް" މިންވަރަށް ސާބިތުވާންޖެހޭ މައްސަލަތައް ކަމަށް ސުޕްރީމް ކޯޓުގެ ގަޒިއްޔާއަކުން ކަނޑައަޅާފައިވާ ކަމަށް ދިފާއީ ވަކީލުން ވިދާޅުވި އެވެ. ނަމަވެސް އެ މައްސަލައިގައި ދައުވާލިބޭ މީހުންނާ ދެކޮޅަށް އެކަށީގެންވާ ވަރުގެ ހެއްކާއި ގަރީނާ ދައުލަތުން ހުށަހަޅާފައިނުވާ ކަމަށް ވެސް އެ ވަކީލުން ވިދާޅުވި އެވެ.
މިއަދުގެ އަޑުއެހުމުގައި އެ މައްސަލަ ބައްލަވާ ގާޒީ ވަނީ ދައުވާލިބޭ ޝައިފަނާއި ބައެއް ސުވާލުތައް ކުރައްވާފަ އެވެ. އެގޮތުން މަރުވި ޝިފާނަކީ ޝައިފަންގެ ރައްޓެއްސެއްތޯ އާއި ޝިފާން މަރުވި ދުވަހު އޭނާއާ ދިމާވިތޯ އާއި ޝިފާނާ އެއްވެސް އިރަކު ސަލާންކޮށް އޭނާގެ ގައިގައި އެއްވެސް އިރަކު ބައްދާ ހެދިންތޯ ގާޒީ ސުވާލު ކުރެއްވި އެވެ. އަދި ޝިފާނާ ދެމީހުންގެ ދެމެދުގައި އެއްވެސް މައްސަލައެއް އޮންނާނެތޯ ގާޒީ ސުވާލު ކުރެއްވި އެވެ.
ޖަވާބުގައި ޝައިފަން ބުނީ އޭނާއާ ޝިފާނާ ކޮންމެވެސް ވަރަކަށް ރައްޓެހި ކަމަށެވެ. ނަމަވެސް ޝިފާން މަރުވި ދުވަހު އޭނާއާ ޝިފާނާ ދިމާނުވާ ކަމަށް ޝައިފަން ބުންޏެވެ. ކުރިން ކޮންމެވެސް ވަރަކަށް ޝިފާނާ ސަލާންކޮށް ބައްދާ ހަދާ ކަމަށާއި ނަމަވެސް ޝިފާން މަރުވި ދުވަހު އޭނާއާ ދިމާނުވާތީ އެފަދަ ގޮތަށް ބައްދާ ހަދާފައިނުވާނެ ކަމަށް ޝައިފަން ބުންޏެވެ.
މިއަދުގެ އަޑުއެހުން ނިންމަވާލައްވަމުން ގާޒީ ވިދާޅުވީ އެ މައްސަލައިގެ އަޑުއެހުންތައް ނިމުނީ ކަމަށާއި ވީ އެންމެ އަވަސް މުއްދަތެއްގެ ތެރޭގައި ހުކުމް އިއްވޭތޯ މަސައްކަތް ކުރައްވާނެ ކަމަށެވެ.
ޝިފާންގެ ހުރިހާ ވާރިސުން ވެސް ކޯޓުގައި ބުނެފައިވަނީ ޝިފާންގެ މަރުގެ ބަދަލުގައި ދައުވާލިބޭ މީހުންގެ ކިބައިން ބޭނުންވަނީ މަރަށް މަރު ހިފަން ކަމަށެވެ. އެ މައްސަލައިގައި ދައުވާލިބޭ އެންމެން ވެސް ޝަރީއަތް ނިމެންދެން ބަންދުގައި ބައިތިއްބަން ގާޒީ ވަނީ ކުރިން އަމުރު ނެރުއްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ