އަބްދުﷲ ގާޒީގެ ސުލޫކީ މައްސަލަތަކެއް ޖޭއެސްސީއަށް ހުށަހަޅައިފި

ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ)ގެ ސުލޫކީ ހަތަރު މައްސަލައެއް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް އިއްޔެ ހުށަހަޅައިފި އެވެ.
އެ މައްސަލަތައް ހުށަހެޅީ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހާމިދު އަބްދުލްޣަފޫރެވެ. ހާމިދު އެ މައްސަލަ ހުށަހެޅުއްވިއިރު ހާމިދުގެ މައްޗަށް ދައުލަތުން ކުރާ ކުޑަކަމުދާތަކެތި ނުދިނުމުގެ ދައުވާގެ މައްސަލަ ބައްލަވަނީ އަބްދުﷲ ގާޒީ އެވެ.
އެމްޑީޕީން ނެރެފައިވާ ބަޔާނެއްގައިވަނީ ހާމިދާ މެދު ހަރުކަށިކަން އިސްކުރައްވައި އަދި މައްސަލައިގެ ހުކުމަކާ ހަމައަށް ނުދަނީސް ކުށްވެރި ނަޒަރެއްގައި ހާމިދާ މެދު ކުޑައިމީސް ކުރައްވައި ހާމިދުގެ އަބުރު ނަގާލުމުގެ ގޮތުން ސިޔާސީ ގެއްލުން ދޭން އަބްދުﷲ ގާޒީ މަސައްކަތް ކުރެއްވި ކަމަށް ހާމިދު ހުށަހެޅުއްވި މައްސަލަތަކުގައި ވިދާޅުވެފައިވާ ކަމަށެވެ. އަދި އަބްދުﷲ ގާޒީގެ އިތުރު މައްސަލަތައް ވެސް ކުރިއަށް އޮތް ދުވަސްތަކުގައި ޖޭއެސްސީއަށް ހުށަހަޅުއްވާނެ ކަމަށް ހާމިދާ ހަވާލާދީ އެ ބަޔާނުގައިވެ އެވެ.
ކޯޓުގެ ހާޒިރުނުވި މައްސަލައިގައި ހާމިދުގެ މައްޗަށް ހަ މަހުގެ ޖަލު ހުކުމެއް އިއްވީ އަބްދުﷲ ގާޒީ އެވެ. ނަމަވެސް އެ ހުކުމް ހައި ކޯޓުން ފަހުން ވަނީ ބާތިލްކޮށްފަ އެވެ.
އަބްދުﷲ ގާޒީގެ ސުލޫކީ އިތުރު މައްސަލަތަކެއް ވެސް ޖޭއެސްސީން ދަނީ ބަލަމުންނެވެ. އޭގެ ތެރެއިން އެއް މައްސަލައެއް ނިންމާ އަބްދުﷲ ގާޒީގެ މައްޗަށް އެ މައްސަލަ ސާބިތުވާ ކަމަށް ޖޭއެސްސީން ކުރިން ނިންމި ނަމަވެސް އެ ނިންމުން ސިވިލް ކޯޓުން ވަނީ ބާތިލްކޮށްފަ އެވެ. އަދި ސިވިލް ކޯޓުގެ އެ ހުކުމަށް ހައި ކޯޓުން ވެސް ވަނީ ތާއީދުކޮށްފަ އެވެ.
އަންނަ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އަބްދުﷲ ގާޒީ ޑްރަގް ކޯޓަށް ބަދަލުކުރުމަށް ޖޭއެސްސީން ވަނީ ނިންމައިފަ އެވެ. ނަމަވެސް ކޮމިޝަންގެ އެ ނިންމުމަށް އަމަލު ނުކުރެވޭނެ ކަމަށް އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިން ވިދާޅުވި ނަމަވެސް ޖޭއެސްސީން ވަނީ އެ ކޮމިޝަންގެ ނިންމުން ދިފާއުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ