ޖޭޕީގެ ޖަލްސާގައި އެމްޑީޕީގެ ޗެއާޕާސަން އަދި ފާރިސް މައުމޫން ބައިވެރިވެވަޑައިގެންފި

ޖުމްހޫރީ ޕާޓީން މިހާރު ކުރިއަށްގެންދާ ޖަލްސާއަށް އެމްޑީޕީގެ ޗެއާޕާސަން އަލްއުސްތާޒު ހަސަން ލަތީފު އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން ބައިވެރިވެވަޑައިގެންފިއެވެ.
ޖުމްހޫރީ ޕާޓީން ކުރިއަށް ގެންދާ ޖަލްސާއަށް ހަސަން ލަތީފު ވަޑައިގެންނެވުމުން ޖަލްސާގައި ތިއްބެވި މެންބަރުން ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.
އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްވެސް ވަނީ ހަސަން ލަތީފަށް މަރުހަބާ ދަންނަވާފައެވެ. ހަސަން ލަތީފުގެ އިތުރަށް އެމްޑީޕީއަށް ނިސްބަތްވާ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު ފަލާހުއާއި ސިޓީ ކައުންސިލް މެންބަރު ސަމާއުވެސް ވަނީ ވަޑައިގެންފައެވެ.
އަދި ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫންވެސް ވަނީ މި ޖަލްސާއަށްވެސް ވަޑައިގެންފައެވެ.
މި ބޭފުޅުން ޖަލްސާއަށް ވަޑައިގެންނެވުމުން ޖުމްހޫރީ ޕާޓީގެ ނާއިބް ލީޑަރު ޑރ ހުސައިން ރަޝީދު ހަސަން ވިދާޅުވީ މިކަމުން ޕާޓީތަކުގެ މެދުގައި އޮތް ހަރުދަނާ ބަދަހި ގުޅުން ހާމަވެގެން ހިނގައްޖެކަމަށެވެ. އަދި ގުޅިފައިވާ ޕާޓީތަކުން ކުރާ މަސައްކަތް ކާމިޔާބުވާނެކަން މިކަމުން ހާމަވެގެން ހިނގައްޖެކަމަށް ޑރ ހުސައިން ވިދާޅުވިއެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްވެސް ވަނީ ހަސަން ލަތީފާއި، ފާރިސް މައުމޫނަށް އަދި އެމްޑީޕީއާއި އަދާލަތުން މިރޭގެ ޖަލްސާއަށް ވަޑައިގެންނެވި މެންބަރުންނަށް ޝުކުރު ދަންނަވާފައެވެ. އަދި އިސްލާހީ މަސައްކަތްތަކުގައި އެ ޕާޓީން ގުޅިފައިވާ ޕާޓީތަކާއިއެކު މަސައްކަތްކުރުމުގައި ދެމިތިބޭނެކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ