ނަޝީދަކީ މޮޔައެއް، އޭނާ ދައްކާނީ ވެސް މޮޔަ ވާހަކަ: ގާސިމް

ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދަކީ "މޮޔައެއް" ކަމަށް ސިފަކުރައްވައި އެމަނިކުފާނު ހުންނެވީ ފުރޭތައެއްގެ ވިސްނުން އައިސްފައި ކަމަށް ވިދާޅުވެ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ރޭ އެމަނިކުފާނަށް ހޫނު ހަމަލާތަކެއް ފޮނުއްވާލައްވައިފި އެވެ.
"ހިތަށް އެރިހާ ކަމެއް ނުކުރެވޭނެ އެއްވެސް އިންސާނަކަށް. ހިތަށް އެރި ގޮތަކަށް ވެސް ނޫޅެވޭނެ. އެ ކަހަލަ ވާހަކަ ދައްކާ މީހުންނަކީ މޮޔައިން އިނގޭތޯ. މޮޔައިން އަބަދުވެސް އެގޮތަށް މޮޔަގޮވާނީ. އެކަހަލަ މީހުން މޮޔަވީމަ ދެން ޑޮކްޓަރު ކައިރިއަށް ދިޔައީމާ ދެން ޖަހަން ޖެހޭ އިންޖިކްޝަން ޖެހީމާ ދެން އޮބިނޯތީމާ އަޅުގަނޑުމެން ރާއްޖޭގައި ކުޑައިރު ދެކެން މަންޒަރެއް. އަޅުގަނޑު ދެން އެ މަންޒަރުގެ ވާހަކަ ދައްކާކަށް ނެތިން،" މަޖާކުރުން: ބިރަކާނުލާ ފޫހިފިލުވުން ނަމުގައި އެމްޑީޕީން އިއްޔެ ލޯންޗުކުރި ސިޔާސަތަށް އިޝާރާތް ކުރައްވައި، ވ. ކެޔޮދޫގައި ބޭއްވި ޖަލްސާގައި ގާސިމް ވިދާޅުވި އެވެ.
ނަޝީދަކީ ގާނޫނު އަސާސީގެ ބަނޑޭރިގަނޑު ވެސް ވިދާޅުވާން އެނގިވަޑައިގަންނަވާ ބޭފުޅެއް ނޫން ކަމަށާއި އެމަނިކުފާނަކީ "ޖާހިލެއް" ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. ވެރިކަމަށް ވަޑައިގަތުމަށް ކުރެއްވި ހުވަޔާ ވެސް ނަޝީދު ހިލާފުވެވަޑައިގެންފައިވާ ކަމަށާއި އެމަނިކުފާނާ ގައުމު ހަވާލުކުރުން "ދެން ވައްސަލާމް" ކަމަށް ގާސިމް ވިދާޅުވި އެވެ. އަދި ވިދާޅުވީ "އޭނާ އަށް ވޯޓު ދޭކަށް މީހަކު ނޫޅޭ" ކަމަށާއި އެކަން ކުރިއަށް އޮތް ރިޔާސީ އިންތިހާބުން އެނގިގެންދާނެ ކަމަށެވެ.
އެމްޑީޕީ އަކީ ގައުމަށް ހެޔޮއެދިގެން ތަރައްގީގެ މަސައްކަތް ކުރަން އުޅޭ ޕާޓީއެއް ނޫން ކަމަށާއި އެ ޕާޓީ އަކީ "ހުސް ދޮގު ހަދާ" ޕާޓީއެއް ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. އަދި ވިދާޅުވީ ނިމިގެންދިޔަ އިންތިހާބަށް ނަޝީދު ކުރެއްވި އެއްވެސް ވައުދެއް ފުއްދަވައިދެއްވާފައި ނުވާ ކަމަށެވެ.
"ބަލަ ގާނޫނެއް އޮތަސް އެއަށް ބަލާލުމެއް ނެތް، ދެން މިކަހަލަ މީހަކު ބުނެފާނެ ނޫންތޯ އިމެއް މިނެތް ނެތި ތިމަންނާމެން އުފާފާޅުކުރަން ފުރުސަތު ދޭނަމޭ. ބަލަ އެއީ އިންސާނުންނަށް މާތް ﷲ ދެއްވާފައި އޮތް ކަމެއް ނޫނޭ،" ނަޝީދަށް މަލާމާތް ކުރައްވަމުން ގާސިމް ވިދާޅުވި އެވެ. "ދެން މިކަހަލަ ހެއްވާ ވާހަކަ ދެއްކީމާ މީނަ ހީކުރަނީ އަޅުގަނޑުމެން މި ގައުމުގައި މި ތިބެނީ މޮޔައިންނޭ. ހަމަ ހަގީގަތުގައި ވެސް އޭނަ އަށް ހީވެދާނެ. އޭނަ އެހެރީ މޮންސްޓާއެއް ]ފުރޭތައެއް[ ގެ ވިސްނުން އައިސްފައި."
ގާސިމް ވިދާޅުވީ ނަޝީދު "ނުކުރައްވާކަށް ވިޔާނުދާ ކަމެއް އަދި ވިދާޅުނުވާ ވިޔާނުދާ ވާހަކައެއް ނޯންނާނެ" ކަމަށެވެ. ދިވެހި ރައްޔިތުން ނަޝީދު ދެކެ ބިރު ނުގަންނަ ކަމަށާއި ބިރުގަންނަން ޖެހޭ ސަބަބެއް ވެސް ނެތް ކަމަށް ވިދާޅުވި އެވެ.
ޖީއެމްއާރަށް އެއާޕޯޓް އަނބުރާ ދިނުމަށް އެމްޑީޕީން ގޮވާލާފައިވާތީ އެކަމަށް ފާޑުވިދާޅުވަމުން ގާސިމް ވިދާޅުވީ އެއީ ގައުމަށް ފައިދާ ހުރި ކަމެއް ނޫން ކަމަށާއި ރައްޔިތުންގެ މުދާ އެގޮތަށް ވިއްކާނުލެވޭނެ ކަމަށެވެ. އެހެން ކެންޑިޑޭޓުން އުޅެން ޖެހެނީ "ބޮޑު ލާރީގައި ހުނި ޖަހައިގެން" ކަމަށް ނަޝީދު ވިދާޅުވެފައިވާއިރު، އެމަނިކުފާނު ފައިސާ ހޯއްދަވާނީ ކޮންތާކުންތޯ ސުވާލު އުފައްދަން ޖެހޭ ކަމަށް ގާސިމް ވިދާޅުވި އެވެ.
"އެހެންވީމަ އަޅުގަނޑު ދަންނަވާނީ މި ފަހަރު ގޯނި ގޯންޏަށް ލާރި އަޅައިގެން ހިފައިގެން އަޔަސް ވެނު މަސް ވެނަށޭ ކާންދެވޭނީ. އަޅުގަނޑުމެންގެ ރައްޔިތުންގެ ލާރިއޭ އަތް މައްޗަށް ދެނީ. މި މީހުން ބަހަނީ ރައްޔިތުންގެ ލާރިއޭ. ބައްލަވާ ލާރި ހޯދިގޮތެއް އެނގެން ޖެހެނޭ ނޫންތޯ،" ގާސިމް ވިދާޅުވި އެވެ. އަދި އެމްޑީޕީން މިހާރު ބަހަމުން ގެންދާ ފައިސާއަކީ ސަރުކާރުން ހިންގިއިރު އެކިގޮތްގޮތުން ނަގާފައިވާ ފައިސާ ކަމަށާއި ވެރިކަން ލިބިއްޖެ ނަމަ އެވެނި މިވެނި ކަމެއް ކޮށްދޭނަމޭ ކިޔައިގެން މީހުންގެ އަތުން ނަގާފައިވާ ފައިސާ ކަމަށް އިޝާރާތް ކުރައްވައި ވެސް ގާސިމް ވާހަކަ ދެއްކެވި އެވެ.
ގާސިމް ވިދާޅުވި ގޮތުގައި ގައުމު ވިއްކާލައި މުސީބާތް ޖައްސަން އެމްޑީޕީން ވެރިކަން ދޫކޮށްލައިގެން ނުވާނެ އެވެ.
ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ރައްޔިތުން ރުހޭ ނަމަ، ވ. އަތޮޅު ބޮޑޮމޮހޮރާ ފަޅުން ބައެއް ހިއްކައި ތަރައްގީކޮށް ސްކޫލާއި ހޮސްޕިޓަލާއި އެއާޕޯޓް އެތަނުގައި ހަދާނެ ކަމަށް ގާސިމް ވައުދުވެވަޑައިގެންނެވި އެވެ. އެގޮތަށް އެކަން ކުރުމަށްޓަކައި ތިން އަހަރަށް ވުރެ ދިގު މުއްދަތެއް ނުނަގާނެ ކަމަށް ވެސް ގާސިމް ވައުދުވެވަޑައިގެންނެވި އެވެ.
"އެއީ ވަރަށް ކުޑަ މަސައްކަތެއް. ދެހާސް އަށްސަތޭކަ މީހުން ދިރިއުޅޭ އާބާދީއެއް މިދެންނެވި ގޮތަށް ހަމަޖެހިގެން ދިއުމަކީ މުޅި ހުރިހާ އާއިލާތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް. އިޖުތިމާއީ ގޮތުން އިގްތިސާދީގޮތުން ތައުލީމީ ގޮތުން އަދި ސިއްހީގޮތުން އެބައި މީހުންގެ ހުރިހާ ވޭނަކާއި ކެކުޅުމެއް ދިޔައީ ފިލައިގެން. އާބާދުވެގެން އާރާސްތުވެގެން އަންނާނީ އާ ސިޓީއެއްގެ ސިފައިގައި، އެންމެ މިޒަމާނުގެ ކޮލިޓީގައި ކަންތައްތައް ހުންނާނީ. ބްރޭންޑް ނިއު ރަށްރަށުގެ ގޮތުގައި ހުންނާނީ،" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ހިދުމަތްތައް ހޯދުމަށް މާލެ އަންނަން ނުޖެހޭނެ ކަމަށެވެ. ރޭގެ ޖަލްސާގައި ކެޔޮދޫގެ ހަތަރު ކައުންސިލަރަކު ޖުމްހޫރީ ޕާޓީ އަށް ސޮއިކޮށް އެ ރަށު ކައުންސިލްގެ މެޖޯރިޓީ ވަނީ އެ ޕާޓީން ނަގައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ