ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް އަދި ދ.އަތޮޅު ތައުލީމީ މަރުކަޒު ފައިނަލަށް

އެފްއޭއެމްއިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ މައިލޯ އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގެ 18 އަހަރުން ދަށުގެ ބައިގެ ފައިނަލަށް ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް އަދި ދ. އަތޮޅު ތައުލީމީ މަރުކަޒު ދަތުރުކޮށްފިއެވެ.
މި ދެޓީމަށް ފައިނަލުގެ ޖާގަ ކަށަވަރުވީ ހޮނިހިރު ދުވަހު އަހުމަދިއްޔާ އަދި ސީއެޗްއެސްސީ ބައްދަކުރި މެޗް އެއްވަރުވުމުންނެވެ. މި މެޗުގެ އިތުރުން ވިލާ އަދި ދ.އަތޮޅު ތައުލީމީ މަރުކަޒުވެސް ހޮނިހިރު ދުވަހު ކުޅުނު މެޗު ނިމުނީ އެއްވަރު ވެގެންނެވެ.
މުބާރާތުގެ 18 އަހަރުން ދަށުގެ ބައިގައި ވާދަކޮއްފައިވަނީ 5 ސުކޫލަކުންނެވެ. އެހެންކަމުން ލީގު އުސޫލުން ކުޅުމަށްފަހު ފައިނަލަށް ދާނީ އެންމެ ގިނައިން ޕޮއިންޓު ހޯދާ ދެޓީމެވެ.
ހޮނިހިރު ދުވަހު އަހުމަދިއްޔާ އަދި ސީއެޗްއެސްސީ ބައްދަލުކުރި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ. މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެން ގޮސްފައިވަނީ ދެވަނަ ހާފުގެ ތެރޭގައެވެ.
މެޗުގައ ފުރަތަމަ ލަނޑުޖަގާ ލީޑު ނެގީ އަހުމަދިއްޔާ އިންޓަނޭޝަނަލް ސުކޫލުންނެވެ. މި ލަނޑު މެޗުގެ 64 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮއްދިނީ މުހަންމަދު އަބްދުﷲ އެވެ. ނަމަވެސް މާ ގިނަ އިރުތަކެއް ނުވަނީސް ސީއެޗްއެސްސީއިން ވަނީ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. 76 ވަނަ މިނެޓުގައި އެޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ވާއިލް އަލީ ހަސަން އެވެ.
ވިލާ އިންޓަނޭޝަނަލް ހައި ސްކޫލާއި ދ.އަތޮޅު ތައުލީމީ މަރުކަޒު ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމުނީ 2-2 ގެ ނަތީޖާއަކުންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައިވަނީ ވިލާއިން ނެވެ. އެޓީމުގެ 2 ލަނޑުވެސް ކާމިޔާބުކޮށްފައިވަނީ ވަރަށް ކައިރި ކައިރީގަ އެވެ. ފުރަތަމަ ލަނޑު 32 ވަނަ މިނެޓުގައި އިޔާން އަހުމަދު ރަޝީދް ކާމިޔާބު ކޮށްދިންއިރު 2 ވަނަ ލަނޑު 33 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މުހަންމަދު ޝަމްވީލް އެވެ.
ފުރަތަމަ ހާފު ވިލާއިން ނިންމާލީ ލީޑުގައި އޮވެގެންނެވެ. ނަމަވެސް ދެވަނަ ހާފުގައި ދ.އަތޮޅު ތައުލީމީ މަރުކަޒުން ވަނީ ކުޅުން އިތުރަށް ވަރުދަގަ ކޮއްފައެވެ. އެގޮތުން 48 ވަނަ މިނެޓުގައި އެޓީމުން ލަނޑެއް ކާމިޔާބުކޮށް ލީޑު ހަނި ކުރިއިރު އެޓީމުން ނަތީޖާ އެއްވަރުކުރީ މެޗު ނިމެން ވެފައި ވަނިކޮށެވެ. މި ލަނޑު މެޗުގެ ފަހު ވަގުތުގައި ކާމިޔާބުކޮށްދިނީ މުހަންމަދު ޝާޒީލް އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ