ލޯކަލް ކައުންސިލް އިންތިޚާބުގައި މާމިގިލީ ރަށުކައުންސިލަށް ވާދަކުރާ ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓުންނާއި، އަތޮޅު ކައުންސިލްގެ މާމިގިލީ ދާއިރާއަށް ވާދަކުރާ ޖޭޕީގެ ކެންޑިޑޭޓުގެ ކެމްޕެއިން ލޯންޗުކޮށް ކެމްޕޭން ޖަގަހައެއް ހުޅުވައިފިއެވެ.
ކެންޑިޑޭޓުންގެ ކެމްޕޭން އިފްތިތާހު ކޮށްދެއްވައި، ޖުމުހޫރީ ޕާޓީގެ މާމިގިލީ ކެމްޕޭން ޖަގަހަ ހުޅުއްވައި ދެއްވީ، ޖުމުހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްއެވެ.
ކެމްޕޭން އިފްތިތާހު ކޮށްދެއްވައި ޤާސިމް އިބްރާހިމް ދެއްކެވި ވާހަކަފުޅުގައި، އެއްބައިވަންތަ ކަމާއިއެކު އެއްބައެއްގެ ގޮތުގައި މަސައްކަތްކޮށް ޖޭޕީގެ ކެނޑިޑޭޓުންނަށް އިންތިޚާބު ކާމިޔާބު ކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ.
މާމިގިއްޔާއި މާމިގިލީ ދާއިރާއަކީ ޖުމުހޫރީ ޕާޓީއަށް ވަރަށް ބޮޑު ތާއީދެއް އޮންނަ ދާއިރާއެކެވެ.
މާމިގިއްޔަކީ ޤާސިމް އިބުރާހިމްގެ އުފަން ރަށްކަމުގައި ވާއިރު، އެދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑިވެސް ފުރުއްވަމުން ގެންދަވަނީ އެމަނިކުފާނެވެ.
މާމިގިލީ ރަށުކައުންސިލަށް ޖުމުހޫރީ ޕާޓީގެ ޓިކެޓްގައި ތިން ބޭފުޅަކު ވާދަކުރައްވައެވެ.
އެއީ ކެންޑިޑޭޓް ނަމްބަރު 1 ސިހާމް މުހައްމަދާއި، ކެނޑިޑޭޓް ނަމްބަރު 2 އަބުދުﷲ މުފީދާއި، ކެނޑިޑޭޓް ނަމްބަރު 9 މުހައްމަދު ޝަރަމްއެވެ. އދ އަތޮޅު ކައުންސިލަށް މާމިގިލީ ދާއިރާއިން ޖުމުހޫރީ ޕާޓީގެ ޓިކެޓްގައި ވާދަކުރައްވަނީ ކެނޑިޑޭޓް ނަމްބަރު 3 މުހައްމަދު ނާފިއުއެވެ.
މާމިގިއްޔާއި މާމިގިލީ ދާއިރާއަކީ ކޮންމެ އިންތިޚާބެއްގައިވެސް ޖުމުހޫރީ ޕާޓީއަށް ބޮޑު ކާމިޔާބީއެއް ލިބޭ ދާއިރާއެކެވެ.
ލޯކަލް ކައުންސިލް އިންތިޚާބު 3 ފަހަރެއްގެ މަތިން ފަސްކޮށްފައި ވާއިރު، މިހާރު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބޭއްވުމަށް ހަމަޖައްސާފައިވަނީ އަންނަ މެއި މަހުގެ 6 ވަނަ ދުވަހުއެވެ.
މިމަހުގެ 15 ވަނަ ދުވަހު އިންތިޚާބު ބާއްވާ ގޮތަށް ހަމަޖެއްސުމަށްފަހު އަނެއްކާ އަލުން މެއި 6 އަށް އިންތިޚާބު ފަސްކުރީ، ރާއްޖޭގައި ސްވައިންފުލޫ ވަރަށް ބޮޑަށް ފެތުރި އެކަމުގެ ކަންބޮޑުވުންތަކުގެ ތެރޭގައި ހުސްވި މާރޗުމަހު 17 ވަނަ ދުވަހުއެވެ.
ޖުމްހޫރީ ޕާޓީގެ މާމިގިލީ ދާއިރާގެ ކެމްޕެއިން ގާސިމް އިފްތިތާހް ކޮށްދެއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ