ރާއްޖެއިން ޔޫއޭއީއާއެކު ކަސްޓަމްސް ދާއިރާގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

ޔޫއޭއީ ކަސްޓަމްސް އާއި މޯލްޑިވްސް ކަސްޓަމްސް ސާވިސްއާ ދެމެދު އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އިއްޔެ ހެނދުނު ޔޫއޭއީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެމްއޯޔޫގައި ރާއްޖޭގެ ކަސްޓަމްސްގެ ފަރާތުން ސޮއިކުރެއްވީ، ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަޙުމަދު މުޙައްމަދެވެ. ޔޫއޭއީގެ ފަރާތުން ސޮއިކުރެއްވީ ފެޑެރަލް ކަސްޓަމްސް އޮތޯރިޓީގެ އެކްޓިން ޑިރެކްޓަ ޖެނެރަލް ހާލިދު އަލް ބުސްތާނީ އެވެ.
ކަސްޓަމްސް އިން ބުނީ މި އެމްއޯޔޫއަކީ ކަސްޓަމްސްއާ ގުޅުންހުރި ކަންކަމުގައި ދެ ފަރާތުގެ އެއްބާރުލުމާއި އެހީތެރިކަން މިހާރަށްވުރެ ވަރުގަދަ ކުރުމާއި، މަޢުލޫމާތު ބަދަލުކުރުމުގެ ގާބިލްކަން އިތުރުކުރުމާއި އެހީތެރިކަން ފޯރުކޮށް ދިނުން ކަމަށެވެ.
އިއްޔެ ގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އަހުމަދު މުހައްމަދު ވިދާޅުވީ ޔޫއޭއީ އަކީ ރާއްޖޭގެ އިގްތިސޯދުގެ އެންމެ މުހިއްމު ރޯލު އަދާކުރާ އެއް ގައުމުކަމަށާއި ރާއްޖޭގެ ޖުމްލަ އިމްޕޯޓުގެ 33 ޕަސެންޠް ހިއްސާކުރަނީ ޔޫއޭއީން ކަމަށެވެ. އިއްޔެ ވި އެއްބަސްވުމާއެކު ދެ ގައުމުގެ ކަސްޓަމްސްގެ ދާއިރާއިން ތަޖުރިބާ ބަދަލުކޮށް ވިޔަފާރިއަށް ފަހި މާހައުލެއް ގާއިމްކުރުމަށާއި ބޯޑަރު ބެލެހެއްޓުން ހަރުދަނާ ކުރަން ރާއްޖެއިން ކުރާ މަސައްކަތަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.
ޔޫއޭއީ ކަސްޓަމްސްގެ އެކްޓިން ޑިރެކްޓަ ޖެނެރަލް ޚާލިދު އަލް ބުސްތާނީގެ ވާހަކަފުޅުގައި އެމްއޯޔޫގެ ދަށުން ދެފަރާތުގެ ގުޅުންތައް ހަރުދަނާ ވެގެންދާނެ ކަމަށް ޔަޤީން ކުރައްވާ ކަމަށާއި އެކަންކަން ކާމިޔާބު ކުރުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ