މަޖިލިސް ރައީސް ކަމަށް ކުރިމަތިލައްވަނީ އިސްލާހީ ބަދަލު ގެނެވޭނެތީ: ގާސިމް

ކުރިއަށް އޮތް 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމަށް ކުރިމަތިލެއްވީ ޑިމޮކްރަޓިކް ހަޔާތުގައި އަދިވެސް ގެންނަންޖެޙޭ އިސްލާހީ ބަދަލުތަކެއް ހުރުމުން އެ ބަދަލްތައް ގެނެވޭނެކަމުގެ ޔަގީންކަން އޮތުމުންކަމަށް މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލައްވާނެ ކަމަށް އިއުލާން ކުރައްވާފައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމަގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ދެހާސް ނުވަވަނަ އަހަރު އިންތިހާބު ކުރި 17 ރައްޔިތުންގެ މަޖިލީހުގެ އެންމެ ފަހު ޖަލްސާ ނިންމަވާލެއްވުމަށްފަހު މަޖިލީހުގެ ބޭރުގައި ހުންނަވައިގެން ނޫސްވެރިންގެ ބައެއް ސުވާލްތަަކަށް ޖަވާބު ދެއްވަމުން ގާސިމް ވިދާޅުވީ މަޖިލީހުގެ ރައީސްކަމަށް ކުުރިމަތިލެއްވީ މީގެ އެތައް އަހަރެއް ކުރިން ފެށި އިސްލާހީ މަސައްކަތްތައް އިތުރަށް ކާމިޔާބުކޮށް ހަރުދަނާކުރެއްވުމަށް ކަމަށެވެ. އަދި އެކަންކަން މަޖިލީހުގެ ރައީސްކަމުގައި ހުންނަވައިގެން ކުރެއްވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށާ އެ ނޫންވެސް ބައެއް ސަބަބުތައް މަޖިލީހުގެ ރައީސްކަމަށް ކުރިމަތިލެއްވުމުގައި އެބަހުރިކަމަށެެ.
"ހަގީގަތުގައި މަޖިލީހުގެ އިންތިޚާބުގެެ ކުރިން ރައީސް ޔާމީން ވަނީ ޑިފެންސް މިނިސްޓަރު ކާނަލް ނާޒިމް މެދުވެރިކުރައްވާ އަޅުގަނޑަށް ދަންނަވާފައި އާ މަޖިލީހުގެ ރައީސްކަމަށް ކުރިމަތިލެެއްވުމަށް. ދެން އަޅުގަނޑު މި ނިންމުން ނިންމާ އިއުލާންކުރީ ރައީސް ޔާމީނަށް ވެސް އަދި ރައީސް މައުމޫނަށް ވެސް ނާޒިމަށް އަދި އަދީބަށްވެސް ދަންނަވާފައި،" ގާސިމް ވިދާޅުވިއެވެ.
މަޖިލީހުގެ ރައީސްކަމަށް ބޭފުޅަކު ނެރުމާއި ގުޅޭގޮތުން ކޯލިޝަންގެ ތެރޭގައި ޚިޔާލް ތަފާތުވުންތަކެއް އެބަހުރިކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެން ގާސިމް ވިދާޅުވީ ޚިޔާލް ތަފާތުވުމަކީ މައްސަލައެއް ނޫންކަމަށާ މަޝްވަރާކޮށްގެން ކަންކަން ހައްލު ކުރެވޭނެ ކަމަށެވެ.
ޕީޕީއެމްއާއި ރައީސް ޔާމީންވެސް ވަނީ މިކަމުގައި މަޝްވަރާކުރައްވާނެކަން ހާމަކުރައްވާފައިކަމަށް ވިދާޅުވެ ގާސިމް ވިދާޅުވީ އެމަނިކުފާނު މަޖިލީހުގެ ރައީސްކަމަށް ކުރިމަތިލެއްވީ އިސްލާޙީ މަސައްކަތްތަކެއް ކުރައްވަންކަމަށްވާތީ އެކަމުގައި ކޮންމެ ބަޔަކާއިއެކު ވެސް މަޝްވަރާކުރައްވާނެ ކަމަށެވެ.
"ކޯލިޝަންގެ ތެރޭގައި މިކަމާއިމެދު މަޝްްވަރާކުރެވޭނެ. އަދި އެމްޑީޕީއާއި އެކުވެސް މިކަމުގައި މަޝްވަރާކުރަން އަޅުގަނޑު ތައްޔާރު،" އަށާރަވަނަ މަޖިލީހަށް ރައްޔިތުންގެެ އެންމެ ތަނަވަސް އަޤްލަބިއްޔަތުން އިންތިޚާބުވެވަޑައިގެންނެވި މެންބަރު ވިދާޅުވިއެވެ.
ނިމިގެންދިޔަ 17 މަޖިލީހުގެ އިޤްތިސާދީ ކޮމެޓީއާއި، މަޖިލީހުން ޖޭއެސްސީއަށް ކަނޑައަޅާ މެންބަރުކަމުގެ މަޤާމުވެސް ފުުރުއްވާފައިވާ ގާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީ އޮތީ ސަރުކާރާއިއެކު ކަމަށާއި މަޖިލީހުގެ ނާއިބު ރައީސްކަމަށް އެ ޕާޓީން މެންބަރަކު ކުރިމަތިލައްވާނެކަމަށް ދެކެވޭ ވާހަކަތަކަކީ ހަގީގަތެއް ނޫންކަމަށެވެ.
ނިމިގެންދިޔަ ދައުރާއި ގުޅޭގޮތުން ގާސިމް ވިދާޅުވީ އެއީ ވަރަށް އުފެއްދުންތެރި އަދި ބިނާކުރެނިވި މަސައްކަތްތަކެއް ކުރެވުނު ފަސް އަަހަރު ކަމަށެވެ. އަދި ކުރިއަށް އޮތް ދައުރު ކާމިޔާބުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަމަށް ވެސް ވިދާޅުވި އެވެ.
ހަތަރު އަހަރާއި، އެގާރަ މަސްދުވަހަށްފަހް ރައްޔިތުންގެ މަޖިލީހުގެ ސަތާރަވަނަ ދައުރު ނިންމާލުމަށް މިއަދު ހެނދުނު 9:00 ޖެހި އިރު ފެށި ޖަލްސާ މެންދުރުން އަނބުރާ 3:00 ޖަހަންދެން ކުރިއަށް ގެންދިޔައިރު ކޮންމެ މެންބަރަކަށް ވަނީ ފަހު ބަސް ވިދާޅުވާން ފަސް މިނެޓްގެ ވަގުތުކޮޅެއް ރިޔާސަތުން އަރުވާފައެވެ.
އަށާރަވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވި 85 މެންބަރުން ހުވާކުުރުން އޮންނާނީ އަންނަ މެއި މަހުގެ 28 ވަނަދުވަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ