ޒައީމް މައުމޫން ތަސްމީނަށް ފޮނުއްވި ސިޓީ: ޕާޓީ ތެރޭގައި ޖެހިގެން އުޅޭ މައްސަލަ ސުލްހަވެރިކަމާ އެކު ހައްލުކޮށްދިނުމަށް އެދެން: މައުމޫން

ޑީއާރްޕީ ތެރޭގައި ޖެހިގެން އުޅޭ ޚިޔާލުތަފާތުވުމުގެ މައްސަލަ ސުލްހަވެރިކަމާ އެކު ހައްލު ކުރެއްވޭތޯ ވަރަށް ބޮޑަށް މަސައްކަތް ކޮށްދެއްވުމަށް ޑީއާރްޕީގެ ޒައީމް މައުމޫން އަބްދުލްގައްޔޫމް އެ ޕާޓީގެ ލީޑަރު އަހްމަދު ތަސްމީން އަލީގެ އަރިހުން އެދިވަޑައިގެންފި އެވެ.ޒައީމް މައުމޫން ސޮއިކުރައްވައި ތަސްމީނަށް އިއްޔެ ފޮނުއްވި ސިޓީފުޅެއްގައި އެ މަނިކުފާނު ވިދާޅުވެފައި ވަނީ، ޑީއާރްޕީ ތެރޭގައި ޖެހިގެން އުޅޭ މައްސަލަ "ވަރަށް ނުރައްކާތެރި ހިސާބަކަށް" ގޮސްފައިވާ ކަމަށާއި އެ މައްސަލަ ހައްލުކުރެއްވުމަށް ސުލްހަވެރިކަމާ އެކު މަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިންގަންނަވާ ކަމަށެވެ."ޑީއާރްޕީގެ ޒައީމްގެ ހައިސިއްޔަތުން އަޅުގަނޑު މަނިކުފާނުގެ އަރިހުން މި އެދެނީ، ސުލްހަވެރިކަމާ އެކު މި މައްސަލަ ހައްލު ކުރެއްވޭތޯ ވަރަށް ބޮޑަށް މަސައްކަތް ކޮށްދެއްވުމަށެވެ. އަދި މި މަގުސަދުގައި އަޅުގަނޑު ނުހަނު އިޚްލާސްތެރިކަމާ އެކު ކުރަމުން މިގެންދާ މަސައްކަތްތަކުގައި ބައިވެރިވެވަޑައިގެން ދެއްވުމަށެވެ." ރައީސް މައުމޫން މެލޭޝިޔާގައި ހުންނަވައި ތަސްމީނަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވެ އެވެ.މި ވަގުތު ޑީއާރްޕީގެ އެންމެ ބޮޑު އުއްމީދަކީ އެނބުރި ވެރިކަމަށް އައުން ކަމަށާއި މިއަދު ޕާޓީން މަސައްކަތްކުރަންވީ އެ އުއްމީދު ހާސިލްކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރުމަށް ކަމަށް އެމަނިކުފާނު ސިޓީގައި ވިދާޅުވެފައިވެ އެވެ. އަދި އެ އުއްމީދު ހާސިލްކުރުމަށްޓަކައި މިވަގުތު އެންމެ ބޮޑު ސަމާލުކަމެއް ދޭންވީ ކަމަކީ، ޑީއާރްޕީގެ ތެރޭގައި މިހާރު އުޅޭ ޚިޔާލުތަފާތުވުންތައް ނައްތާލުން ނުވަތަ ކުޑަކުރުން ކަމަށް ވެސް އެ ސިޓީފުޅުގައި މައުމޫން ވިދާޅުވެފައިވެ އެވެ."މިވަގުތު މިއުޅޭ ފިކުރުގެ ތަފާތުތައް ނައްތާލެވޭނީ، ނުވަތަ ކުޑަކުރެވޭނީ އެކުވެރިކަމުގެ ރޫހެއްގައި ވާހަކަދައްކައިގެންނެވެ. ޚިޔާލު ބަދަލުކޮށް މަޝްވަރާކޮށްގެންނެވެ. ހުރިހާ ކަމަކަށް ވުރެ ޕާޓީގެ މަސްލަހަތު އިސްކޮށްގެންނެވެ." ސަން އޮންލައިނަށް ކޮޕީ ލިބިފައިވާ ސިޓީގައި މައުމޫން ވިދާޅުވެފައިވެ އެވެ.އަދި އެ ސިޓީފުޅުގައި، "ޕާޓީ ތެރޭގައި އެންމެން ގުޅިގެން މަސައްކަތްކުރުމުގެ ރޫހު އާލާކޮށްދެއްވުމަށް" ތަސްމީނަށް އިލްތިމާސްކުރައްވައިފައި ވެއެވެ. އަދި އެހެން ހުރިހާ ކަމަކަށް ވުރެ ގައުމާއި ޕާޓީގެ މަސްލަހަތު އިސްކުރެއްވުމަށް ވެސް ގޮވާލައްވައިފައި ވެއެވެ."ޑީއާރްޕީގެ ޒައީމްގެ ހައިސިއްޔަތުން، މިއަދު އަޅުގަނޑު މަނިކުފާނަށް އިސްލްތިމާސްކުރަނީ، ޕާޓީގެ ތެރޭގައި އެންމެން ގުޅިގެން މަސައްކަތް ކުރުމުގެ ރޫހު އާކޮށް އާލާކޮށްދެއްވުމަށެވެ. ޕާޓީގެ އަސާސީ ގަވާއިދަށާއި ޑިމޮކްރެޓިކް އުސޫލުތަކަށް ހުރުމަތްތެރިކޮށް ހިތުމުގެ މަތިވެރި އުސޫލު ޕާޓީގެ މުއައްސަސާ ތަކުގައި ވަރުގަދަ ކޮށްދެއްވުމަށެވެ. އެހެން ހުރިހާ ކަމަކަށް ވުރެ މި ލޮބުވެތި ގައުމުގެ މަސްލަހަތާއި މި ލޮބުވެތި ޕާޓީގެ މަސްލަހަތު އިސްކުރެއްވުމަށެވެ. އަދި ހުރިހާ މެމްބަރުން ގުޅިވަޑައިގެން އެއް ރޫހެއްގައި އެއް އަޒުމެއްގައި މަސައްކަތްކޮށްދެއްވައިގެން، ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ޑީއާރްޕީއަށް ފަޚުރުވެރި ކާމިޔާބީ އެއް ހޯއްދަވައި ދެއްވުމަށެވެ."އެ ސިޓީފުޅާ ގުޅޭ ގޮތުން ތަސްމީން މިއަދު ވިދާޅުވީ، އެ ޚަބަރު ފުރަތަމަ ލިބިވަޑައިގަތީ މީޑިއާ މެދުވެރިކޮށް ކަމަށާއި އޭރު ސިޓީ ލިބިވަޑައިނުގަންނަވާ ކަމަށެވެ. ނަމަވެސް މިހާރު އެ ސިޓީ ހޯއްދަވާފައިވާ ކަމަށާއި ސިޓީ ބެއްލެވުމަށް ފަހު މިއަދުގެ ވަގުތެއްގައި "ރެސްޕޮންޑް"ކުރައްވާނެ ކަމަށް ތަސްމީން ވިދާޅުވި އެވެ. ނަމަވެސް ރެސްޕޮންޑް ކުރައްވާނެ ގޮތަކީ ކޮބައިކަމެއް ތަސްމީން ވިދާޅެއް ނުވެ އެވެ."އަޅުގަނޑަށް ފުރަތަމަ ސިޓީގެ ވާހަކަ އިވުނީ މިއަދު މީޑިއާގެ ބޭފުޅުން ގުޅުއްވާފައި ސުވާލުކުރެއްވުން. އަޅުގަނޑު އެ ސިޓީ މިހާރު ހޯދައިފިން. އެ ސިޓީ ބަލާފައި މިއަދުގެ ވަގުތެއްގައި އަޅުގަނޑު ރެސްޕޮންޑްކުރާނަން،" ޑީއާރްޕީގެ ރިޔާސީ ކެންޑިޑޭޓް ވިދާޅުވި އެވެ.ތަސްމީނަށް މައުމޫން ސިޓީފުޅެއް ފޮނުއްވާފައި މިވަނީ، ދެބޭފުޅުން މެދުގައި އޮތް ގުޅުން ވަރަށް ބޮޑަށް "ހީނަރުވެފައިވާ" ކަމަށް އަޑުފެތުރިފައިވަނިކޮށެވެ. މިހާތަނަށް ވެސް އެ އަޑުތަކާ ގުޅޭ ގޮތުން ދެބޭފުޅުން ވެސް ވަކި އެއްޗެއް ވިދާޅެއް ނުވެ އެވެ. އަދި ޑީއާރްޕީ ތެރޭގައި އުފެދިގެން އުޅޭ މައްސަލަ ހައްލުކުކުރެއްވުމަށް ދެބޭފުޅުން މެދުގައި މަޝްވަރާއެއް ކުރެއްވި ކަމެއް ވެސް ޑީއާރްޕީން ހާމަކޮށްފައެއް ނުވެ އެވެ.އެހެންނަމަވެސް، ތަސްމީނަށް "ގޮންޖައްސަވަމުން" ގެންދެވާ އެޕާޓީން ވަކިކުރުމަށް ނިންމާފައިވާ ނައިބު ލީޑަރު އުމަރު ނަސީރުގެ ފެކްޝަނާ މައުމޫނާ ދެމެދު ވަނީ ފާޅުކަން ބޮޑު ގޮތެއްގައި ބައްދަލުވުންތައް ބާއްވައިފަ އެވެ. އަދި އުމަރު ޕާޓީން ވަކިކުރެއްވުމަށް ނިންމި ނިންމުން ގަބޫލުނުކުރައްވާ ކަމަށް ވެސް މައުމޫން ވަނީ ވިދާޅުވެފަ އެވެ.އުމަރުގެ ފެކްޝަނުން މިހާރު މަސައްކަތްކުރަމުންދަނީ، ކުއްލި ކޮންގްރެސްއެއް ބާއްވައި، ރިއާސީ ޕްރައިމަރީސްއެއް ބޭއްވޭނެ ގޮތަށް ޕާޓީގެ އަސާސީ ގަވާއިދު އިސްލާހު ކުރުމަށެވެ. އަދި ރިއާސީ އިންތިހާބުގައި ޕާޓީ ތަމްސީލު ކުރައްވާނީ އެ ޕްރައިމަރީން ހޮވޭ ފަރާތެއް ކަމަށް ވެސް އެ ފެކްޝަނުން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ