ހޯމް މިނިސްޓަރު އުމަރު ނަސީރުގެ މައްސަލަ ބައްލަވާ ކްރިމިނިލް ކޯޓުގެ ގާޒީ ބަދަލުކުރުމަށް އުމަރު މިއަދު އެދިވަޑައިގެންފި އެވެ.
އިތުބާރު ހުރި ފަރާތަކުން ވަނީ މިކަން ވީނިއުސް އަށް ޔަގީންކޮށްދެއްވާފަ އެވެ. އުމަރުގެ މައްސަލަ ބައްލަވަނީ ޖޭއެސްސީގެ ނައިބް ރައީސް އަދި ކްރިމިނަލް ކޯޓުގެ ގާޒީ އަބްދުﷲ ދީދީ އެވެ.
ގާޒީ ބަދަލުކުރެއްވުމަށް އެދިވަޑައިގެން އުމަރު މިއަދު ވަނީ އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒު ހުސައިން އަށާއި، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދަށް ސިޓީއެއް ފޮނުއްވާފަ އެވެ.
އުމަރުގެ މައްސަލަ ބައްލަވާ ގާޒީ ބަދަލުކުރުމަށް އޭނާ އެދިވަޑައިގެންނެވީ މައްސަލަ ބައްލަވާ ގާޒީ މާބޮޑަށް ޒާތީވެވަޑައިގެން ކަންކަން ކުރައްވާތީ އުމަރާ ދެކޮޅަށް އިންސާފުވެރި ޝަރީއަތެއް ކުރިއަށް ގެންދެވިދާނެ ކަމަށް އުމަރު ގަބޫލުނުކުރައްވާތީ ކަމަށް ވެސް ސިޓީގައި ވިދާޅުވެފައިވެ އެވެެ.
އުމަރުގެ މައްސަލަ ބައްލަވާ ގާޒީ ބަދަލުކުރުމަށް އެދިވަޑައިގެންފައި މިވަނީ އުމަރު ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ އިން ބޭރުގައި ހުންނެވިކަން ކޯޓަށް އަންގާފައި ވަނިކޮށް އޭނާ ފުލުހުންގެ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް އަބްދުﷲ ދީދީ ފުލުހުންގެ މައްޗަށް އަމުރެއް ނެރުއްވާފައި ވަނިކޮށެވެ.
އުމަރުގެ މައްޗަށް ކުރާ ދައުވާގައި ބުނަނީ ޖެނުއަރީ 23، 2012 ގައި އެމްއެމްއޭ ކައިރީގައި މުޒާހަރާ ކުރި މީހުންނާ މުހާތަބުކޮށް މުޒާހަރާގެ ހަރަކާތްތައް ބަދަލުކޮށްލުމަށާއި އެގޮތަށް ހަރަކާތްތައް ބަދަލުކޮށްލުމުން އެ ހަރަކާތްތައް ރައީސް އޮފީސް ކައިރީގަ އާއި ރައީސް އޮފީހަށް ބޭރުގެ ޑިޕްލޮމޭޓުން ދާ ގަޑީގަ އާއި އދ.ގެ މަންދޫބަކު އެއާޕޯޓަށް ފައިބައި ގަޑީގަ އާއި އދ. އޮފީސް ކައިރީގަ އާއި އެމްއެންބީސީ ކައިރީގައި ކުއްލިކުއްލިއަށް ހިނގާނެ ކަމަށް އުމަރު ވިދާޅުވެފައިވާ ކަމަށެވެ.
އަދި އެގޮތަށް ކަންތައްކޮށް ސިފައިންނަށް ދަތި ކުރުމަށާއި އެ ހަރަކާތަށް ބޭނުން ވަނީ 2000 ވޮލަންޓިއަރުން ކަމަށް ވިދާޅުވި އިރު އެ 2000 މީހުން ވަކި އިންތިޒާމެއްގެ ދަށުން އެ ހަރަކާތް ހިންގައި ދިވެހި ސިފައިން ވަރުބަލި ކުރުމަށްފަހު 12 ފޫޓުގެ 50 ހަރުގަނޑު ބޭނުންކޮށްގެން ދިފާއީ ބާރުގެ މައި މަރުކަޒުގެ ތެރެއަށް އެއްފަހަރާ ވަންނާނީ ކަމަށް ދޭހަވާ ގޮތަށް ވިދާޅުވެ ރާއްޖޭގެ އަމަންއަމާން ކަމަށް ގެއްލުން ލިބިދާނެ ވާހަކަ ދައްކަވާފައިވާ ކަމަށެވެ. ނަމަވެސް އުމަރު ވަނީ އޭނާގެ މައްޗަށް ކުރާ ދައުވާއަށް އިންކާރުކުރައްވާފަ އެވެ.
މި ދައުވާ ސާބިތުވެއްޖެނަމަ ދެވޭ އަދަބަކީ ގިނަވެގެން 150ރ. އިން ޖޫރިމަނާ ކުރުން ނުވަތަ ހަ މަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށްލުން ނުވަތަ އަރުވާލުން ނުވަތަ ގޭ ބަންދު ކުރުމެވެ.
އުމަރުގެ މައްސަލަ ބައްލަވާ ގާޒީ ބަދަލުކުރަން ހުށަހަޅުއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ