ކުދި ޖަޒީރާ ގައުމުތަކުގެ ރައްކާތެރިކަމަށް މަސައްކަތްތަކެއް ކޮށްފައެއް ނެތް: މައުމޫން

ކުދި ޖަޒީރާ ގަައުމުތަކަށް ހާއްސަ ސަމިޓްތައް ބާއްވާ މަޝްވަރާކޮށް އެއްބަސްވުން ހެދި ނަމަވެސް ކުދި ޖަޒީރާ ގައުމުތަކުގެ ރައްކާތެރި ކަމަށް މާ ބޮޑު މަސައްކަތް ތަކެއް ކުރެވިފައި ނުވާ ކަމަށް ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ސަމޯއާގައި މިހާރު ކުރިއަށްދާ ކުދި ޖަޒީރާ ގައުމުތަކުގެ ސަމިޓްގައި ރާއްޖެ ތަމްސީލްކުރައްވާ އެންމެ އިސްވެރިއެއްގެ ހައިސިޔަތުން ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫނު ވިދާޅުވީ ގައުމުގެ ސައިޒަކީ އެ ގައުމުގެ ކުރިމަގު ބައްޓަންކުރާނެ ހަމައެކަނި ވަސީލަތް ނޫން ކަމަށާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ޖައްވަށް ވިހަ ގޭސް ބޭރުކުރާ ބޮޑެތި ގައުމުތަކުން އެ މައްސަލަ ހައްލު ކުރަން އިސް ނަގަން ފަސްޖެހޭނަމަ ކުދި ޖަޒީރާ ގައުމުތަކަށް އެކަމުގައި އިސް ނެގުމަށް ފުރުސަތު ދޭން އެދި ވަޑައިގަންނަވާ ކަމަށެވެ. ކުދި ޖަޒީރާ ގައުމުތައް އެކަމަށް ތައްޔާރަށް އޮތް ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
ކަނޑުގެ ލޮނުގަނޑު އުފުލުމާއި އަވަސް އަވަހަށް މޫސުމް ބަދަލުވުމާއި، ފެން ތަޣައްޔަރުވުމާއި މަސްމަހާމެހި ހިޖުރަ ކުރުމުގެ ސަބަބުން ރާއްޖޭގެ އިކޯ ސިސްޓަމަށް ނުރައްކާވެފައިވާ ކަމަށް އިޝާރާތް ކުރައްވާ މައުމޫން ވިދާޅުވީ ބައިނަލްއަޤްވާމީ އެއްބާރުލުން ނުލިބުމުގެ ސަބަބުން ކުދި ޖަޒީރާ ގައުމުތަކުގެ ނާޒުކު ތިމާވެށި ހަލާކުވަމުންދާ ކަމަށާއި، ތިމާވެށި ހިމާޔަތްކުރަން ރާވާ މަސައްކަތްތައް ވެސް ހަގީގަތަކަށް ނުހެދޭ ކަމަށެވެ.
ކުދި ޖަޒީރާ ގައުމުތަކަކީވެސް ކަންކަމުގައި އިސް ނަގާ އުޅެވޭނެ ގައުމުތަކެއްކަން ވޭތުވެދިޔަ ސާޅީހަކަށް އަހަރުގެ ތެރޭގައި ދުނިޔެއަށް ދައްކައިދީފައިވާ ކަމަށާއި، ބައިނަލްއަގުވާމީ ސިޔާސީ މައްސަލަތަކުގެ ތެރެއިން ކުދި ޖަޒީރާ ޤައުމުތައް ވެސް ކުރިއަރާފައިވާ ކަމަށެވެ. ދުނިޔެ ހޫނުވުމާއި ކަނޑުގެ ލޮނުގަނޑު އުސް ވަމުންދާ ދިޔުމަށް ދުނިޔޭގެ ސަމާލުކަން 1987 ވަނަ އަހަރު ރާއްޖެއިން ހޯދައިދީ އެ މައްސަލައިގައި އދ. ހޭލައްވާލި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ