ސްޕްރީމް ކޯޓުގެ އަމުރާއި ގުޅިގެން ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)ގެ މަގާމަށް ނަން ހުށަހަޅާފައިވާ ފަރާތާއި އިންޓަވިއު ކުރުމަށް މާދަމާ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީގެ ބައްދަލުވުމެއް ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ކޮމެޓީގެ މުގައްރިރު އަހްމަދު ސަމީރު ވިދާޅުވެއްޖެ އެވެ.
ވީނިއުސްއަށް މިއަދު މައުލޫމާތު ދެއްވަމުން ސަމީރު ވިދާޅުވީ ޕީޖީގެ މަގާމަށް އައްޔަންކުރުމަށްޓަކައި މަޖިލީހަށް ފޮނުވާފައިވާ މައުމޫން ހަމީދުގެ ނަން ދިރާސާކުރުމުގެ މަސައްކަތް ހުއްޓިފައި އޮތީ ޕާޓީތަކަށް ނިސްބަތްވާ މެންބަރުން ދޭންޖެހޭ އެއްބާރުލުން ކޮމެޓީއަށް ނުދީގެން ކަމަށާއި ނަމަވެސް ސްޕްރީމް ކޯޓުގެ އަމުރާއި ގުޅިގެން މިމަސައްކަތް އަވަސްކުރުމަށް ކޮމެޓީގެ ބައްދަލުވުމެއް ބޭއްވުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށެވެ.
ސްޕްރީމް ކޯޓުން އަމުރު ނެރުމުގެ ކުރިންވެސް އެތައް ފަހަރެއްގެ މަތިން ކޮމިޓީގެ ބައްދަލުވުމެއް ބާއްވާ ޕީޖީ އައްޔަންކުރުމުގެ މަސައްކަތް ކޮމިޓީން ނިންމުމަށް މަސައްކަތްކުރެއްވި ކަމަށާއި ނަމަވެސް ކޮމެޓީގެ މަސައްކަތްތައް ކުރިއަށް ގެންދެވިފައި ނުވަނީ ޕާޓީ ތަކަށް އެއްބަސްވުމަކަށް ނާދެވިގެން ކަމަށް ވެސް ސަމީރު ވިދާޅުވި އެވެ.
އެންމެފަހުން ބާއްވަން މަސައްކަތްކުރި މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީގައި ޕީޖީގެ މަގާމަށް އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވި މައުމޫން ހަމީދުއާއި އިންޓަވިއު ކުރުމުގެ އިތުރުން އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ކަމަށް ހުށަހެޅުއްވި ތިން ބޭފުޅުންނާއި ޕޮލިސް އިންޓަގްރިޓީ ކޮމިޝަންގެ މެމްބަރު ކަމަށް ހުށަހަޅުއްވާފައިވާ ބޭފުޅާއާ ވެސް ކޮމެޓީން އިންޓަވިއު ކުރާ ގޮތަށް އޮތީ ނިންމާފަ އެވެ.
ސަރުކާރު ކޯލިޝަނުން ކޮމެޓީއަށް އެއްބާރުލުން ދޭނެ ކަމަށާއި ނަމަވެސް އެމްޑީޕީން ކޮމެޓީއަށް އެއްބާރުލުން ނުދޭ ކަމަށްވާނަމަ މިފަރާތްތަކާއި އިންޓަވިއު ނުކުރެވި މިމައްސަލަ ދިގުލައިގެން ދާނެ ކަމަށް ވެސް ސަމީރު ވިދާޅުވި އެވެ. ކޮމިޓީގެ ބައްދަލުވުމެއް ބޭއްވިދާނެ ކަމަށާއި ނަމަވެސް އިންޓަވިއު ކުރުމަށް ހަމަޖެހިފައިވާ ފަރާތްތައް ކޮމެޓީއަށް ހާޒިރުކޮށް އެބޭފުޅުންގެ ކުރިމަތީގައި ޕާޓީކުން ދެބަސްވުން އުފެދި ޒުވާބުކުރުމާއި ހަމަނުޖެހުމަކަށް ދާން ބޭނުން ނުވާ ކަމަށް ވެސް ސަމީރު ވިދާޅުވި އެވެ.
އެމްޑީޕީގެ މެންބަރުންގެ މައިގަނޑު ގޮތެއްގައި ފާހަގަކުރާ މައްސަލައަކީ މަޖިލީހުގެ ޗުއްޓީގައި ކޮމިޓީގެ ބައްދަލުވުން ކުރިއަށް ގެންދަން އެމްޑީޕީން ބޭނުން ނުވުން ކަމަށްވެސް ސަމީރު ވިދާޅުވި އެވެ.
"އެމްޑީޕީގެ މެންބަރުން ނުލާވެސް ކޮމެޓީ ކުރިއަށް ގެންދެވިދާނެ އެބޭފުޅުން ހާޒިރުނުވަންޏާ މިހާރު ސަރުކާރު ކޯލިޝަނުން އެބާރުލުން ދޭކަމަށްވާނަމަ ބޭއްވިދާނެ. އެކަމަކު އިންޓަވިއު ކުރެވޭއިރު އޭރު ކުރެވޭނީ ސަރުކާރުގެ ކޯލިޝަން ޕާޓީތަކުން ތިބެގެން. އެކަމަކު އެމްޑީޕީގެ މެންބަރުން ކޮމެޓީއަށް ހާޒިރުވެ އަދި މަސައްކަތްތަކުގަ ބައިވެރިނުވިޔަސް ފާޅުގައި އެކަމާ ދެކޮޅު ހަދަންޏާ ކޮމިޓީ ކުރިއަކަށް ނުދާނެ. އަދި އަދި އެކަން ކުރުމަށް އުދަގޫވެސް ވާނެ،" ސަމީރު ވިދާޅުވި އެވެ.
މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މެޖޯރިޓީ އެމްޑީޕީއަށް ކުރިން އޮތް ނަމަވެސް ކޮމިޓީގެ މުގައްރިރު އަހުމަދު ސަމީރު ޖުމްހޫރީ ޕާޓީއަށް ސޮއިކުރެއްވުމުން އެ ކޮމިޓީގެ މެޖޯރިޓީ ސަރުކާރު ކޯލީޝަނަށް މިހާރު ވަނީ ލިބިފައި އެވެ.
މިނިވަން މުއައްސަސާތަކުގެ ބައްދަލުވުމެއް މާދަމާ ބޭއްވުމަށް މަސައްކަތް ކުރަމުންދާ ކަމަށް ކޮމިޓީގެ މުގައްރިރު ވިދާޅުވެފައި މިވަނީ ޕީޖީގެ މަގާމަށް ލަސްނުކޮށް ބޭފުޅަކު އައްޔަން ކުރުމަށާއި ޕީޖީ އޮފީހުން ކޯޓުތަކަށް ހުށަހަޅާ މައްސަލަތައް ކުރިއެކޭ ވެސް އެގޮތަށް ބަލައިގަންނަމުން ދިއުމަށް ސުޕްރީމް ކޯޓުން އިއްޔެ އަމުރުކޮށްފައިވަނިކޮށެވެ.
ޕީޖީގެ މަގާމުގައި އެންމެފަހުން ހުންނެވި އަހްމަދު މުއިއްޒު މިދިޔަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހު މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން ޕީޖީގެ މަގާމަށް ކުރިމަތިލެއްވުމަށް ރައީސް އޮފީހުން ހުޅުވާލީ ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހު އެވެ. މުއިއްޒު މަގާމުން އިސްތިއުފާ ދެއްވީ އެމަނިކުފާނުގެ މައްޗަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން އިތުބާރު ނެތް ކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމާއި ގުޅިގެންނެވެ. އަދި ޕީޖީގެ މަގާމަށް އައްޔަންކުރެއްވުމަށް މައުމޫން ހަމީދުގެ ނަން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުވީ މިދިޔަ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު އެވެ.
ޕީޖީގެ ގާނޫނުގައި ބުނެފައިވަނީ އެ މަގާމު ހުސްވާތާ 30 ދުވަހުގެ ތެރޭގައި ޕީޖީގެ މަގާމަށް މީހަކު އައްޔަން ކުރަން ޖެހޭނެ ކަމަށެވެ.
ސުޕްރީމް ކޯޓުގެ އަމުރާ ގުޅިގެން މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމެއް މާދަމާ ބޭއްވުމުގެ މަސައްކަތް ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ