ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ނަތީޖާ ގަބޫލު ނުކުރައްވާ ކަމަށާއި އެ މައްސަލަ ކޯޓަށް ހުށަހަޅުއްވަން ތައްޔާރުވަމުން އަންނަ ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީގެ އޮފީހުގައި ރަނިންމޭޓު ޑރ. ހަސަން ސައީދު އާ އެކު ނޫސްވެރިންގެ ބައްދަލުވުމުގައި ގާސިމް ވިދާޅުވީ އިލެކްޝަން ކޮމިޝަނުން އިންތިހާބުގެ ކަންތައްތައް ކުރިއަށް ގެންދިޔަ ގޮތުން އެ ކޮމިޝަނާއި މެދު އިތުބާރު ނެތް ކަމަށެވެ. އަދި އިންތިހާބުގައި ބައިވަރު މައްސަލަތައް ހުރި ކަމަށެވެ.
އެގޮތުން މަރުވެފައިވާ މީހުންގެ ނަމުގައި ބަޔަކު ވޯޓުލާފައިވާ ކަމަށާއި، މީހުންނަށް ނޭނގި ވޯޓް ރެޖިސްޓްރީ ކޮށްފައި އޮތުމާއި އެއް ތަނެއްގެ ނަތީޖާ މީޑިއާ ތަކުން ތަފާތުކޮށް ގެނެސްދީފައިވުމާއި އޮޅުވާލުމާއި މަކަރުހަދާފައިވާ ކަމަށްވެސް ގާސިމް ވިދާޅުވިއެވެ. އަދި ވޯޓް ގުނުމުގައިވެސް މައްސަލަތަކެއް އުޅޭ ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
ބަންޑާރަ ނައިބު ކަންވެސް ކުރައްވާފައިވާ ޑރ. ހަސަން ވިދާޅުވީ އިންތިހާބުގައި އޮޅުވާލައިގެން ބައެއް މީހުންގެ ނަމުގައި އެހެން މީހުން ވޯޓް ލާފައިވާ ކަމަށެވެ. އަދި 18 އަހަރުން ދަށުގެ ކުދިންގެ ނަން ވޯޓާސް ލިސްޓުގައި ހިމެނިފައިވާ ކަމަށާއި، ވޯޓްލީ މީހުންގެ ނަތީޖާ އާއި ވޯޓްލީ މީހުންގެ ޝީޓް ދިމާ ނުވާ ކަމަށްވެސް ޑރ. ހަސަން ވިދާޅުވިއެވެ.
ޑރ. ހަސަން ވިދާޅުވީ އެމައުލޫމާތުތައް ހޯދުމަށް އިލެކްޝަން ކޮމިޝަނުގައި އެދިފައިވާ ކަމަށާއި ނަމަވެސް މިހާތަނަސް އެ މައުލޫމާތު ލިބިފައި ނުވާ ކަމަށެވެ. އަދި އިންތިހާބާއި ގުޅޭ މައްސަލަތައް ދިރާސާ ކުރުމަށް ފަހު މާދަމާ ކޯޓަށް ހުށަހެޅުއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ޑރ. ހަސަން ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ މެންދުރު ވީއިރު 58 އިންސައްތަ މީހުން ވޯޓް ލާފައި ވުމާއި އެކު އިތުރު މީހުންނަށް ވޯޓް ލުމަށް އެކަށީގެންވާ ވަގުތު ހޯދައި ދިނުމަށް ވޯޓްލާ ވަގުތު އިތުރު ކުރުމަށްވެސް އެ ދެވަހު އިލެކްޝަނަށް ހުށަހެޅުއްވި ކަމަށެވެ.
އިންތިހާބުގެ ނަތީޖާ ގަބޫލު ނުކުރައްވާ ކަމަށް ގާސިމް ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ