މިހާރު ފެންނަން އޮތް މަންޒަރުން އަދި ރާއްޖެއަށް ރަނގަޅު ދުވަސްތަކެއް ނެތް ކަމަށް ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެންޑިޑޭޓު ގާސިމު އިބްރާހީމު ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ގުޅުމުގެ މައި ހަރުގެ މ.ކުނޫޒުގައި މިހާރު ބާއްވަމުން ގެންދަވާ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ގާސިމު ވިދާޅުވީ އިންތިހާބު ވަރަށް ބޮޑަށް އޮޅުވާލާފައިވާ ކަމަށާއި 20000 ވޯޓު އޮޅުވާލާފައިވާ ކަމަށެވެ. އަދި އެމްޑީޕީއަށް ގެންގޮސްފައިވާ އެ 20000 ވޯޓު އުނިކޮށް ޖުމްހޫރީ ގުޅުމުގެ ވޯޓުގެ ގޮތުގައި ހިމެނުމުން ޖުމްހޫރީ ގުޅުން އޮންނާނީ ކުރީގައި ކަމަށް ގާސިމު ވިދާޅުވިއެވެ.
"މަރުވެގެން ދިޔަ އެތައް ބަޔަކަށް، ގާތްގަނޑަކަށް ހައެއްކަ އަށެއްކަ ސަތޭކަ މީހުން މިއަދު ވެސް އަޅުގަނޑުމެން ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އަށެއްކަ ގަޑިއެއްހާއިރު ތެރޭގައި ކުރި މަސައްކަތުން ފެނިއްޖެ. އަޅުގަނޑުމެންނަށް މިދެންނެވި ވޯޓުލާ ފޮށި ކައިރީގަ ފާހަގަލާން ގެންގުޅޭ ލިސްޓު ލިބުނީމާ، އަދި އަޅުގަނޑުމެންނަށް ވޯޓުލީ މީހުންގެ ފޮށިތައް ކައިރިން ހުރިހާ ބޭފުޅުން ސޮއިކޮށްފައިވާ ޝީޓު ލިބުނީމަ، ބަލައިލެވޭ އިރު އަޅުގަނޑުމެން ޔަގީން ކުރާ އިރު، 20000 މީހުން އާދެ ގާނޫނާ ހިލާފަށް އުސޫލާއި ހިލާފަށް އޮންނާނީ ވޯޓުލާފައި. އެހެންވީމާ އަޅުގަނޑުމެންނަށް ލިބުނު ވޯޓުގެ ނަތީޖާ ރަނގަޅު ކަމަށް މިދައްކަނީ. އޮޅުވާލައިގެން އެފަރާތުން މިފަރާތަށް ޖައްސާފައި ހުރީ ނޫން ކަމެއް ވެސް ނޭނގޭ. އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އަޅުގަނޑުމެންނަށް ލިބިފައި އޮތީ މި 50000 ވޯޓު އެކަންޏެއް ނޫން. އަޅުގަނޑު ދެކޭ ގޮތުގައި 70000 ވުރެ މަތީ ނަތީޖާ އޮންނަން ޖެހޭނެ. އެއީ އަޅުގަނޑުމެންގެ ތެރޭގައި ބައިވެރިވެ އަޅުގަނޑުމެންނަށް ސަޕޯޓު ކުރާ ރައްޔިތުން އެދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުން ރޮމުން،" ގާސިމު ވިދާޅުވިއެވެ.
ގާސިމު ވިދާޅުވީ ނަތީޖާ ގަބޫލު ނުކުރައްވާ ކަމަށާއި އިންތިހާބުގައި ކުރީގައި އޮތީ ޖުމްހޫރީ ގުޅުން ކަމަށެވެ.
އެހެން ކަމުން ބަޔަކު އެންޑޯޒު ކުރަން ޖުމްހޫރީ ގުޅުމަށް ނުޖެހޭނެ ކަމަށާއި އެންޑޮޒް ކުރާނެ މީހަކު ވެސް ނެތް ކަމަށް ގާސިމު ވިދާޅުވިއެވެ. އަދި ޖުމްހޫރީ ގުޅުން އެންޑޯޒު ކުރަން ޖެހޭނީ އެހެން ފަރާތްތަކުން ކަމަށް ގާސިމު ވިދާޅުވިއެވެ.
ހިތްވަރު ކުރައްވާށޭ ދިވެހި ރައްޔިތުން. އަޅުގަނޑުމެން ދިވެހި ރައްޔިތުންނަށް އުޖާލާ ފާގަތި މުސްތަގުބަލެއް ގެނެސްދިނުމައްޓަކާ އަޅުގަނޑުގެ ޖާނާއި މާލުން ގުރުބާން ވާށެ. އަޅުގަނޑުމެން މިކަން ދޫކޮށެއް ނުލާނަމޭ. އަޅުގަނޑު ހޮސްޕިޓަލުގައި އޮތޭ، އަޅުގަނޑަށް އެވެނި އެއްޗެއް ވެއްޖެޔޭ. އަޅުގަނޑަށް ހާޓް އެޓޭކް ޖެހިއްޖެޔޭ، ކިޔައިގެން މިދައްކާ ވާހަކައަކީ ރޯބުހުތާނު ދޮގޭ އިނގޭތޯ. ތިބޭފުޅުން މާޔޫސް ކުރެއްވުމައްޓަކާއޭ. އަޅުގަނޑު މިވެނި ބޭފުޅަކު އެންޑޮޒްކޮށްފިޔޭ، މިވެނި ބޭފުޅަކު އެންޑޯޒް ކޮށްފިޔޭ. އެންޑޯޒް ކުރަން ޖެހޫނީމާ އެންޑޮޒް ކުރާނަން. އެކަމަކު މިއަދަކު އަޅުގަނޑުމެން އެންޑޯޒް ކުރާކަށް ނުޖެހޭ. އަޅުގަނޑުމެން އެންޑޯޒް ކުރާނެ އެއްވެސް މީހަކު ނެތް. އެހެން ބޭފުޅުން އަޅުގަނޑުމެން އެންޑޮޒް ކުރާނީ ﷲގެ އިރާދަފުޅާއެކު. އަޅުގަނޑުމެން ނުޖެހޭ ބޭފުޅަކު އެންޑޮޒް ކުރާކަށް،" ގާސިމު ވިދާޅުވިއެވެ.
"މާތް ﷲ އިރާދަފުޅު ކުރެއްވިއްޔާ މިއަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގައި ހުންނާނީ ގާސިމު އިބްރާހީމޭ މާތް ﷲ އިރާދަ ކުރެއްވިއްޔާ. އެކަމައި ޝައްކު ނުކުރައްވާށޭ. އެކަމާއި ޝައްކު ނުކުރައްވާށޭ އަޅުގަނޑު ދަންނަވަނީ. ﷲގެ ހަޟުރަތުން ވާގި އެދޭށޭ. ﷲ ހަޟުރަތުން ވާގި އެދި ދުއާ ކުރާށޭ. މާތްﷲ އިރާދަ ކުރެއްވިއްޔާ އެކަން ނިންމަވާނީ އެގޮތަށޭ. މިނޫން ކަލްކުލޭޝަނެއް ނެތޭ އިނގޭތޯ؟" ގާސިމު ވިދާޅުވިއެވެ.
ފެންނަން މަންޒަރުން ރަނގަޅު ދުވަސްތަކެއް އަންނާނެ ކަމަކަށްނުބެލެވޭ: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ