މައުލޫމާތު ހޯދާ ލިބިގަތުމުގެ ގަވައިދަށް އިސްލާހު ހުށަހަޅަން ހުޅުވާލައިފި

މައުލޫމާތު ހޯދާ ލިބިގަތުމުގެ ގަވާއިދު ޑްރާފްޓްކޮށް އިސްލާހު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ޖުމުލަ 68 މާއްދާގެ މައްޗަށް އެކުލަވާލައިފަވާ މި ގަވާއިދު އިންފޮމޭޝަން ކޮމިޝަނާސް އޮފީސްގެ ވެބްސައިޓުގައި ޝާއިއުކޮށްފައި ވަނީ އިއްޔެ އެވެ.
ވީނިއުސްއަށް މައުލޫމާތު ދެއްވަމުން އިންފޮމޭޝަން ކޮމިޝަނަރު އަބްދުލް އަޒީޒް ޖަމާލް އަބޫބަކުރު ވިދާޅުވީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ގަވާއިދަށް އިސްލާހު ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލައިފަވާ ކަމަށާއި އިސްލާހު ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ފޯނުންނާއި އީމެއިލްގެ އިތުރުން ފެކްސް މެދުވެރިކޮށް އިސްލާހު ހުށަހެޅޭނެ ކަމަށެވެ.
އަޒީ ވިދާޅުވީ ގަވާއިދު އެކުލަވާލުމުގެ ކުރިން މީޑިއާ އާއި ބައްދަލުކުރި ކަމަށާއި ނަމަވެސް އެއްވެސް ފަރާތަކުން އެއްބާރުލުން ނުދިނުމުން ގަވާއިދު އެކުލަވާލައިފައިވަނީ އަމިއްލަ ހިޔާލުގެ މައްޗަށް ބިނާކޮށް ކަމަށެވެ.
"މުއްދަތުގެ ތެރޭގައި ހުށަހަޅާ އިސްލާހުތަކުގެ ތެރެއިން ގާނޫނީ ގޮތުން ގެނެވޭނެ އިސްލާހުތައް ހުރި ނަމަ އެއަށް ބެލުމަށްފަހު މިހާރު އެކުލަވާލައިފަވާ ގަވާއިދަށް އިސްލާހު ގެނެސް މިމަހުގެ 22 ވަނަ ދުވަހު ގަވާއިދު ގެޒެޓް ކުރާނަން،" އަޒީ ވިދާޅުވި އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ގައުމީ ސަލާމަތަށްޓަކައި ކޮންމެހެން ސިއްރުކުރަންޖެހޭ މައުލޫމާތެއް ފިޔަވައި އާންމުކޮށް ހުރިހާ މައުލޫމާތެއްވެސް ހާމަކުރުމަށް ގާނޫނުގައި ބާރުއަޅާފައިވެ އެވެ. ގާނޫނުގައިވާ ގޮތުން އާންމު މީހަކު ނުވަތަ ނޫސްވެރިޔަކު މައުލޫމާތެއް ހޯދަން ހުށަހަޅައިފިނަމަ 21 ދުވަހުގެ ތެރޭގައި އެ މައުލޫމާތެއް ފޯރުކޮށްދޭންޖެހެ އެވެ. އަދި މަގުބޫލު އުޒުރެއް ނެތި މައުލޫމާތު ހިފަހައްޓައިފި ނަމަ އެ މީހަކު 5،000ރ. އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުމުގެ އިހުތިޔާރާއި މައުލޫމާތު އޮޅުވާލުން ނުވަތަ ނައްތާލުމަށް މަސައްކަތްކުރުން ފަދަ ކަމެއް ކޮށްފި މީހަކު 25،000ރ. އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުމުގެ ބާރު މި ގާނޫނުގެ ދަށުން އިންފޮމޭޝަން ކޮމިޝަނަރަށް ލިބިގެންވެ އެވެ.
މައުލޫމާތު ހޯދާ ލިބިގަތުމުގެ ގަވާއިދަށް އިސްލާހު ހުށަހަޅަން ހުޅުވާލައިފަވާއިރު މިދިޔަ މަހުގެ 30 ވަނަ ދުވަހުގެ ކުރިން އިންފޮމޭޝަން އޮފިސަރުން ކަނޑައަޅަން ސަރުކާރުގެ މުއައްސަސާތަކަށް ދިން މުއްދަތުގައި 111 އޮފީހަކުން އިންފޮމޭޝަން އޮފިސަރުން ކަނޑައަޅަ ހުށަހަޅައިފަ ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ