ދެފަހަރު ގުނައިގެން ވެސް ނިލަންދޫ ދާއިރާގެ ގޮނޑި ހަލީލަށް

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ނިލަންދޫ ދާއިރާގެ ވޯޓު އަލުން ގުނާ ވޯޓު ގުނި ތަނުގައި ވަގުތީ ނަތީޖާ އިއުލާންކުރި އިރު ކުރިންވެސް އެ ދާއިރާއަށް ހޮވިފައިވާ ކަމަށް ދައްކާ އަބްދުﷲ ޚަލީލަށް ތިން ވޯޓު އިތުރުވެއްޖެ އެވެ.
މިއަދު މެންދުރު 2:00 އިން ފެށިގެން ވޯޓު ގުނުމުގެ މަސައްކަތް ކުރިޔަށް ގެންގޮސް މިރޭ ގާތްގަނޑަކަށް 8:30 ހާއިރު ވޯޓު ގުނުން ނިންމާލާ، ވަގުތީ ނަތީޖާ އިރުލާން ކުރި އިރު ވަގުތީ ނަތީޖާ ދައްކާގޮތުން ކުރިން ވެސް އެ ދާއިރާގެ ވޯޓުން ކުރި ހޯއްދަވާފައިވާ އަބްދުﷲ ޚަލީލަށް ވަނީ 646 ވޯޓު ލިބިފައެވެ. މިހާރުގެ އެ ދާއިރާގެ މެންބަރު އަބްދުލް މުހުސިން ހަމީދަށް ލިބިވަޑައިގެންފައިވަނީ 463 ވޯޓެވެ. މިގޮތަށް ނަތީޖާ ބަދަލުވެފައިވަނީ މިއަދު އަލުން ވޯޓު ގުނުމުގެ ތެރޭގައި މާލޭގައި ބެހެއްޓި އެ ދާއިރާގެ ވޯޓު ފޮއްޓަކުން މުހުސިނަށް ވޯޓެއް މަދުވުމުންނެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިއަދު މުހުސިން ވިދާޅުވީ، ވޯޓުގައި މައްސަލަ އުޅޭ ކަމަށާއި، ބައެއް ވޯޓުތަކަކީ ސައްހަ ވޯޓުގެ ގޮތުގައި، ވޯޓުފޮށީގެ ވެރިޔާ ނިންމެވި ނަމަވެސް އެކަން ގަބޫލު ނުކުރެއްވޭ ކަމަށެވެ. އެހެންވީމަ ވޯޓު އަލުން ގުނުމަށް ފަހު، ކޯޓަށް ދާން ޖެހިއްޖެ ނަމަ އެކަންވެސް ކުރައްވާނެ ކަމަށެވެ.
މިއަދު ވޯޓު ގުނަމުން ދިޔައިރު، އެތަނުގައި ދެ ކެންޑިޑޭޓުންގެ ސަޕޯޓަރުންގެ މެދުގައި ހަމަނުޖެހުންތަކެއް ހިނގައި އެއްބަޔަކު އަނެއްބަޔަކު ގަޔަށް އަތްލާ ހިސާބަށް ދިއުމުން ފުލުހުން ވަނީ އެތަން ކޮންޓްރޯލްކޮށް، ސެކިއުރިޓީ ބަލަހައްޓަން ފަށާފަ އެވެ.
ނިލަންދޫ ދާއިރާގެ ރައްޔިތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ވޯޓު ފޮށީތަކާއި ބޭރުގައި ހުރި ފޮށިތަކާއި އެކު 50 ފޮއްޓަކަށް ވޯޓު ލައިފާވެ އެވެ. އިލެކްޝަންސްއިން އާންމު ކޮށްފައިވާ ވަގުތީ ނަތީޖާ ދައްކާގޮތުން އެ ދާއިރާގެ ރައްޔިތުންގެ ތެރެއިން 94 އިންސައްތަ މީހުން ވޯޓުލާފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ