މިއަދު އިރުއޮއްސުމުގެ ކުރިން އައްޑޫ ކަރަންޓުގެ މައްސަލަ ހައްލު ކުރެވޭނެ: ފެނަކަ

އައްޑުއަށް މިހާރު ދިމާވެފައިވާ ކަރަންޓުގެ މައްސަލަ މިއަދު އިރު އޮއްސުމުގެ ކުރިން ހައްލު ކުރެވޭނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.
ވީނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލް ވިދާޅުވީ މިހާރަކަށް އައިސް އައްޑޫގެ އެކި ރަށްތަކުން ކޮންމެ ދުވަހަކު ކަރަންޓު ކަނޑަމުން ދަނީ އެ ރަށުގައި ބޭނުން ކުރަމުން އަންނަ 75000 ކިލޯ ވޯޓުގެ ޔަންމާ އިންޖީނެއްގެ ޓާބޯއަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށެވެ. އެހެން ޓާބޯއެއް ހޯދުމަށް އަދި ގިނަ ދުވަސްވާނެތީ، މިހާރު އެ ރަށުގައި ހުރި 800 ކިލޯވޯޓުގެ އިންޖީނު އިންސްޓޯލް ކުރަމުން އަންނަ ކަމަށާއި އެ މަސައްކަތް މިއަދު އިރުއޮއްސުމުގެ ކުރިން ހައްލު ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އިންޖީނަށް މައްސަލަ ދިމާވެ އެ ރަށުގައި ކަރަންޓު ކެނޑެން ފެށީ މިދިޔަ ހޯމަ ނުވަތަ އަންގާރަ ދުވަސްހާ ތަނުގައި. އެކަން ހައްލުކުރުމަށް ބުރާސްފަތި ދުވަހުން ފެށިގެން އަޅުގަނޑުމެން މި އަންނަނީ މަސައްކަތް ކުރަމުން. އިރާދަކުރެއްވިއްޔާ މިއަދު އިރުއޮއްސުމުގެ ކުރިން މައްސަލަ ހައްލުވެ، ކަރަންޓު ދެވޭނެ،" ނިމާލް ވިދާޅުވި އެވެ.
އައްޑޫގައި މިހާރު ބޭނުން ކުރަމުން އަންަނަ 800 ކިލޯ ވޯޓުގެ އިންޖީނަކީ އޭއެފްސީކަޕްގެ މެޗުތައް ކުޅުނުއިރު އެ އަތޮޅުގައި ބޭނުން ކުރުމަށް ގެންދިޔަ އިންޖީނުތަކުގެ ތެރެއިން ރޯދަ މަހު ބޭނުން ކުރުމަށް ގެންގޮސްފައިވާ އިންޖީނެކެވެ.
ނިމާލް ވިދާޅުވީ މައްސަލަ ޖެހިފައިވާ ޔަންމާ އިންޖީނަށް އާ ޓާބޯއެއް ހޯދުމަށް ހަތަރު ނުވަތަ ފަސް މިލިޔަނެއްހާ ރުފިޔާ ހަރަދުވާނެ ކަމަށެވެ. އަދި ޓާބޯ ރާއްޖެއަށް ގެނެވޭނީ ވެސް 45 ދުވަސް ފަހުން ކަމަށާއި އެ އަގުގައި އާ އިންޖީނެއް މާ ފަސޭހައިން ލިބޭނެ ކަމަށެވެ.
އައްޑޫގެ ކަރަންޓުގެ މައްސަލަ އާ ގުޅިގެން ފެނަކައިން އިއްޔެ ނެރެފައިވާ ނޫސްބަޔާނެއްގައި ބުނީ އައްޑޫގެ ކަރަންޓުގެ ހިދުމަތް ރަނގަޅު ކުރުމަށް 1.6 މެގަވޯޓުގެ ޖަނަރޭޓަރުގެ ސްޕެއާތައް ފޮނުވައި، އިތުރަށް ބޭނުންވާނެ ކަމަށް އިންޖިނިއަރުން ފާހަގަކޮށްފައިވާ ސްޕެއާތައް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އައްޑުއަށް ދެ މެގަވޯޓުގެ އާ ޖަނަރޭޓަރެއް ގަތުމަށް ބިޑް އެވޯޑް ކުރި ފަރާތާއި އެ ކުންފުންޏާ ދޭތެރޭ މި މަހުގެ ތެރޭގައި ސޮއި ކުރާނެ ކަމަށް ވެސް އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ