އެއްވެސް ބޭފުޅެއްގެ ފަހަތުގައި ނުހުންނާނަން - ގާސިމް

އަންނަ ރިޔާސީ އިންތިޙާބްގައި އެއްވެސް ބޭފުޅެއްގެ ރަނިންގމޭޓެއްގެ ގޮތުގައި ނިކުތުމަށް ނިންމަވާފައި ނުވާކަމަށް ޖުމްޙޫރީ ޕާޓީގެ ލީޑަރ އަދި ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ޕާޓީގެ ރަސްމީ ވެބްސައިޓަށް ދެއްވި އިންޓަވިއުއެއްގައި ގާސިމް ވިދާޅުވީ އެއްވެސް ކެންޑިޑޭޓެއްގެ ރަނިންގމޭޓެއްގެ ގޮތުގައި އަންނަ ރިޔާސީ އިންތިހާބާއި ކުރިމަތި ނުލައްވާނެ ކަމަށާއި އަންނަ ރިޔާސީ އިންތިޙާބާއި އެމަނިކުފާނު ކުރިމަތިލައްވާނީ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ކަމަށެވެ.
ރާއްޖެއަށް ޑިމޮކުރަސީ ގެނައުމަށްޓަކާއި އެމަނިކުފާންގެ ބުރަ މަސައްކަތުން 2008 ވަނަ އަހަރު ގެނައި ސަރުކާރުގެ ސަބަބުން ރައްޔިތުންނަށް ލިބުނީ ވަރަށް ބޮޑު ހިތްދަތިކަމެއް ކަމަށާއި އެހެންކަމުން މިފަހަރު އަނެއްކާވެސް ރާއްޖޭގެ ރައީސުލްޖުމްޙޫރިއްޔާ ކަމުގެ މާޤާމާއި ކުރިމަތިލައްވާއިގެން މަސައްކަތް ކުރައްވާނީ 2008 ވަނަ އަހަރު ކެނޑި ކަނޑުލުގެ ހިތި ފިލުވަންކަމުގައި ގާސިމް ވިދާޅުވިއެވެ.
އެހެންކަމުން އެކަނޑުލުގެ ހިތި ފިލުވޭނީ އެމަނިކްފާނަށް ކަމަށާއި ކޮންމެ ފަދަ ޤްރްބާނީއެއް ވެގެން ނަމަވެސް ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ ތަރައްޤީއާއި ތަޙްޒީބް ގެނެސްދެއްވަން ތައްޔާރަށް ހުންނެވިކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަދި މިމަސަތްކަތުގައި ޤައުމަށް ހެޔޮއެދޭ އެންމެހާ ފަރާތްތަކުން އެމަނިކުފާންގެ މިމަސަތްކަތުގައި ބާއިވެރިވާނެކަމާއި މެދު ޝައްކު ނުކުރަށްވާކަމުގައި ވެސް ވިލާ ގްރޫޕްގެ ޗެއާމަން ވިދާޅުވި އެވެ.
އަންނަ ރިޔާސީ އިންތިހާބްގައި ގާސިމް ނިކުމެ ވަޑާއިގަންނަވާނީ ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙަންމަދު ވަހީދު ހަސަން މަނިކްގެ ރަނިންގމޭޓެއްގެ ގޮތުގައިކަމަށް ބުނެ ބައެއް ފަރާތްތަކުން ހަބަރު ފެތުރި ނަމަވެސް އެވާހަކަތަކަކީ އެއްވެސް ހަޤީގަތެއް އެކުލެވޭ ވާހަކަތަކެއް ނޫން ކަމަށް ޖުމްހޫރީ ޕާޓީން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ