ޒުވާނުންނަކީ ވިޔާނުދާ ބައެއް ނޫން ކަމަށް މައުމޫން ވިދާޅުވެއްޖެ

ދިވެހިރާއްޖޭގައި ތިބި ޒުވާނުންނަކީ ވިޔާނުދާ ބައެއް ނޫން ކަމަށާއި ޒުވާނުންނަކީ "އެގޮތް މިގޮތަށް" އުޅޭ ބައެއް ނޫން ކަމަށް ކުރީގެ ރައީސް އަދި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ރޭ ފުވައްމުލަކުގައި ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ ރިޔާސީ ކެނޑީޑޭޓް އަބުދުﷲ ޔާމީންގެ ކެމްޕޭން ރަސްމީކޮށް ފެށުމަށް ރޭ ފުވައްމުލަކު ހާފިޒް އަހުމަދު ސުކޫލުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ޕީޕީއެމް އާއި ގުޅޭ ހުރިހާ ޒުވާނުންނަކީ ވަރަށް ހަރުދަނާ ބައެއް ކަމަށާއި އެކުދިންނަކީ އެކުދިންގެ މުސްތަގުބަލަށްޓަކައި އަދި މުޅި ގައުމަށްޓަކައި ކެރިތިބެގެން މަސައްކަތްކޮށްދޭނެ ބައެއް ކަމަށެވެ.
ޕީޕީއެމްއިން ބުނީ ފުވައްމުލަކުން އެޕާޓީއަށް ރޭ ސޮއިކޮށްފައިވާ 100 ޒުވާނުންނަކީ އުމުރުން 30 އަހަރުން ދަށުގެ ޒުވާނުން ކަމަށެވެ.
ރޭގެ ޖަލްސާގައި ވާހަކަދައްކަވަމުން ފުވައްމުލަކު އަތޮޅު ކައުންސިލްގެ ރައީސް އަލީ ފަޒާދު ވިދާޅުވީ އެރަށުން މިރޭ ޕީޕީއެމްއަށް ސޮއި ކުރި ޒުވާނުގެ ތެރޭގައި އިއްޔެ 18 އަހަރު ފުރުނު ޒުވާނުން ވެސް ތިބި ކަމަށާއި އެޒުވާނުންގެ ތެރޭގައި ފާއިތުވި ފަސްއަހަރު ކުށުގެ ރެކޯޑެއް އޮއް އެއްވެސް ކުއްޖަކު ނެތްކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.
ރައީސް މައުމޫން ވަނީ ރޭގެ ޖަލްސާގައި ގުޅުނު ޒުވާނުންނަށް ޕީޕީއެމްގެ ރައީސްގެ ނަމުގައި އާއި ކައުންސިލްގެ ނަމުގައި އާއި ޕާޓީގެ ހުރިހާ މެންބަރުންގެ ނަމުގައި ޝުކުރު އަދާކުރައްވާފައެވެ.
ރައީސް މައުމޫން އިތުރަށް ވިދާޅުވީ ފަހަކަށް އައިސް ރާއްޖޭގެ ޒުވާނުންނޭ ބުނެފި ނަމަ މީހުންގެ ހިތަށް އަރަނީ އެއީ ވަރަށް ގޯސް ބައެއްގެ ގޮތުގައި ކަމަށެވެ. އެގޮތުން ކޮންމެވެސް ކަހަލަ އެހެން ބާވަތެއްގެ ދިރިއުޅުމެއް އުޅޭ ބަޔަކަށް ޒުވާނުން ދެކެމުންދާ ކަމަށާއި ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
"ވަރަށް ތައުލީމީ ހަރުދަނާ ޒުވާނުން އެބަތިބި، އަޅުގަނޑުމެންނަށް އެމީހުންގެ ހިދުމަތް ވަނީ މީގެކުރިން ވެސް ފެނިފައި، އަދި އަޅުގަނޑުގެ ރައީސް ކަމުގައިވެސް ވަރަށް ގިނަ ދާއިރާތަކުގައި ވަރަށް ގިނަ އަދަދެއްގެ ޒުވާނުން ވަރަށް ބިނާކުރުވަނިވި އުފެއްދުންތެރި މަސައްކަތްތަކެއް ކުރައްވަމުންގެންދެވި، އެކަން އަޅުގަނޑު ވަނީ އަޅުގަނޑުގެ އަމިއްލަ ލޮލުން ދެކިފައި، އެހެންވީމަ ދިވެހިރާއްޖޭގެ ޒުވާނުންނަކީ ވިޔާނުދާ ބައެއް ނޫން." ރައީސް މައުމޫން ވިދާޅުވި އެވެ.
ބައެއް ބޭފުޅުން ވާހަކަފުޅު ދައްކަވާއިރު ބައެއް ޕާޓީ ތަކުން ކޯލިޝަން ހަދާ ވާހަކަ ވިދާޅުވާކަން ފާހަގަކުރައްވާ ރައީސް މައުމޫން ވިދާޅުވީ އެއްވެސް ބޭފުޅަކު ބޭނުންފުޅު ވަނީ ފުރިހަމަ ޑިމޮކްރެސީއެއް ކަމަށް ވާނަމަ އާއި އެއްވެސް ބޭފުޅަކު ބޭނުން ވަނީ ރާއްޖޭގައި، އިސްލާމް ދީން ދެމި އޮތުން ކަމަށް ވާނަމަ އާއި އެއްވެސް ބޭފުޅަކު ބޭނުންފުޅު ވަނީ ދިވެހި ރާއްޖޭގެ ސިޔާދަތު ފުރިހަމައަށް ރައްކާތެރިވެފައި އޮންނަން ކަމަށް ވާނަމަ އާއި އެއްވެސް ބޭފުޅަކު ބޭނުންވަނީ ރައްޔިތުންގެ ހައްގުތައް ހިމާޔަތްވެފައި އޮތުން ކަމަށްވާނަމަ އާއި އެއްވެސް ބޭފުޅަކު ބޭނުންވަނީ ރާއްޖޭގެ އަމަން އަމާންކަން ސުލްހަމަސްލަސްކަން ގާއިމުވެފައި އޮތުމަށްކަމަށްވާނަމަ އާއި އެއްވެސް ބޭފުޅަކު ބޭނުންވަނީ ސަރުކާރުން އަބަދުވެސް ރައްޔިތުންގެ ލާބަޔާއި މަންފާއަށް މަސައްކަތްކުރުން ކަމަށްވާނަމަ އެބޭފުޅަކު އަވަހަށް ޕީޕީއެމްއާއި ގުޅިވަޑައިގަތުމަށް ގޮވާލައްވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ